މާލޭގައި ބަސްދަތުރުތައް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.
ރާއްޖޭ އެމްވީއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޓްރާންސްޕޯޓް ސާރވިސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ލަތީފް ވިދާޅުވީ ބަސްދަތުރުތައް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށާއި މިހާރު މަސައްކަތް ކުރަމުން ދަނީ ބަސް ރެޕިޑް ޓްރާންސިޓް (ބީއާރުޓީ) ސިސްޓަމެއް އިމްޕލިމެންޓް ކުރުމަށް ކަމަށެވެ.
ލުތުފީ ވިދާޅުވީ މާލެގެ މަގުތަކަކީ ކާރޫބާރު ބޮޑު މަގުތަކަކަށް ވެފައި ޕާކް ކުރާނެ ޖާގަ ނެތް މަގުތަކަކަށް ވުމުން ވީހާ ވެސް ބޮޑަށް އެކަމަށް ސަމާލުކަން ދީގެން ބަސްދަތުރުތައް ރާވަމުންދާ ކަމަށެވެ.
ބަސްދަތުރުތައް ފެށުމުގެ ބޭނުމަކީ ހެޔޮ އަގުގައި ވަގުތު ސަލާމަތް ކޮށްގެން ތަންތަނަށް ދިއުން ކަމަށާއި އެކަމަށް ވިސްނާ ދަތުރުތައް ރޭވޭނެ ގޮތެއް ރާވަމުންދާ ކަމަށް ލުތުފީ ވިދާޅުވިއެވެ.
"ހުޅުމާލެ ފެރީ ޓާމިނަލް އިން ވިލިމާލެ ފެރީ ޓަރމިނަލް އަށް ހިނގާފައި 30 މިނެޓުން ދެވޭއިރު ބަހަށް އަރައިގެން 40 މިނެޓުން ދެވުމުން ބަސްދަތުރު ތަކުގެ އަސްލު ބޭނުންހާސިލެއް ނުވާނެ. ބަސްތައް ބޭނުން ކުރަނީ ހެޔޮ އަގުގައި އަވަހަށް ތަންތަނަށް ދިއުމަށް ކަމަށް ވާއިރު ގިނަ ވަގުތު ބަހުގައި ހެދަކުރަން ޖެހުމުން އޭގެ އެންމެ އިފްކްޓިވް ގޮތުގައި މަގްސަދު ހާސިލް ވީކަމަށް ނުބެލެވޭ" ލުތުފީ ވިދާޅުވިއެވެ.
ބީއާރުޓީ ޕްލޭން އިމްޕްލިމެންޓް ކުރުމަށް ފަހު ބަސްތައް މާލެ ގެނެސް ޚިދުމަތް ދިނުމުގެ މަސައްކަތް ފެށޭނެ ކަމަށް ލަތީފް ވިދާޅުވިއެވެ.