ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ހަތިޔާރަކީ ފުލުހުން ވެއްދި ތަކެތި ކަމަށް ކަނޑައަޅައި، ނާޒިމް ވަގުތުން ދޫކޮށްލައި ޖަލުގައި ހުންނަވަންޖެހި ވަޑައިގަތުމުގެ ސަބަބުން ލިބިވަޑައިގެންފައިވާ ގެއްލުމުގެ ބަދަލު ނަގައިދޭން އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ދިވެހި ސަރުކާރަށް އަންގައިފި އެވެ.
ނާޒިމް ދިރިއުޅުއްވަމުން ގެންދެވި އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ބުނާ މައްސަލައިގައި ނާޒިމްގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލި ހުކުމެއް އިއްވާފަ އެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާއިރު ސުޕްރީމް ކޯޓުން ވަނީ އިސްތިއުނާފް މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފަ އެވެ. އަދި ނާޒިމަށް ހުކުމް އިއްވީ ރަނގަޅަށް ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ނިންމުމުން ހުކުމް އިސްތިއުނާފުކޮށް ސަލާމަތްވާން ހުރި ހުރިހާ ދޮރުތަކެއް ނާޒިމް އަށް ބަންދުވި އެވެ. އެހެންކަމުން ނާޒިމްގެ އާއިލާއިން ނިންމީ ނާޒިމަށް އިންސާފު ހޯދައިދެވޭނީ ރާއްޖެއިން ބޭރުން ކަމަށެވެ. އެގޮތުން އެމްނެސްޓީ އިންޓަނޭޝަނަލްއާ ގުޅިގެން ނާޒިމްގެ އާއިލާއިން ވަނީ އެ މައްސަލަ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުށަހަޅާފަ އެވެ.
ނާޒިމްގެ ފަރާތުން ވޯކިން ގްރޫޕަށް ހުށަހެޅި މައްސަލައިގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޖަވާބުދާރީވާން ތިން މަހުގެ މުއްދަތެއް ސަރުކާރަށްދިނެވެ.
.
ނަމަވެސް ސަރުކާރުން އިތުރު ވަގުތު ބޭނުންވާ ކަމަށް ސަރުކާރުން ބުނުމުން ޖަވާބުދާރީވުމަށް އިތުރުމުއްދަތެއް ދިނެވެ. އަދި ސަރުކާރުން ޖަވާބުދީފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ދެ ފަރާތުގެ ވާހަކަތަކަށް ބެލުމަށް ފަހު ނާޒިމްގެ މައްސަލައިގައި އދ. ގެ ވޯކިން ގްރޫޕުން ނިންމުމަކާ ހަމައަށް ދިޔައީ ބުދަ ދުވަހު އެވެ.
ނާޒިމްގެ މައްސަލައިގައި އެ ގްރޫޕުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، ނާޒިމް ދިރުއުޅުއްވި އެޕާޓްމެންޓަށް ފުލިހުން ވަން ހިސާބުން ފެށިގެން ގޮސް ސުޕްރީމް ކޯޓުން އިސްތިއުނާފު ބޭރުކޮށްލުމާ ހަމައަށް ނާޒިމަށް ކަށަވަރުކޮށްދޭންޖެހޭ ހައްގުތަކެއް ނިގުޅައިގަނެވިފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބައިވެރިވެފައިވާ ދެ މުއާހަދާ ކަމަށްވާ، ބައިނަލްއަގްވާމީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާ އާއި ޔުނިވާސަލް ޑިކްލެރޭޝަން އޮފް ހިއުމަންރައިޓްސް އިން ކަށަވަރުކޮށްދޭ އެތައް ހައްގެއް ނިގުޅައިގަނެފައިވާ ކަމަށް ވޯކިން ގްރޫޕުން ނެރުނު 17 ސޮފްހާގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ރިޕޯޓުގައި ބުނެފައިވަނީ ފުލުހުން އަމަލުކުރަންޖެހޭ އުސޫލުތަކުގެ ބޭރުން ނާޒިމްގެ އެޕާޓްމެންޓަށް ހަތިޔާރު ވައްދައި، އަދި އެ ހަތިޔާރުން އެހެން މީހެއްގެ ޑީއެންއޭ ފެނުމުން ވެސް ނާޒިމް ބަންދުކޮށްފައި ހުރި ހުރުމުން ދޭހަކޮށްދެނީ މިއީ ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއްކަން ކަމަށެވެ.
ނާޒިމްގެ މައްޗަށް ދަށު ކޯޓުގައި ޝަރީއަތް ހިންގިއިރު، މައްސަލައިގެ 26 ލިޔެކިޔުމެއް ނާޒިމަށް ދީފައިނުވާކަމާއި، ބޮޑު ދައުވާއަކުން ދިފާއުވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ދީފައިނުވާކަން އެ ގްރޫޕުން ފާހަގަކޮށްފައިވެއެވެ.
އަދި ނާޒިމްގެ ފަރާތުން ދިފާއުގައި 50 ހެކިން ހުށަހެޅިއިރު، ދަށު ކޯޓަށް ހާޒިރުކުރީ އެންމެ ތިން ހެކިންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އަދި ޖަލުގައި ބަންދުކުރުމަށްފަހު ނާޒިމަށް އެކަށީގެންވާ ބޭސްފަރުވާ ދިނުމަށް އިހުމާލުވެފައިވާކަމާއި، ނާޒިމަށްދޭ ބޭސްތަކުގެ މައުލޫމާތާއި ބަލީގެ ހާލަތު އާއިލާއަށް އަންގަމުން ގޮސްފައިނުވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އދ. ގެ ވޯކިން ގްރޫޕުން ބުނީ ނާޒިމްގެ މައްޗަށާއި އެހެނިހެން ސިޔާސީ ފަރާތްތަކުގެ ޝަރީއަތްތަކުގައި އެތްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށާއި އިޖުރާއަތުތައް ފުރިހަމަނުވާ ކަމަށެވެ. ވަކިން ހާއްސަކޮށް ނާޒިމްގެ ޝަރީއަތުގައި ގިނަ ކަންތައްތަކެއް ބައިނަލްއަގްވާމީ މިންގަނޑުތަކާ ޚިލާފު ކަމަށް ބުނެފައިވެ އެވެ.
އެ ގްރޫޕުން ބުނީ ނާޒިމްގެ މައްޗަށް ހިންގީ މިނިވަން އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށެވެ.
އަދި ނާޒިމްގެ ފަރާތުން އދ. އަށް ހުށަހެޅި މައްސަލައިގައި ހަގީގަތް އޮޅުވާލާފައިވާ ކަމަށް ސަރުކާރުން ބުނާ ބުނުމަށް ތާއީދު ނުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ. ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ހަތިޔާރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނުނީ ކިހިނެތްތޯ ކުރާ ސުވާލަށް ސަރުކާރަށް ޖަވާބުދެވިފައިނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މިކަންތައްތައް ފާހަގަކޮށް އެ ގްރޫޕުން ވަނީ ނާޒިމް ވީހާވެސް އަވަހަަކަށް މިނިވަންކޮށް ނުހައްގުން ބަންދުކޮށްފައި ހުރި ދުވަސްތަކަށް ބަދަލު ނަގައިދިނުމަށް ސަރުކާރަށް އަންގާފަ އެވެ.
މީގެ އިތުރުން ވޯކިން ގްރޫޕުން ވަނީ ރާއްޖޭގެ ހާލަތު ބެލުމަށް ރާއްޖެ އައުމުގެ ހުއްދައަކަށް ވެސް އެދިފަ އެވެ.