ކ. މާލެ
|
2 އޯގަސްޓް 2018 | ބުރާސްފަތި 14:24
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު
ގޫގުލް
ރިޔާސީ އިންތިހާބު 2018
އަޅުގަނޑުގެ ދާއިރާއިން އިބޫއަށް މެޖޯރިޓީ ނުލިބިއްޖެނަމަ ސިޔާސީ މަސައްކަތް ހުއްޓާލާނަން: މެމްބަރު އަލީ ޝާހު
ފުވައްމުލަކު އުތުރު ދާއިރާގެ މެޖޯރިޓީ އިބޫއަށް ލިބޭނެ ކަމަށް ވިދާޅުވި
މިސަރުކާރުން ކުރާ ކަންކަން ރައްޔިތުން ގަބޫލު ނުކުރާ ކަމަށް ވިދާޅުވި
ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ނިންމާފައިނުވާ ކަމަށް ވިދާޅުވި

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)އަށް ފުވައްމުލަކު އުތުރު ދާއިރާއިން މެޖޯރިޓީ ހޯއްދަވައި ދެއްވާނެ ކަމަށާއި އިބޫ އަށް މެޖޯރިޓީ ވޯޓު ނުލިބިއްޖެނަމަ ސިޔާސީ މަސައްކަތް ހުއްޓާލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވެއްޖެ އެވެ.

އަލީ ޝާހު މިހެން ވިދާޅުވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހިނގަމުންދިޔަ ވަގުތު މަޖިލީހުގެ އިދާރާއަށް ވެއްނެވުމަށްޓަކައި ވަޑައިގެންނެވި މަގުމަތިން ފުލުހުން އޭނާއަށާއި، އިލެކްޝަންސް ކޮމިޝަނުން ގޮނޑިގެއްލިފައިވާ ކަމަށްބުނާ 12 މެމްބަރުން މަޖިލީހަށް ވެއްނުވުމަށް ހުރަސް އެޅުމާއި ގުޅިގެން މަޖިލިސް ހިމެނޭ ސަރަހައްދުގައި ހުންނަވައިގެން މީޑިއާތަކަށް ދެއްވި އިންޓަވިއު އެއްގަ އެވެ.

ޝާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީން ލިބިދީފައިވަނީ ސުޕްރީމް ކޯޓަށް ކަމަށާއި އަދި 12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުން އެންމެފަހުން ކުރި ހުކުމުގައި ވެސް އެކަން އެގޮތަށް ބަޔާންކޮށްފައިވާ ކަމަށެވެ. 

އެހެންކަމުން އެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިހާތަނަށް ނިންމާފައިނުވާ ކަމަށާއި އެ މެމްބަރުންނަށް އެ މެމްބަރުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް އެއްވެސް ފަރާތަކަށް ހުރަސް އަޅައިގެން ނުވާނެ ކަމަށް ޝާހު ވިދާޅުވި އެވެ. 

"އަޅުގަނޑުގެ ދާއިރާގެ މެޖޯރިޓީ ރައްޔިތުން ގަބޫލެއް ނުކުރައްވާ މިސަރުކާރުން ކުރާ މަސައްކަތްތަކެއް. ރިޔާސީ އިންތިހާބު ނަތީޖާއިން އެނގޭނެ، އަޅުގަނޑުގެ ދާއިރާއިން އަޅުގަނޑު މިހުރި އިސްލާހީ ފިކުރަށް މެޖޯރިޓީ ނުލިބުނު ކަމަށްވަނީ ނަމަ އަޅުގަނޑު ސިޔާސީ މަސައްކަތް ހުއްޓާލާނަން،" ޝާހު ވިދާޅުވި އެވެ.

މީގެއިތުރުން ޝާހު ވިދާޅުވީ އޭނާ މެމްބަރު ކަމަށް އިންތިހާބުވީ ސަރުކާރު ކޯލިޝަން ޕީޕީއެމްގެ ޓިކެޓެއްގައި ކަމަށްވިޔަސް، އެ ކޯލިޝަން ވަނީ ރޫޅިފައި ކަމަށެެވެ.

ޝާހު ވިދާޅުވީ އޭނާ ޕީޕީއެމުން ވަކިވެވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މިސަރުކާރު ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، މިސަރުކާރާއި ފެޔަށްޖެހިވަޑައިގެން، އިސްލާހީ ހަރަކާތް ފެއްޓެވުމުން ކަމަށެވެ. 

ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަކީ ވެސް މިސަރުކާރު ގެނައުމަށް އެންމެބޮޑު މަސައްކަތެއް ކުރެއްވި ފުވައްމުލަކަށް ނިސްބަތްވާ އެއް ބޭފުޅާ ކަމަށާއި މި ހުރިހާ ފަރާތްތަކުން މީގެކުރިން ރައީސް ޔާމީންގެ ސަރުކާރު ހަމަމަގަށް އެޅުވުމަށް މަސައްކަތް ކުރެއްވި ނަމަވެސް އެކަން ކާމިޔާބު ނުވުމުން އިސްލާހީ މަސައްކަތް ކުރެވެން އޮތް ގޮތަކަށް ކުރުމަކީ ގައުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކެވަޑައި ގަންނަވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
2 އޯގަސްޓް 2018 | ބުރާސްފަތި 13:12
މމ
ނަށީދު ބުނި މައުމޫނައް 2000 ވޯޓް ލިބުނަސް ހުއްޓާލަނަމޭ ލޮލް