އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތި ލައްވާފައިވާ ހަސަން ލަތީފްގެ ކެމްޕެއިން ވަރުގަދަ ކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން ތޮއްޑޫ ދާއިރާގެ ތިން ރަށަކަށް ވަޑާއިގެން ކެމްޕެއިން ހަރަކާތްތަކެއް ހިންގަވައިފި އެވެ.
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ބުނީ އަންގާރަ ދުވަހުގެ ހެނދުނު އއ. ތޮއްޑޫއަށާއި ރަސްދޫގައި އަދި އަންގާރަ ދުވަހުގެ ރޭ އުކުޅަހުގައި ކެމްޕެއިން ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ.
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ޗެއާރޕާސަންކަމުގެ ކެމްޕެއިންގެ އިތުރުން އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކާއި އެމްޑީޕީ ވަރުގަދަ ކުރުމަށް ހިންގާ އެކުއެކީ ހިންގާ ހަރަކާތެކެވެ.
ތޮއްޑޫ ދާއިރާގެ ދަތުރުގައި ވެސް މައިގަނޑު ގޮތެއްގައި ހިންގާފައިވާ ކެމްޕެއިން ހަރަކާތްތަކަކަކީ މަޝްވަރާ ބައްދަލުވުންތަކާއި ކަންމަތީ ބައްދަލުވުންތަކާއި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް ކަމަށް ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން މައުލޫމާތު ދެއެވެ.
މިދިޔަ ހަފްތާގައި ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ވަނީ ގދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން މަޝްވަރާ ބައްދަލުވުންތަކާއި ދޮރުން ދޮރަށް ހިނގުން ފަދަ ކެމްޕެއިންގެ ހަރަކާތްތައް ވަރަށް ކާމިޔާބު ކަމާއެކު ނިންމާލާފައި ކަމަށް ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން މައުލޫމާތު ދީފައި ވެއެވެ.
ގދ. އަތޮޅުގެ ކެމްޕެއިން ހަރަކާތަކަށް ފަހު މިދިޔަ ހަފްތާ ބަންދުގައި އިދިކޮޅު އިއްތިހާދު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އިން ރ. އަތޮޅުގައި ބޭއްވި ޖަލްސާ އާއި ހިންގި ހަރަކާތްތަކުގައި ވެސް ހަސަން ލަތީފް ބައިވެރިވެވަޑައިގެންފައި ވެއެވެ.
ހަސަން ލަތީފް ކެމްޕެއިން ޓީމުން ވަނީ ނ. އަދި ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތްކޮށް އެރަށްރަށުގައި މަޝްވަރާބައްދަލުވުންތަކާއި ކެމްޕެއިންގެ ހަރަކާތްތައް ހިންގާފައެވެ. ހަސަން ލަތީފްގެ ކެމްޕެއިން ޓީމުންދަނީ މާލޭގައި ވެސް ދޮރުން ދޮރުން ހިނގުން ފަދަ ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. އެމްޑީޕީގެ ޗެއާރޕާސަންކަމުގެ މަގާމަށް ކުރިމަތި ލައްވާފައިވަނީ ހަސަން ލަތީފް އެކަންޏެވެ.
މި ކެމްޕެއިން ހަރަކާތްތަކުގައި ހަސަން ލަތީފް ވަނީ، އެމަނިކުފާނަށް އެމްޑީޕީގެ ޗެއަރޕާސަންކަން ކާމިޔާބު ވެއްޖެ ނަމަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ޗެއަރޕާރސަންގެ އިންތިޚާބުގެ ވޯޓްލުން 10 ފެބްރުއަރީ 2017 ވާ ހުކުރު ދުވަހު ބާއްވާގޮތަށް އެޕާޓީން ވަނީ ނިންމާފަ އެވެ.