ކ. މާލެ
|
1 އޯގަސްޓް 2018 | ބުދަ 07:35
މެމްބަރު ސިނާން
މެމްބަރު ސިނާން
މަޖިލިސް
މެމްބަރު ސިނާނު
ސިނާންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މިއަދު
އަޑުއެހުން އޮތީ ހެނދުނު 10 ޖަހާއިރު
މިހާތަނަށް އެ މައްސަލާގައި ކުރިއަށް ގެންގޮސްފައިވަނީ އިބްތިދާއީ ދެ އަޑުއެހުން
އެންމެފަހު އަޑުއެހުން އޮތީ މިއަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އެމަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހު ބާއްވަން ތާވަލްކޮށްފި އެވެ. އަޑުއެހުން ތާވަލުކޮށްފައިވަނީ ބުދަދުވަހު ހެނދުނު 10:00 އަށެވެ.

ސިނާންގެ މައްޗަށް އުފުލާފައިވާ މިދައުވާގައި މިހާތަނަށް އެ މައްސަލާގައި ކުރިއަށް ގެންގޮސްފައިވަނީ އިބްތިދާއީ ދެ އަޑުއެހުމެވެ. އަޑުއެހުންތައް އެތައް ފަހަރަކު ތާވަލުކޮށް ކެންސަލްކޮށްފައިވެ އެވެ. އެންމެފަހު އަޑުއެހުން އޮތީ މިއަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހު އެވެ.

އެ އަޑުއެހުމުގައި ޝަރީއަތް ފެށުމުގެ ކުރިން ދައުލަތުން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާފައިވެ އެވެ. ދައުލަތުން ހުށަހެޅީ އެ މައްސަލާގައި ސިނާނާ ދެކޮޅު ހެކިތައް ސިއްރުކުރުމަށެވެ. މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ ދައުލަތުން އެދުނު ގޮތަށް ހެކިތައް ސިއްރުކުރުމަށް އަމުރު ނެރެދެއްވާފަ އެވެ.

ސިނާން ދައުވާއަށް އިންކާރު ކުރައްވާތީ، އެ ދައުވާ ސާބިތު ކުރުމަށް 32 ހެއްކެއް ދައުލަތުން ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 16 ހެއްކެއް ހުށަހެޅީ ސިއްރު ކުރާ ގޮތަށެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކުން ސިއްރުން ދީފައިވާ ބަޔާންތައް ވަނީ ލީކުވެސްވެފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ސިނާންއަށް ފައިސާތަކެއް ގެންގޮސް ދިންކަމަށް ބުނާ ހެކިވެރިއަކު ވަނީ އޭނާގެ ބަޔާން އަނބުރާ ގެންގޮސް ހެކި ދޭން ބޭނުން ނުވާ ކަމަށް މިހާރު ކޯޓަށް އަންގައިފަ އެވެ.

ސިނާންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ، އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވައި އިތުރު ބަޔަކާ ބައިވެރިވެގެން 2017 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށްޓަކައި ރިޝްވަތު ހިފާފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީއިން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްހަލަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި އަމުރެއް ނެރެއްވައިފައިވާތީ ވެސް ސިނާންއަށް ޓެރަރިޒަމްގެ ދައުވާ ކުރާ ކަމަށެވެ.

މި މައްސަލައިގައި ސިނާންގެ އިތުރުން ވެސް އެހެން މަޖިލިސް މެންބަރުންނަށް ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ. އެއީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދެވެ. އޭގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ޕޮލިސް ކޮމިޝަނަރ އަރީފުގެ މައްޗަށް ވެސް މި މައްސަލާގައި ޓެރަރިޒަމްގެ ދައުވާކުރެ އެވެ. މި ދައުވާ ސާބިތުވެއްޖަނަމަ 17 އަހަރާއި 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް