ކ. މާލެ
|
3 އޯގަސްޓް 2018 | ހުކުރު 18:42
ދުންޔާ މައުމޫން
ދުންޔާ މައުމޫން
ގޫގުލް
ރިޔާސީ އިންތިހާބު 2018
ދުންޔާ މައުމޫންގެ ތައުރީފް އިބޫއަށް!
އިބޫއަކީ އިޚްލާސްތެރި ބޭފުޅެއް ކަމަށް ވިދާޅުވި
ބޮޑެތި މައްސަލަތަކަށް ޙައްލު ހޯއްދަވާނެ ކަމަށް ވިދާޅުވި
އިބޫއާ ފައިސަލަކީ ވަރުގަދަ ޓީމެއް ކަމަށް ވިދާޅުވި

އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކީ ގައުމަށް މިހާރު ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ގާބިލު ބޭފުޅެއް ކަމަށް ވިދާޅުވެ ދުންޔާ މައުމޫން އިބޫ ސޯލިހަށް ތައުރީފް ކުރައްވައިފިއެވެ.

ސްރީލަންކާގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ދުންޔާ ވިދާޅުވީ އިބޫއަކީ ރާއްޖޭގައި އިންސާފު ޤާއިމް ކުރައްވަން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. ދުންޔާ ވިދާޅުވީ އިބޫގެ އިހުލާސްތެރި ސިފަތަކުގެ ސަބަބުން ރާއްޖޭގެ ބޮޑެތި މައްސަލަތައް ހައްލުކޮށް މިހާރު އުފިދިފައި އޮތް ބައިބައިވުންތައް ނިމުމަކަށް ގެންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ދުންޔާ ވިދާޅުވި ގޮތުގައި އިބޫ އާއި އޭނާގެ ރަނިންމޭޓު ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމްއަކީ ވަރުގަދަ ޓީމެކެވެ.

މީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށާއި ރައީސް ޔާމީނަށް ފާޑު ވިދާޅުވެ، ދެއްކެވި ވާހަކަފުޅެއްގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

ދުންޔާ ވިދާޅުވީ އިބޫ އާއި ފައިސަލް އިންތިހާބަށް ނިކުމެވަޑައިގަތީ ހަތަރު ލީޑަރުންގެ ފުރިހަމަ ތާއީދާއެކުގައި ކަމަށެވެ.

ދުންޔާ އިތުރަށް ވިދާޅުވީ އިބޫއަކީ ހަމަހަމަކަމާއި އިންސާފަށް ލޯބި ކުރައްވާ އިޚުލާސްތެރި ބޭފުޅެއް ކަމަށެވެ.

ދުންޔާގެ ވާހަކަފުޅުގައި ވޭތުވެދިޔަ ދެ ރިޔާސީ އިންތިޚާބުގައި ވެސް ސަރުކާރުތައް އުފެދިފައިވަނީ ކޯލިޝަންގެ ތެރެއިންކަން ފާހަގަކުރައްވެއެވެ. އެގޮތުން އިދިކޮޅު ކޯލިޝަންގެ ހަތަރު ލީޑަރުންނާ އެކު ނިކުމެވަޑައިގެން ގައުމު އެއްބައިވަންތަ ކުރައްވާނެ ބޭފުޅަކަށް އިބޫ ވެވަޑައިގަންނަވާނެ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރަން ސިޔާސީ މަޝްވަރާތައް ބޭނުންވާ އިރު އެކަމަށް އޮތް ހުރަހަކީ ސިޔާސީ ބޭފުޅުން ހައްޔަރުކޮށް، އެކި ދައުވާތަކުގައި ޖަލުގައި ތިއްބެވުން ކަމަށެވެ.

މި ސަރުކާރުގެ އުފެދުނު ފަހުން ފޮރިން މިނިސްޓަރަކަށް ހުންނެވުމަށް ފަހު ދުންޔާ އެ މަގާމުން އިސްތިއުފާ ދެއްވީ 2016 ގަ އެވެ. އޭގެ ފަހުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުން ވަޒީފާ އަދާކުރެއްވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް