ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ވިސާމާއި ލީވާން ޢަލީ ނާސިރަށް އަންގާރަ ދުވަހު ކުރި ހުކުމަކީ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ވަރަށް ފިނޑި ޢަމަލެއް ކަމަށް އިދިކޮޅި އިއްތިހާދު (އެމްޔޫއޯ) އިން ބުނެފިއެވެ.
އެމްޔޫއޯގެ ޑެޕިއުޓީ ލީޑަރ ޝިފާ މުހައްމަދު ވިދާޅުވީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމަށް ބުނެ ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ކުރި ހުކުމް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމަށާއި އެކަމަކީ ނޫސްވެރިންނަށް ބިރު ދެއްކުމުގެ މަޤްސަދުގައި ރައީސް ޔާމީންގެ ސަރުކާރުން ހިންގެވި ވަރަށް ފިނޑި ޢަމަލެއް ކަމަށެވެ.
ޝިފާ ވިދާޅުވީ އެހުކުމަކީ ސަރުކާރުން ކޯޓުތައް މެދުވެރިކޮށް ނޫސްވެރިންނަށް ދިން ވަރަށްބޮޑު އަނިޔާއެއް ކަމަށާއި އެކަންކަމާމެދު ނިކުންނަވަން ތިބި މިނިވަން މުއައްސަސާތައް ކަމުގައިވާ ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލްފަދަ ތަންތަނުން އަޅާ ނުލުމުން މިކަމަކީ އެފަރާތްތަކުގެ ބައިވެރިވުމާއެކު ހިންގާ ޖަރީމާތަކެއް ކަމުގައި ސިފަކުރައްވާ ކަމަށެވެ.
ޝިފާ ވިދާޅުވީ ބޮމެއް ފެނުނުކަމަށް ބުނެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރައްވައިގެން ރައީސް ޔާމީން އޭރު ހިންގެވި ކަންތައްތަކުން ރާއްޖޭގެ އިޤްތިސާދަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށާއި އެކަންކަން ރައްޔިތުންނާ ހަމައަށް ގެނެސްދޭ މީޑިއާތަކާ މެދު މިފަދަ ގޮތަކަށް ފިޔަވަޅު އެޅުއްވުމަކީ ބަލއިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމަށް ބުނެ ލީވާންއާއި ވިސާމަށް ހުކުމްކޮށްފައިވަނީ ކޮންމެ ނޫސްވެރިއަކުވެސް 28،800 ރުފިޔާ ދެއްކުމަށެވެ. ރާއްޖެ ޓީވީން ބުނެފައިވަނީ އެހުކުމް އިންސާފްވެރިކަމަށް ޤަބޫލު ނުކުރާ ކަމަށާއި އެހުކުމް އިސްތިއުނާފް ކުރާނެ ކަމަށެވެ.