ކ. މާލެ
|
1 އޯގަސްޓް 2018 | ބުދަ 23:55
އިލެކްޝަންސް ކޮމިޝަނުގައި ރީ-ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ
އިލެކްޝަންސް ކޮމިޝަނުގައި ރީ-ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރީ-ރަޖިސްޓްރޭޝަން ކުރިއަށް ގެންދާ ގޮތުން އިލެކްޝަންސް ކޮމިޝަނާއިމެދު ބޮޑެތި ކަންބޮޑުވުންތަކެއް
ރީރަޖިސްޓްރީ ކުރިކަމުގެ އޮރިޖިނަލް ސްލިޕް ނުލިބި އެބަހުރި

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާ ގޮތާއިމެދު އިދިކޮޅު ކޯލިޝަނުން ބޮޑެތި ކަންބޮޑުވުންތަކެއް ފެންމަތި ކޮށްފިއެވެ.  

ސޯލްޓް ކެފޭގައި ބުދަ ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވަޑައިގެންނެވި އެޕާޓީގެ ޗެއަރޕަސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރީ-ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ގިނަ ފޯމުތަކުގެ އޮރިޖިނަލް ސްލިޕް އިލެކްޝަންސް ކޮމިޝަނުން ދޫނުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެމްޑީޕީން ހުށައެޅި ފޯމުތަކަށްފަހު އޮރިޖިނަލް ސްލިޕް އަދިވެސް ނުދޭއިރު ހިފަހައްޓަނީ އެކި ފަހަރު އެކި ބަހަނާ ދެއްކުމަށްފަހު ކަމަށެވެ. ނިޔާޒް ވިދާޅުވި ގޮތުގައި އެއީ ވޯޓުލުމުގެ ހައްގު ވަކި ބައެއްގެ އަތުން ނިގުޅައިގަތުމަށްޓަކައި ރޭވިގެން ކުރާ ކަމެކެވެ.

މިހާތަނަށް ރީ ރަޖިސްޓްރީ ކުރުމަށް ހުށައަޅާފައިވާ ފޯމުތަކުގެ ތެރެއިން އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކަމަށްވެސް ނިޔާޒް ފާހަގަ ކުރެއްވިއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ހިންގާ "ޖަރީމާތަކާމެދު" ވިސްނާ ތިބުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ. އެގޮތުން ރީ ރަޖިސްޓްރީ ކުރުމަށްފަހު ތަކުރާރުކޮށް ޗެކް ކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު ވިދާޅުވީ އިލެކްޓްރޯނިކް ވޯޓެއްގެ ވާހަކަ ޕާޓީތަކާއެކު ދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާ ކަމަށެވެ. އަދި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ރީ ރަޖިސްޓްރީ ކުރުމުގައި ވެސް އޮޅުވާލުންތައް ގެންގުޅޭ ކަމަށް ގަބޫލު ކުރެވޭއިރު މިނިވަން ކަމާއެކު ކެމްޕެއިން ކުރުމަށް ސަރުކާރުން ހުރަސްއަޅަމުންދާ މައްސަލަ މިނިވަން މުވައްސަސާތަކަށް ހުށައަޅުއްވާނެ ކަމަށެވެ. އަދި އެހެންމެ ރީ ރަޖިސްޓްރީ ކުރުމަށް ހުށައަޅާ ފޯމްތަކުގެ ފިންގަރޕްރިންޓް ވެރިފައި ކުރުމަށް ފުލުހުންނާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަކީ މިނިވަން ކަމާއެކު ކުރެވޭނެ ކަމެއް ކަމަށް ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި އަހްމަދު ނުއުމާން ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ރީ ރަޖިސްޓްރީ ކުރުމަށް ރިސޯޓުގެ ތަތްގަނޑެއް ޖަހަން އޮތުމަކީ އޭގެ އުނދަގޫތަކެއް ހުރި ކަމެއް ކަމަށެވެ. އެގޮތުން ޗުއްޓީއެއްގައި ހުންނަ މީހާއަށް ވެސް ރިސޯޓުގެ ތަތްގަނޑު ޖަހައިގެން ރީ ރަޖިސްޓްރީ ކުރަން ހުށަހެޅުމަކީ ދަތިކަމެއް ކަމަށެވެ.

ރައީސް މައުމޫނުގެ ފަރާތުން ނޫސްވެރިންގެ މި ބައްދަލުވުގައި ވާހަކަ ދެއްކެވި އައިމިނަތު ނާދިރާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ގޮސް ރީ ރަޖިސްޓްރީ ފޯމު އަމިއްލައަށް ހުށަހަޅާ މީހާ ވެސް އޭނާ ފޯމުގައި ޖަހާފައި އޮތް ތަން ނޫން ތަނެއްގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި ވަކިން ދެ މީހަކު ގިނަ ފޯމުތަކެއް މީހުން ލައްވާ ފުރުވުމަށްފަހު އިލެކްޝަނަށް ހުށަހަޅާފައިނުވާކަން ފާހަގަ ކުރެއްވިފައިވާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް