ކ. މާލެ
|
1 އޯގަސްޓް 2018 | ބުދަ 22:33
ފުޓްސަލް ދަނޑުތައް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަދައްކަވަނީ
ފުޓްސަލް ދަނޑުތައް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަދައްކަވަނީ
ޓްވިޓަރ
ރިޔާސީ އިންތިހާބު 2018
ބަނދަރުތައް ލިބޭގޮތަށް ކުޅިވަރުގެ ވަސީލަތްތައް ރަށްރަށަށް ލިބޭނެ ކަމަށް ގަބޫލުނުކުރާތި: ރައީސް
އެއްވެސް އެއްޗަކީ ހިލޭ ލިބޭ އެއްޗެއް ނޫން
ކުޅިވަރުގެ ވަސީލަތްތަކަކީވެސް ހަމަހުރެފަ ލިބޭ އެއްޗެއްކަމަށް ޒުވާނުން ގަބޫލުކޮށްގެން ނުވާނެ

ރަށްރަށަށް ބަނދަރުތައް ލިބޭގޮތަށް ކުޅިވަރުގެ ވަސީލަތްތައް ލިބޭނެކަމަށް ގަބޫލުކޮށްގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ. 

ފުޓްސަލް ދަނޑުތައް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އެއްވެސް އެއްޗަކީ ހިލޭ ލިބޭ އެއްޗެއް ނޫން ކަމަށެވެ. އަދި ކުޅިވަރުގެ ވަސީލަތްތަކަކީވެސް ހަމަހުރެފަ ލިބޭ އެއްޗެއްކަމަށް ޒުވާނުން ގަބޫލުކޮށްގެން ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ ރަށްރަށުގައި ބަނދަރުތައް ހަދާ އުސޫލުން ސަރުކާރުން ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރަންޖެހޭނެ ކަމަށް ޒުވާނުން ގަބޫލުކޮށްފާނެ ކަމަށެވެ. ނަމަވެސް ރަށްރަށުގައި ބަނދަރުތައް ހަދާ އުސޫލުން ކުޅިވަރުގެ ވަސީލަތްތައް ނުލިބޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

"ނަތިން އިޒް ގިވަން ފްރީ އިން ލައިފް [ދިރިއުޅުމުގައި އެއްވެސް އެއްޗަކީ ހިލޭ ލިބޭ އެއްޗެއް ނޫން]... ރަށްރަށުގައި ބަނދަރުތައް ހަދާ އުސޫލުން ކުޅިވަރުގެ ވަސީލަތްތައް ލިބޭނެ ކަމަށް ގަބޫލު ނުކުރާތި."

ރައީސް ޔާމީން ވިދާޅުވީ ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ފަސޭހަ ވެގެން ނޫންކަމަށާއި، ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަކީ ފަސޭހަކަމެއް ނޫންކަން ކުރީގެ ސަރުކާރުތަކުން ވަސީލަތްތައް ޤާއިމްނުކޮށް އޮތުމުންވެސް އެނގޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކޮށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ގަތަރު ސަރުކާރަށް ހުށައަޅައިގެން ފީފާއިން އެޕްރޫވްޑް ފުޓްބޯޅަ ޓްރެއިނިންގ ދަނޑެއް ހުޅުމާލޭގައި އެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ޕްރޮޖެކްޓުގެ އަގު ޖުމްލަ 1000 މިލިއަން ޑޮލަރަށް އަރާނެކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

ގަތަރު ސަރުކާރުގެ އެހީގައި ފީފާ އެޕްރޫވްޑް ދަނޑެއް އެޅުމުގެ މަސައްކަތްކުރާކަމަށް ވިދާޅުވިއިރު، ރައީސް ޔާމީންގެ ސަރުކާރުން ވަނީ  ގަތަރު ސަރުކާރާއެކު އޮތް ހާރިޒީ ގުޅުން ކަނޑާލާފަ އެވެ. 

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ސިލްވަރ މެޑަލްއެއް އަދި ބްރައުންޒް މެޑަލްއެއް ބޭނުން ނުވާކަމަށެވެ. އަދި އެމަނިކުފާނު ބޭނުން ވަނީ ގޯލްޑް މެޑަލްއެއް ކަމަށާއި، ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ޒުވާނުންގެ ފަރާތުން ވެސް އެދެނީ ގޯލްޑް މެޑަލްއެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

ކޮންމެ ޒުވާނަކަށް ރިސޯޓް ހިއްސާ ދެއްވާނެ ކަމަށް 2013 ވަނަ އަހަރު ވައުދުވެވަޑައިގެން އެ ވައުދު ފުއްދިފައިނުވާއިރު، ރައީސް ޔާމީން ވަނީ ރިސޯޓް މުވައްޒިފުންނަށް ކޮށްދެއްވާނެ ގިނަ ކަންތައްތަކެއްގެ ވައުދުތަކެއްވެވަޑައިގެންފަ އެވެ. އެގޮތުން ރިސޯޓު މުވައްޒިފުންނަށް ހާއްސަ ސްކީމެއް ޤާއިމްކުރައްވާނެ ކަމަށާއި، އެ ސްކީމް ފެށުމުގެ ގޮތުން ދައުލަތުން ސްކީމަށް ފައިސާދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ސްކީމްގައި މުވައްޒިފުން ބައިވެރިވާ މިންވަރަށް ބަލާ ދައުލަތުން ސްކީމަށް 500 މިލިއަން ޑޮލަރު ލައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

"މި ސްކީމްގައި ބައިވެރިވުމަކީ އެއްވެސް މުވައްޒިފަކަށް މުޒުބޫރުކަމެއް ނޫން. އަމިއްލަ އިހުތިޔާރުގައި އޮންނަކަމެއް."

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
1 އޯގަސްޓް 2018 | ބުދަ 20:44
ގޫބައްޑާ
ކޮންމެ ވޯޓަކަށް ލިބޭނީ ކޯންޗެއްތޯ ބުނެލިނަމަ ސަޅިވީސް.