ކ. މާލެ
|
25 ޖެނުއަރީ 2017 | ބުދަ 18:03
ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު
ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު
ފޭސްބުކް
އެމްެއެންޑީއެފް
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
މިއަހަރުގެތެރޭގައި ޗެކްކޮށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނެ

ދަތުރު ފަތުރުކުރާ އުޅަނދުތަކާއި މުދާއުފުލާ އުޅަނދުތަކުގައި އަލިފާނުގެ ނުރައްކާތެރި ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް ހުރިހާ އުޅަނދުތައް މިއަހަރުގެ ތެރޭގައި ޗެކްކޮށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނެކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

 

އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމްތައް ޤާއިމްކުރުމާ ބެހޭ ގޮތުން އެކުލަވާލާފައިވާ ޤަވާއިދުގެ ޑްރާފްޓާ ބެހޭ ގޮތުން މަޝްވަރާކުރުމަށް، ޑިފެންސް މިނިސްޓްރީން އިންތިޒާމުކޮށްގެން ސަރުކާރުގެ ކަމާގުޅޭ ދާއިރާތަކުން ބައިވެރިވާ މަސައްކަތު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

 

މިނިސްޓަރު ވިދާޅުވީ މީހުން ދަތުރުކުރުމަށާއި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދު ފަހަރުގައި އަލިފާނުގެ ހާދިސާއެއް ހިނގާފާނެ ކަމަށް ބެލެވޭ ކޮންމެ ހާލަތެއްގައި އެކަމަށް އެކަށީގެންވާ އިޖާބައެއް ދެވޭ ވަރުގެ ޤާބިލުކަން އެ އުޅަނދުފަހަރުގައި ހުރިތޯ ބަލާ ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަށީގެންވާ އިޖާބައެއް ދެވޭ ވަރުގެ ޤާބިލުކަން ނެތްކަމަށްވާނަމަ އެކަންކަން ރަނގަޅުކުރުމަށްޓަކައި ދޭން ޖެހޭ ލަފަޔާއި އިރުޝާދު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

 

ސަރުކާރުގެ ކަމާގުޅޭ ދާއިރާތަކުން ބައިވެރިވެގެން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމަކީ، ރާއްޖޭގައި ޚާއްޞަކޮށް މާލޭގައި ހިނގާފައި ހުރި އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގެ ތަޖުރިބާއަށް ބަލައި، އެފަދަ ހާދިސާތަކަށް އެދެވޭ ގޮތެއްގައި އިޖާބަ ދެވިފައިހުރި މިންވަރު ދެނެގަނެ، އަދި ކުރިއަށްއޮތް ތަނުގައި އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުން ސަލާމަތްކުރުމަށް ކުރެވިދާނެ ނުވަތަ މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުމެކެވެ.

 

މި މަސައްކަތު ބައްދަލުވުމުގައި މަޝްވަރާ ކުރަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު އިން މިހާރު އެކުލަވާލާފައިވާ "އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމްތައް ޤާއިމް ކުރުމާ ބެހޭ ޤަވާޢިދު" ގެ ކަރުދާހާ ބެހޭ ގޮތުންން ކަމަށް އެމްއެންޑީއެފުން މައުލޫމަތު ދެއެވެ.

 

- ކޮމެންޓް