ކ. މާލެ
|
1 އޯގަސްޓް 2018 | ބުދަ 19:29
ފުށިދިއްގަރު ފަޅު: މިތަނާ ގުޅޭ މައްސަލައެއް އޭސީސީން ވެސް ބަލާފައިވޭ
ފުށިދިއްގަރު ފަޅު: މިތަނާ ގުޅޭ މައްސަލައެއް އޭސީސީން ވެސް ބަލާފައިވޭ
ގޫގުލް
ފުށިދިއްގަރު ފަޅު
ފުށިދިއްގަރު ފަޅުން ގޯތި ދިނުމަށް ނިންމި އިރު އެތަން ވަނީ 50 އަހަރަށް ބަޔަކަށް ކުއްޔަށްދީފައި!
ޑރ. ވަހީދުގެ ސަރުކާރުގައި 50 އަހަރަށް ބަޔަކަށްދީފައިވޭ
އެކަން ފަހުން އޭސީސީން ބަލާ އެކުންފުނިން މަސައްކަތް ކުރިއަށްގެންދިއުމަށް އަންގާފައިވޭ

މާލެ އަތޮޅު ފުށިދިއްގަރު ފަޅު ހިއްކައި ގޯތި ދިނުމަށް ނިންމާފައިވާ އިރު އެފަޅަކީ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ބަޔަކަށް ދީފައިވާ ފަޅެއްކަން އެނގިއްޖެއެވެ.

ހައުސިންގ މިނިސްޓްރީން ވަނީ ފުށިދިއްގަރު ފަޅު ހިއްކައި ކުރިމަތިލާ ކޮންމެ ފަރާތަކަށް 1،000 އަކަފޫޓުގެ ބިން ދޫކުރުމަށް ނިންމާފައެވެ. އެގޮތުން އެފަޅުން ގާތްގަނޑަކަށް 800 ހެކްޓަރުގެ ބިން ހިއްކޭނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ގާތްގަނޑަކަށް ތިން ލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ސަރުކާރުން ފަށާ މި މަޝްރޫއުގެ ދަށުން ގޯތި ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް ގޯތި ލިބުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

އެހެން ނަމަވެސް ސަރުކާރުން ކުރިން ވަނީ ފުށިދިއްގަރު ފަޅު ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދީފައެވެ، އަދި މިކަމާ ގުޅިގެން އޭސީސީން ބެލި މައްސަލައަކަށް ފަހު ވަނީ ސަރުކާރުން ސިންގަޕޫރުގެ ކުންފުންޏަކާ އެކުވެފައިވާ އެ އެއްބަސްވުމުގެ ދަށުން އުފައްދާ ޖޮއިންޓް ވެންޗަރ ކުންފުނި އުފައްދައި ރަޖިސްޓްރީ ކުރުމަށް އެދިފައެވެ.

މީގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ވެސް ނިއު ޒިލެންޑް ވިޔަފާރިވެރިއެއްގެ ކުންފުންޏެއް ކަމުގައިވާ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓަށް ފުށިދިއްގަރު ފަޅު 50 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައި ވެއެވެ. އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބެވެ.

އޭސީސީން އޭރު އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ނިންމާފައި ވަނީ ނޭޝަނަލް ޕްލޭނިން ކައުންސިލުންނާއި، 2011 ނޮވެމްބަރުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމައިގެންކަން ފިނޭންސް މިނިސްޓްރީގެ ސިޓީން އެނގޭ ކަމަށް ބަޔާންކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފުށިދިއްގަރުފަޅު މިހާރު އޮތީ ހައުސިންގ މިނިސްޓްރީއާ ހަވާލުކުރެވިފައި ކަމަށެވެ. އެހެން ނަމަވެސް ސިންގަޕޫރުގެ ކުންފުންޏަކާއެކު ވެވުނު އެއްބަސްވުން ކެންސަލް ކުރެވިފައިވާކަން ނުވަތަ ނޫންކަންވެސް މިނިސްޓަރު ހާމަ ކުރައްވައިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
1 އޯގަސްޓް 2018 | ބުދަ 21:20
ހޭހުސްވެފަ
ހޭހުސްވެފަ