ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޕްރައިމަރީ އަށް 200 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް ޕީޕީއެމް ޔާމީން ފެކްޝަނުގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ޕީޕީއެމްގެ ކައުންސިލް އިންތިހާބާއި ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގާ ވާހަކަ ދައްކަވަމުން ހަލީލު ވިދާޅުވީ، އިންތިހާބުގާ 276 ދައިރާ ހިމެނޭ އިރު 212 ދައިރާ އަކީ ޕްރައިމަރީ އަކާ ނުލާ ކެންޑިޑެސީ ލިބިފައިވާ ފަރާތައް ކަމަށާއި ޕީޕީއެމް އިން ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ 64 ދައިރާގައި ކަމަށެވެ. މި ދައިރާތަކަށް ގާތްގަނޑަކަށް 200 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަލީލު ވިދާޅުވީ، ޕީޕީއެމް ޔާމީން ފެކްޝަނުން މަސައްކަތް ކުރަނީ ޕްރައިމަރީ އަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެންޑިޑެސީ ފޯމްތައް ފިޔަވައި އެހެން ހުރިހާ ފޯމެއް މިއަދާ މާދަމާގެ ނިއަލަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ނިންމާލުމަށް ކަމަށެވެ.
ހަލީލު ވިދާޅުވީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ކުރިން ޕީޕީއެމްގެ ހުރިހާ ކެންޑީޑޭޓުންގެ ކެންޑިޑެސީ ޕޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ޕީޕީއެމުން އެއްވެސް އިރެއްގާ ދައުލަތުގެ ތަކެތި އެ ޕާޓީގެ ކަންކަމުގައި ޚާއްސަ ހައިސިއްޔަތަކުން ބޭނުން ނުކުރާ ކަމަށާއި އެޕާޓީން ދައުލަތުގެ މުދަލާއި ތަކެތި ބޭނުން ކުރަނީ އާއްމު ރައްޔިތުންވެސް ބޭނުން ކުރާ އުސޫލުތަކާއި އެއްގޮތައް ކަމަށެވެ.
ހަލީލު ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ވަރަށް ބާރަށް ކުރިއަށްދާ އިރު ފެބްރުއަރީ ފުރަތަމަ ހަފްތާގާ އެ ޕާޓީގެ ވަރަށް ޚާއްސަ ޖަލްސާ އެއް ބޭއްވިގެންދާނެ ކަމަށެވެ. މިއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓުންނަށް ޚާއްސަކޮށް ބާއްވާ ޖަލްސާއެކެވެ.
ޕީޕީއެމް ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަތީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.