ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ ސާބިތުކޮށް، ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރު ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ވިސާމާއި ލީވާންގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތުގައި އަންގާރަ ދުވަހު ގާޒީ އަހުމަދު ޝަކީލް ހުކުމްކުރެއްވީ ވިސާމާއި ލީވާން، ކޮންމެ މީހަކު 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށެވެ.
ހުކުމް އިއްވަމުން ގާޒީ ޝަކީލު ވިދާޅުވީ ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމަކީ ޖުނަހުގެ ކުޑަ ކުށެއް ކަމަށެވެ. އަދި ވިސާމާއި ލީވާނުގެ ކުށުގެ ރެކޯޑެއް މީގެ ކުރިން ނެތްކަން ފާހަގަކުރައްވަމުން ގާޒީ ޝަކީލް ވިދާޅުވީ މި ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ.
ނަމަވެސް، ކުށުގެ ރެކޯޑެއް ނެތީތީވެ، އެކަމަށް ރިއާޔަތްކޮށް އަދަބު ކަނޑައެޅުމުގެ ބާރު މައްސަލަ ބައްލަވާ ގާޒީ އަށް ލިބިފައިވާކަން ފާހަގަކުރައްވާ ގާޒީ ޝަކީލު ހުކުމް ކުރެއްވީ 28،800 ރުފިޔާ އިން ޖޫރިމަނާ ކުރުމަށެވެ.
ވިސާމާއި ލީވާން ޖޫރިމަނާކުރުމަށް ގާޒީ ހުކުމް ކުރެއްވި އިރު، އަދަބު ކަނޑައެޅުމަށް މިދިޔަ މަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވަނީ ވިސާމާއި ލީވާން ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށެވެ.
ވިސާމާއި ލީވާންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ފަސް ހެއްކަކު ހުށަހަޅާފައިވެ އެވެ. އެ ފަސް މީހުންނަކީ ވެސް ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސްގައި މަސައްކަތް ކުރާ މީހުންނެވެ. އެ ފަސް މީހުންގެ ހެކި ބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ވިސާމާއި ލީވާންގެ ވަކީލު އަބްދުﷲ ހަސީން ފާހަގަކުރައްވާފައިވެ އެވެ.
ވިސާމާއި ލީވާންގެ ފަރާތުން ދައުވާ އިން ދިފާއުވުމަށް ތިން މީހަކު ހުށަހަޅާފައިވެ އެވެ. އެ ތިން މީހުންވެސް ވަނީ ދައުވާގެ ސީޣާގައި ބުނެފައިވާފަދަ ކަމެއް ވިސާމާއި ލީވާން ކޮށްފައިނުވާ ކަމަށް ބުނެ ހެކިބަސް ދީފަ އެވެ.
ވިސާމާއި ލީވާންގެ މައްޗަށް އުފުލި ދައުވާގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު ދެ ވަނަ ދުވަހުގެ ރޭ ފުލުހުންނާއި ސިފައިން ގުޅިގެން މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އޮޕަރޭޝަނެއް ހިންގަމުން ދަނިކޮށް، އެ ސަރަހައްދުން އަމުރަށް ނުކިޔަމަންތެރިވި މީހަކު ހައްޔަރުކުރުމަށް މަސައްކަތް ކުރަނިކޮށް، އެކަން ހުއްޓުވައި، ފުލުހުންގެ މަސައްކަތަށް ވިސާމާއި ލީވާން ހުރަސް އަޅާފައިވާ ކަމަށެވެ.
ވިސާމާއި ލީވާންގެ މައްޗަށް ކޮށްފައިވާ ހުކުމް ވީހާ ވެސް އަވަހަކަށް އިސްތިއުނާފު ކުރުމަށް ވަނީ ނިންމާފަ އެވެ.
ވިސާމުގެ މައްޗަށް ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ވެސް އުފުލާފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 31 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ. އަދި ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 29 ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، ކެމަރާމަން އާދަމް ޒަރީރުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ހުކުމް ކުރުން އަންނަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.