ކ. މާލެ
|
1 އޯގަސްޓް 2018 | ބުދަ 14:41
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ޕީޕަލް މެގަޒިން
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ފަހު ދައުރު ދިގުކޮށް، ސެޕްޓެމްބަރު މަހު ޖަލްސާތައް ބާއްވާ ގޮތަށް މަޖިލީހުން ފާސްކޮށްފި
މަޖިލީހުގެ ފުރަތަމަ ދައުރު: ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް
މަޖިލީހުގެ ދެ ވަނަ ދައުރު: ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް
މަޖިލީހުގެ ތިން ވަނަ ދައުރު: އޯގަސް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު ކުޑަ ކުރުމަށް ފަހު، ތިން ވަނަ ދައުރު ދިގު ކުރުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި އާންމު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ އެ ރިޕޯޓު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައި ގެންނެވި 26 މެމްބަރުންގެ އިއްތިފާގުންނެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ބުދަ ދުވަހުގެ ޖަލްސާވެސް ބޮއިކޮޓް ކުރައްވާފަ އެވެ.

މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ އެބިލުގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ދެވަނަ ދައުރަކީ ޖޫން މަހުން ފެށިގެން އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރަކީ އޯގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ގަވާއިދުގައި މިހާރު އޮންނަ ގޮތުން، މަޖިލީހުގެ ދެވަނަ ދައުރަކީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރަކީ އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. 

މަޖިލީހުގެ ދައުރު، ތިން ދައުރަކަށް ބަހާފައިވާއިރު، ފުރަތަމަ ދައުރުގެ ޖަލްސާތައް ހިނގާ މުއްދަތަކަށް ބަދަލެއް ނުގެނެއެވެ. މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ.

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުން މަޖިލީހުގެ ދައުރު ބަދަލު ކުރި މިއީ ދެވަނަ ފަހަރެވެ.

މަޖިލީހުގެ ދައުރަށް ބަދަލުތަކެއް ގެންނައިރު މިހާރު ހިނގަމުންދާ މަޖިލީހުން ގަވާއިދާ އެއްގޮތަށް ޖަލްސާތައް ބާއްވަމުން ނުދެއެވެ. އަދި ޖަލްސާތަކުގައި ހޭދަކުރާ ވަގުތު ވެސް މަދުކަން ފާހަގަ ކުރެވޭއިރު، ކޮމެޓީތަކުން އެކަށީގެންވާ މަސައްކަތްތަކެއް ވެސް ކުރަމުން ނުދާކަން ފާހަގަ ކުރެވިފައި ވެއެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ބުނަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު މަޖިލިސް ހިންގަވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެޖޯރިޓީއަށް ވުރެ ވެސް ގިނަ މެމްބަރުން ސޮއިކޮށް މަޖިލީހަށް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ ހުށަހަޅާފައެވެ. ނަމަވެސް މިއަދާ އަހަމައަށް އެމައްސަލައަށް ވޯޓަށް އަހާފައެއް ނުވެއެވެ.

މިހާރު މަޖިލީހުން ފާސްކުރާ، ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމް ކަންކަން ފާސްކުރަނީ ޒަރޫރީ ހާލަތެއް ކަމަށް ބުނެ މަޖިލީހުގައި ހިމެނޭ ސަރުކާރަށް ނިސްބަތްވާ 30 ވަރަކަށް މެމްބަރުންގެ ވޯޓުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް