ކ. މާލެ
|
2 އޯގަސްޓް 2018 | ބުރާސްފަތި 16:05
އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު
އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު
ރާއްޖެ އެމްވީ
ހއ. އިހަވަންދޫ ކައުންސިލް
އިހަވަންދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށް، ކައުންސިލަރުންގެ ފޯނުތައް ހިފަހައްޓައިފި
ކައުންސިލަރުންގެ ފޯނު ފުލުހުން ހިފެހެއްޓީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން
ފޯނުތައް ހިފަހައްޓާފައިވަނީ ލޯކަލް ގަވަރމެންޓް އެތޯރިޓީން ފުލުހުންނަށް ހުށައެޅި މައްސަލައަކާއި ގުޅިގެން
ސަސްޕެންޝަންގައި ތިބި މުއްދަތުގައި ކައުންސިލްގެ މެމްބަރުންގެ ރަސްމީ އީމެއިލް ބޭނުންކުރިކަމަށްވެސް ތުހުމަތުކޮށްފައިވޭ

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ މެޖޯރިޓީ އޮންނަ އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ހައްޔަރުކޮށް، ކައުންސިލްގެ ހުރިހާ މެމްބަރުންގެ ފޯނުތައް ހިފަހައްޓައިފި އެވެ.

އިހަވަންދޫ ކައުންސިލްގެ ފަސް މެމްބަރުންނަކީވެސް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ފަސް މެމްބަރުންނެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށް، ކައުންސިލްގެ މެމްބަރުންގެ ފޯނު ހިފެހެއްޓިއިރު، ކައުންސިލްގެ ހުރިހާ މެމްބަރުން ތިބީ ސަސްޕެންޝަންއެއްގައެވެ.

ރާއްޖެ.އެމްވީއަށް ކައުންސިލަރުންގެ ފޯނު ފުލުހުން ހިފެހެއްޓީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ.

އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ކޯޓު އަމުރުގައިވާގޮތުން ކައުންސިލްގެ ރައީސް ހައްޔަރުކޮށް، ކައުންސިލްގެ މެމްބަރުންގެ ފޯނުތައް ހިފަހައްޓާފައިވަނީ ލޯކަލް ގަވަރމެންޓް އެތޯރިޓީން ފުލުހުންނަށް ހުށައެޅި މައްސަލައަކާއި ގުޅިގެންނެވެ. އެގޮތުން ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދުގެ މައްޗަށް އެލްޖީއޭއިން ތުހުމަތުކޮށް، އޭނާ ހައްޔަރުކޮށް ފުލުހުން ތަހުޤީޤްކުރަމުންގެންދަނީ ލޭންޑް ސާރވޭ އެތޯރިޓީގެ މަސައްކަތްތަކަށް ހުރަސްއަޅާފައިވާކަމަށް ބުނާ މައްސަލަކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އޭގެއިތުރުން ކައުންސިލްގެ އިދާރާގެ ސިއްކަތައް ގިނަ އަދަދަކަށް ހައްދާފައިވާކަމަށް ތުހުމަތުކޮށްފައިވާއިރު، އިހަވަންދޫ ކައުންސިލްގެ މެމްބަރުން ސަސްޕެންޝަންގައި ތިބި މުއްދަތުގައި ކައުންސިލްގެ މެމްބަރުންގެ ރަސްމީ އީމެއިލް ބޭނުންކުރިކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

އެ ތުހުމަތުތައް ކައުންސިލް މެމްބަރުންގެ މައްޗަށްކޮށްފައިވަނީ ޤާނޫނުލްއުޤޫބާތުގެ 311 ވަނަ މާއްދާގެ (ހ)، ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތް ބެހުމުގެ ތުހުމަތާއި، 511 ވަނަ މާއްދާގެ (ހ) ގެ ދެ ވަނަ ނަމްބަރު، ރަސްމީ ހައިސިއްތަން ކުރަންޖެހޭ ކަންކަމަށް ނުފޫޒް ފޯރުވުމުގެ ތުހުމަތުގެ އިތުރުން 512 ވަނަ މާއްދާގެ (ހ) ހެ އެއްވަނަ ނަމްބަރު، ރަސްމީ ވާކިބު އަދާކުރުމުގައި ހިންގާ އެކަށީގެންނުވާ އަމަލެއްކުރުމުގެ ކުށުގެ ތުހުމަތު އެވެ.

މެއި މަހުގެ 31 ވަނަ ދުވަހު ކައުންސިލްގެ ފަސް މެމްބަރުން މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކޮށްފައިވަނީވެސް ހައުސިންގް މިނިސްޓްރީގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަމުން ދިޔަ މަސައްކަތަކަށް ހުރަސް އެޅި ކަމަށް ބުނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް