ކ. މާލެ
|
31 ޖުލައި 2018 | އަންގާރަ 10:24
މާރިޔާ އަހުމަދު ދީދީ: އެމްޑީޕީ ކޮރަޕްޝަން އޮތް ނަމަ އޮންނާނީ ބަލާފައި
މާރިޔާ އަހުމަދު ދީދީ: އެމްޑީޕީ ކޮރަޕްޝަން އޮތް ނަމަ އޮންނާނީ ބަލާފައި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަން އޮތްނަމަ 7 އަހަރު ތެރޭގައި އޮންނާނީ ބަލާފައި:މާރިޔާ
ރައީސް ޔާމީން ހުންނެވީ ދެސަރުކާރުގެވެސް އެންމެ އިސް ސަފުގައި
ރައީސް ޔާމީން އަމިއްލަފުޅަށް ވިދާޅުވީ ގެއަށް ވަނީ ހަލާލް ފައިސާ ނޫން ކަމަށް

މިސަރުކާރުން އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ ދައްކަވާއިރު، އެމްޑީޕީގެ ސަރުކާރުގައި ކޮރަޕްޝަން އޮތްނަމަ މިހާރު އޮންނާނީ ބަލާފައި ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ މައްސަލައަކުން ފައިސާ ނުބެލި ހުރިކަމުގެ ވާހަކަ ރައީސް ޔާމީން ދައްކަވާ ކަމަށާއި އެމްޑީޕީ ސަރުކާރުގައި އެފަދަ ކޮރަޕްޝަނެއް ހިނގާފައިވާނަމަ މިހާރު އޮންނާނީ ބަލާފައި ކަމަށެވެ.

ދައުރު ހަމަ ނުވަނީސް ފުލުހުންނާއި ސިފައިންގެ ބާރުގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލު ވުމަށްފަހު ވެރިކަން ކުރެއްވި މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރަށް އިޝާރާތް ކުރައްވާ މާރިޔާ ވިދާޅުވީ ރައީސް ޔާމީން ހުންނެވީ އެ ދެ ސަރުކާރުގެވެސް އެންމެ އިސް ސަފުގައި ކަމަށާއި އެފަދަ ކަމެއް އުޅޭނަމަ އޮންނާނީ ބައްލަވާފައި ކަމަށެވެ.

މާރިޔާ ވިދާޅުވީ ރައީސް ޔާމީންގެ ގެ ކޮޅަށް ވަނީ ހަލާލު ނޫން ފައިސާ ކަމާއި އެންމެ ބޮޑު ކޮރަޕްޝަން މިހާތަނަށް ހިނގީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށް އަމިއްލަފުޅަށް އިއުތިރާފްވެ ވަޑައިގެންފައިވާ ކަމަށެވެ. އެކަންކަމަކީ ދިވެހިން ޖަވާބު ބޭނުންވެފައި ތިބި ކަންކަން ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

"ރައީސް ޔާމީނަށް ދަންނަވާލަން އޮތީ ރައީސް އިސްކޮށް ހުންނަވައިގެންނޭ މިދިޔަ ހަތް އަހަރު ދުވަހުވެސް ސަރުކާރު ހިންގެވީ. ތިޔަ ވިދާޅުވާ ކޮރަޕްޝަންތަކެއް އޮތްނަމަ އެބޭފުޅުން މިހާރު އެމައްސަލަތައް ބައްލަވަން ޖެހޭނެޔޭ." މާރިޔާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ވައްކަމުން ދައުލަތަށް 1.22 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓް ދައްކާއިރު، އެއީ ދިވެހި ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށް ރައީސް ޔާމީން 2015 ވަނަ އަހަރު ވަނީ ވިދާޅުވެފަ އެވެ. 

ޖަލަށް ލާފައި އޮންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދާދި ފަހުން ކްރިމިނަލް ކޯޓްގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ ރައީސް ޔާމީން އުޅުއްވީ ގައުމު ހިންގަވަން ނޫން ކަމަށާއި، އެ މަނިކުފާނު އުޅުއްވީ އެމްއެމްޕީއާރުސީ އަށް ލިބުނު ޑޮލަރު މާރުކުރެއްވުމަށާއި ގުނުއްވުމުގައި ކަމަށެވެ. 

އަދީބު ކުރެއްވި މި ތުހްމަތު ރައީސް ޔާމީން އަދި ދޮގުކުރައްވާފައެއް ނުވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް