ކ. މާލެ
|
31 ޖުލައި 2018 | އަންގާރަ 11:33
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
ޕީޕަލް މެގަޒިން
ރިޝްވަތު
ރިޝްވަތަކީ ކުށެއް ނޫންކަމަށް ހެދުމަކީ ރައީސް ޔާމީން ދީނަށް ކުރާ ފުރައްސާރަ އެއް: އަލީ ހުސައިން
ދައުލަތުގެ އެންމެބޮޑު ކޮރަޕްޝަން ހިންގާފައިވަނީ މިސަރުކާރުން
ކޮރަޕްޝަންގެ އަމަލުތައް ވަރަށް ގިނައިން ފެންމަތި ވެފައިވޭ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ރިޝްވަތަކީ ކުށެއް ނޫން ކަމަށް ހެދުމަށް ކަނޑައަޅަން ކުރަމުންދާ މަސައްކަތަކީ އިސްލާމް ދީނަށް ކުރާ ފުރައްސާރަ އެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތާއި ސަރުކާރުގެ ތެރޭގައި ރިޝްވަތާއި ކޮރަޕްޝަން އިންތިހާ ދަރަޖައަށް އާންމުވެފައި ވަނިކޮށް، ރިޝްވަތަކީ ކުށެއް ނޫންކަމަށް ހެދުމަކީ އިސްލާމް ދީނަށް ރައީސް ޔާމީން ކުރައްވާ ފުރައްސާރައެއް ކަމަށެވެ. 

 

އަލީ ހުސެއިން މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުގެ ފަރާތުން ޤާނޫނުލް އުޤޫބާތަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހަކާއި ގުޅިގެންނެވެ. ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ ދިރާސާކޮށް ނިންމައި، ފާސްކުރުމަށް ތަޅުމަށް ވަނީ ހުށަހަޅާފައެވެ. މި މަހުގެ 10 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ރިޝްވަތުގެ ކުށް އުވާލަން ހުށަހަޅާފައި އޮތް ކަމެއް ކުރިން ފާހަގަ ކުރެވިފައެއް ނުވެއެވެ.

އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން، ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުގައި ބަޔާން ކުރާ މާއްދާ، ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅޭ މާއްދާއަކަށް ބަދަލު ކުރުމަށް ވަނީ ހުށަހަޅާފައެވެ. ގާނޫނުލް އުގޫބާތުގައި ރިޝްވަތުގެ ކުށާ ގުޅޭ ގޮތުން ބަޔާން ކުރާ މާއްދާއަކީ 510 ވަނަ މާއްދާއެވެ. ނަމަވެސް ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅޭ އަދަބު ބަޔާން ކުރާ މާއްދާއަކަށް އެ މާއްދާ ހަދައިފިނަމަ، ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުވިގެންދާނެއެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ބިލު އޮތް ގޮތަކަށް ފާސްކޮށްފިނަމަ، ދައުލަތުގެ މުވައްޒަފުން ރިޝްވަތު ހިފުމަކީ ކުށަކަށް ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ބަދަލު ކުރުމަށް ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާއަކީ ދައުލަތުގެ މުވައްޒަފުން ރިޝްވަތު ހިފުމަކީ ކުށެއް ކަމަށް ބަޔާން ކުރާ މާއްދާއެއް ކަމަށެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ގާނޫނުލް އުގޫބާތަށް 29 އިސްލާހެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އިސްލާހުތައް މަޖިލީހަށް ބަލައިގަނެ، ކޮމެޓީން ދިރާސާކޮށް ނިންމައި، ފާސް ކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާތާ ހަފްތާއެއް ވަނީ ވެފައެވެ. 

ރިޝްވަތަކީ ކުށެއް ނޫންކަމަށް ކަނޑައެޅުމަށް ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ފަށާފައިވާތީ ގިނަ ދީނީ އިލްމުވެރިންނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އިސްފަރާތްތައް ގެންދަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ނެވެ.

މިސަރުކާރަކީ އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލު ހިންގާފައިވާ ސަރުކާރު ކަމަށް ރައީސް ޔާމީން ވެސް ވަނީ އިއުތިރާފު ވެވަޑައިގަންނަވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް