ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 19:49
ބ.ކުޑަރިކިލިއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގެ ތެރެއިން:-ފޮޓޯ--ރާއްޖެއެމްވީ
ބ.ކުޑަރިކިލިއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގެ ތެރެއިން:-ފޮޓޯ--ރާއްޖެއެމްވީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ރައީސް ޔާމިން އަމާޒު ކުރެއްވި ސުވާލުތަކުގެ ޖަވާބު ސެޕްޓެމްބަރު 23ގައި ލިބޭނެ: އިބޫ
ރައްޔިތުންނަށް އިނގޭ މި ސަރުކާރުގެ ކަންކަން ހުރި ގޮތް

ރައީސް އަބްދުﷲ ޔާމީން އަމާޒު ކުރެއްވި ސުވާލުތަކުގެ ޖަވާބު ސެޕްޓެމްބަރު 23ގައި ލިބިގެންދާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ އަމާޒު ކުރައްވާ ރައީސް އަބްދުﷲ ޔާމިން ގިނަ ސުވާލުތަކެއް އަމާޒު ކުރައްވާފައިވަނިކޮށް އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން އިބޫ ދެއްވީ ކުރު ޖަވާބެކެވެ. ބ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ހޯމަ ދުވަހު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ ރައީސް ޔާމިން ކުރެއްވި ސުވާލުތަކުގެ ޖަވާބު އެމަނިކުފާނަށް ސެޕްޓެމްބަރު 23ގައި ލިބިވަޑައިގަންނަވާނެ ކަމަށާއި އެ ދުވަހަށް މަޑު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އެދުވަހުގެ ރައްޔިތުންގެ ނިންމުން ގަބޫލު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމިނަށް ރަސްމީކޮށް އެރުވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމިން ވަނީ އިބޫ އަށާއި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ގިނަ އަދަދެއްގެ ސުވާލުތަކެއް އިބޫ އަށް ކުރިމަތި ކުރުވާފަ އެވެ. ރައީސް ޔާމިން ވަނީ އެމްޑީޕީގެ ސަރުކާރުގައި ހިނގާފައިވާ ކަންކަން ނުހިނގާނެ ކަމުގެ ޔަގީން ދެއްވައި ރައްޔިތުން ކުރިމަތީ އެ ސުވާލުތަކަށް ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

އިބޫ ވިދާޅުވީ މި ސަރުކާރުގެ ކަންކަން ހުރި ގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ކަންކަން ހިނގާފައިވާ ގޮތް ވެސް އެމަނިކުފާނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށާއި އެހެން ކަމުން ރައީސް ޔާމިންގެ ސުވާލު ތަކަށް ޖަވާބު ލިބިގެންދާނެ ކަމަށެވެ.  

އިބޫ ވިދާޅުވީ ބ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށްރަށަށް ބޭނުންވާ އެންމެ މުހިންމު ކަންތައްތަކަކީ ކޮބައިކަން ރަށު ކައުންސިލަރުންނާއި އާންމު ފާރާތްތަކުގެ ކިބައިން ސާފުވެޑައިގެންފި ކަމަށެވެ. އަދި އެ މަނިކުފާނުގެ ވެރިކަމެއްގައި އެ ރަށްރަށުގައި ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަންކަމަކީ ދައުލަތަށް ލިބޭ އާއްމުދަނީއިން ކޮށްދެވޭނެ ކަންކަން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ގުޅިފައިވާ ކޯލިޝަނުން އެކުވެގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ނިކުތުމުން އެ ބޭފުޅުން ކުރާ މަސައްކަތަކީ އިހްލާސްތެރި ކަމާއެކު ކުރާ މަސައްކަތެއްކަން ޔަގީންވެގެން ރައްޔިތުންނަށް ޔަގީވެގެން ހިނގައްޖެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް