ކ. މާލެ
|
2 އޯގަސްޓް 2018 | ބުރާސްފަތި 22:21
މާލެ ހިޔާ 2 ގެ ފްލެޓެއްގައި ފެން ބޮޑުވެފައި
މާލެ ހިޔާ 2 ގެ ފްލެޓެއްގައި ފެން ބޮޑުވެފައި
ރާއްޖެ އެމްވީ
މާލެ ހިޔާ 2
މާލެ ހިޔާގެ ފްލެޓަކަށް ފެން ފައިބާ، ބޮޑެތި ގެެއްލުންތަކެއް ވެއްޖެ
އެޕާޓްމެންޓުގައި 4 އިންޗިއެއްހާ ވަރަށް ފެން ބޮޑުވި

މާލެ ސިޓީ ކައުންސިލަށް ފްލެޓްތައް ނުބެލެހެއްޓޭ ކަމަށް ބުނެ، ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ މާލެ ހިޔާ 2ގެ އެޕާޓްމެންޓަކަށް ފެން ފައިބާ، އެ އެޕާޓްމެންޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޝާހީން މަހްމޫދު ވިދާޅުވީ ފްލެޓްތަކުގެ މަތީ ބަހައްޓާފައި ހުންނަ ފެން ހަންތައް ފުރި މުޅި އެޕާޓްމެންޓަށް ފެން ފައިބާ، އެޕާޓްމެންޓުން ކަރަންޓު ކެނޑިފައި ހުންނަތާ ގިނަ އިރުތަކެއް ވެފައިވާ ކަމަށެވެ. އަދި އެކަން ހައުސިން މިނިސްޓްރީއަށް އަންގާފައިވީ ނަމަވެސް އަދި މިނިސްޓްރީގެ މުވައްޒިފުން އައިސް މައްސަލައަށް ހައްލެއް ހޯދައިދީފައި ނުވާ ކަމަށާއި، މައްސަލައަށް ހައްލެއް ލިބުނީ ކަރަންޓް ކެނޑުނުތާ ދެ ގަޑިއެއްހާއިރު ފަހުން، ފްލެޓް ބަލަހައްޓާ ކުންފުނިން މަސައްކަތްކޮށްގެން ކަމަށް ޝާހީން ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ އެޕާޓްމެންޓްގައި ހަތަރު އިންޗިއެއްހާ މިންވަރަށް ފެން ބޮޑުވި ކަމަށެވެ. އަދި މުޅި އެޕާޓްމެންޓްގައި ފެންބޮޑުވުމުގެ ސަބަބުން ގޭގައި ހިފާ ގެންގުޅޭ އެއްޗިއްސަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ޝާހީން ވިދާޅުވިއެވެ. ޝާހީން ވިދާޅުވީ ސިޓީ ކައުންސިލަށް ފްލެޓްތައް ނުބެލެހެއްޓޭ ކަމަށް ބުނެ، ހައުސިން މިނިސްޓްރީގެ ދަށަށް ފްލެޓްތައް ބަދަލުކޮށްފައި ވާއިރު، ފްލެޓްތަކުގެ މަރާމާތަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށެވެ. 

އެޕާޓްމެންޓުގައި ބޮޑު އާއިލާއެއް ދިރިއުޅޭއިރު، ކުޑަކުދިން ވެސް އެ އަޕާޓްމެންޓުގައި ދިރިއުޅޭ ކަމަށާއި، ކަރަންޓް ނުލިބި ކުޑަކުދިންނާ އެކު އެހާ ގިނަ ވަގުތު އާއިލާ އިން ހޭދަކުރަންޖެހުމުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވެސް ޝާހީން ވިދާޅުވިއެވެ. އަދި އާއިލާ އިން ހައުސިން މިނިސްޓަރާ ބައްދަލުކުރަން އެދުނު ކަމަށާއި، ނަމަވެސް މިނިސްޓްރީ އޮފިޝަލަކު އައިސް އެޕާޓްމެންޓް ބަލާލުމަށް ފަހު އެނބުރި ދިޔައީ ކަމަށް ޝާހީން ވިދާޅުވިއެވެ. 

މައްސަލައާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތްވެފައެއް ނުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް