ކ. މާލެ
|
24 ޖެނުއަރީ 2017 | އަންގާރަ 21:57
ރައީސް ޔާމީން ފ. އަތޮޅު މަގޫދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް ޔާމީން ފ. އަތޮޅު މަގޫދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
މުހައްމަދު ފަޒީން
ރައީސް ޔާމީން
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
ފ. އަތޮޅުގައި ސައުދީން ހިންގަނީ ބޮޑު ބިޔަ މަޝްރޫއެއް
މިފަދަ ގޮތަކަށް މިހާތަނަށް ތަރައްގީކޮށްފައިވަނީ ދުނިޔޭގެ ތިން ހަތަރު ދިމާލެއްގައި
މިދިއަ އަހަރު މަޝްރޫއު ނުފެށުނީ ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލި ވުމުން ކަމަށް ވިދާޅުވި

ފ. އަތޮޅު ސައުދީ އަރަބިއްޔާގެ ސަރުކާރަށް ނުވަތަ އެ ގައުމުގެ ސަރުކާރުގެ އިސް ފަރާތްތަކަށް ވިއްކާލާފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް ބާރު ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާހަކަފުޅު ދައްކަވައިފި އެވެ.

އިދިކޮޅު ފަރާތްތަކުންނާއި ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް ކައުންސިލްގައި ކުރިން ހިމެނިވަޑައިގެންނެވި ކުރީގެ ޔޫތް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވަނީ ފ. އަތޮޅު ސައުދީ ސަރުކާރަށް ވިއްކާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ސަރުކާރުން މީގެ ކުރިން އެކަން ދޮގުކޮށްފައެއް ނެތެވެ. އަދި އެކަމާ ގުޅޭ ގޮތުން ބަހެއް ވެސް ބުނެފައެއް ނުވެއެވެ.

ފ. އަތޮޅު މާގޫދޫގައި ސައުދީ ސަރުކާރުގެ އެހީގައި އިމާރާތް ކޮށްފައިވާ މިސްކިތް ހުޅުވުމާއި މަގޫދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތަށް އެރަށަށް ވަޑައިގެން އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ފ. އަތޮޅަކީ ސައުދީ އަރަބިއްޔާގެ ސަރުކާރުގެ އިސްކޮށް ތިއްބެވި ބޭފުޅުންގެ ފަރާތުން ވަރަށް ހާއްސަ ޝައުގުވެރިކަމެއް އޮތް އަތޮޅެއް ކަމަށެވެ. އެގޮތުން އެ ފަރާތްތަކުން ފ. އަތޮޅުގައި ވަރަށް ބޮޑު ބިޔަ މަޝްރޫއުއެއް ހިންގުމަށް ވަނީ ނިންމަވާފައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ބިޔަ ބޮޑު މަޝްރޫއު ފ. އަތޮޅުގައި ހިންގުމަށްޓަކައި ހުރިހާ ޗާޓުތަކަކާއި ހުރިހާ ކުރެހުންތަކެއް ވަނީ ނިންމާފަ ކަމަށެވެ.

"ފ. އަތޮޅަކީ އެންމެ ކުޑަ އަބާދީއަށް ވެދާނެ. ފ. އަތޮޅާއި ވ.އަތޮޅަކީ މިއީ ކުދިކުދި އާބާދީ. އެކަމަކުވެސް ކަންކަން ރަނގަޅަށްދާ ކަމަށްވާނަމަ ފ. އަތޮޅަކީ އުފާވެރި އަދި ފ. އަތޮޅަކީ ނަސީބު ރަނގަޅު އަތޮޅެއް ކަމަށް މިއަދުވެސް ފާހަގަކޮށްލަން ބޭނުން. އެހެން މިދަންނަވާ ސަބަބަކީ އަޅުގަނޑަށް ހަމަ ޔަގީން މި ދެ ދާއިރާގެ މެމްބަރުންގެ ފަރާތްޕުޅުން ރައްޔިތުންނަށް ކޮންމެވެސް ވަރަކަށް އަޅުގަނޑު ދަންނަވާލަން އުޅޭވާހަކަ މީގެކުރިންވެސް އޮންނާނީ އިވިވަޑައިގެންފަ. މި އަތޮޅަކީ ސައުދީ ސަރުކާރުގެ ފަރާތުން ނޫނިއްޔާ ސައުދީގެ އިސްކޮށް ތިއްބެވި ބޭފުޅުންގެ ފަރާތުން ވަރަށް ހާއްސަ ޝައުގުވެރިކަމެއް އޮތް އަތޮޅެއް ފ. އަތޮޅަކީ. އެބޭފުޅުންގެ ވަރަށް ބޮޑު މަޝްރޫއުއެއް ފ. އަތޮޅަށް ވަނީ ރާއްވަވާފައި،" ރައީސް ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ހުރިހާ ޗާޓުތަކާއި ހުރިހާ ކުރެހުންތަކެއް ނިންމާފައިވާ ކަމަށާއި އެ މަޝްރޫއު މިދިޔަ އަހަރު ވެސް ފެށޭތޯ ބެއްލެވި ކަމަަށް، ސައުދީ އަރަބިއްޔާއާ ގާތް ގުޅުމެއް އޮންނަ ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮރަޕްޝަންގެ ތުހްމަތު ކުރެވިފައިވާ ރައީސް ޔާމީން ވިދާޅުވީ މިހާރުވެސް އަޅުގަނޑުމެން އިންތިޒާރު ކުރަމުން މިގެންދަނީ އެބިޔަ ބޮޑު މަޝްރޫއުއަށެވެ. އޭގެ ސަބަބުން އެތަކެއް ސަތޭކަ ވަޒީފާތައް އުފެދިގެންގޮސް މުޅި ފ. އަތޮޅަކީ ހަމަ އެންމެ ތަނަވަސް އަތޮޅު ކަމަށްވުމުގެ ފުރުސަތު އޮތްވަރުގެ ވަރުގަދަ ބިޔަ މަޝްރޫއުއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންގެ ސަރުކާރަކުން އަޅުގަނޑުމެންގެ ފޯރުންތެރިކަން ހުރި މިންވަރަކުން އަޅުގަނޑުމެންނަށް ހިންގޭވަރުގެ މަޝްރޫއުއެއް ނޫން. މީ ހަމަ މުޅި ދުނިޔެއަށް ހުޅުވާލެވޭ، މުޅި ދުނިޔޭގެ އެކިދާއިރާގެ މީހުން ދަތުރުފަތުރު ކުރާ މީހުންނާއި އަދި އެނޫންވެސް މީހުންވެސް އައިސް އޭގެ ބޭނުންތައް ހިފޭވަރުގެ ވަރަށް ނަމޫނާ، ދުނިޔޭގެ ތިން ހަތަރު ދިމާލެއްގަ ކަންނޭނގެ މިކަހަލަ ޓައުންޝިޕެއް، ނުވަތަ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް، އެކިވައްތަރުގެ ސިނާއަތްތައް ހިމެނޭގޮތަށް ތަރައްގީކުރެވިފަ މިއޮތީ. އެކަހަލަ މަޝްރޫއުއެއްގެ ނަމޫނާއަކަށް ބިނާކޮށް ފ. އަތޮޅަށް ތަރައްގީގެ މަޝްރޫއުއެއް އެބޭފުޅުންގެ ހިތްޕުޅުގަ އޮތީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެފަދަ ތަރައްގީގެ ބޮޑެތި ބިޔަ މަޝްރޫއުތައް ރާއްޖެއަށް ބޭނުންވާ ކަމަށާއި ފ. އަތޮޅުގައި ސައުދީ ސަރުކާރުން ހިންގާ މަޝްރޫއުގެ ސަބަބުން އެ އަތޮޅު ވަރަށް ބޮޑަށް ތަރައްގީވެ، ގނަ ސިނާއަތްތަކެއް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންވެސް މިކަންކަމުގައި އުއްމީދު ހެޔޮ. އަޅުގަނޑުމެންވެސް އެދެނީ ރާއްޖެގެއަށް މިފަދަ ކަންކަން ވެގެންދިއުން. އަދި އެމަޝްރޫއުގެ ސަބަބުން ފ. އަތޮޅަށް އަޅުގަނޑުމެން ނުދެކޭފަދަ ބޮޑު ތަރައްގީއެއް އައުން. އެހެންނަމަވެސް މިހުރިހާ ކަމަކީ ހަގީގަތުގަވެސް އަޅުގަނޑުމެންގެ ތެރޭގައި އޮތް ހަމަޖެހުން. މިދިއަ އަހަރު އަޅުގަނޑު ސައުދީއަށް ޒިޔާރަތެއް ކުރިން. އޭރުވެސް ހުރިހާކަމެއް ހުއްޓިފައިއޮތީ ދިވެހިރާއްޖޭގައި ސިޔާސީ ގޮތުން ހަލަބޮލިކަން އޮތް މިންވަރުން، ތިމަންނަމެން އިހަށް ކުޑަކޮށް މަޑުޖައްސާލައިގެން މިތިބިއްޔޭ... އޭރު އެބޭފުޅުންގެ ހުރިހާކަމެއް ހުއްޓިފައި އޮތީ ރާއްޖޭގައި އޮތް ހަލަބޮލި ކަމާއި ރާއްޖޭގެ އެކިހިސާބުގައި އެކިދިމާތަކުގައި ފަތުރަމުންދާ އަޑުތަކާހެދި އެބޭފުޅުން އެ މަޝްރޫއު މަޑުޖައްސާލާފަ އޮތީ. އަޅުގަނޑުމެންނަށް މިދިއަ އަހަރު ހުސްވެގެން މިދިޔައީ ދާދިއެކަހަލަ ގޮތަކަށް." ރައީސް ޔާމީން ވިދާޅުވި އެވެ.

މިދިއަ އަހަރު ރާއްޖޭގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް ކުރީގެ އަހަރުތަކާ އަޅާބަލާއިރު މިދިއަ އަހަރު މާބޮޑު އަދި މާގިނަ މުޒާހަރާތަކެއް ރާއްޖޭގައި ކޮށްފައެއްނުވެއެވެ.

ސަރުކާރުގެ އިސްވެރިން ހިންގި ކަމަށް ބުނާ 1.5 ބިލިއަން ޑޮލަރުގެ މަނީ ލޯންޑްރިންގ މައްސަލައެއް ދުނިޔޭގެ މަޝްހޫރު ޓީވީ ޗެނަލެއް ކަމަށް އަލްޖަޒީއާއިން "ސްޓީލިންގ ޕެރަޑައިސް"ގެ ނަމުގައި ޑޮކިއުމެންޓްރީއެއް ގެނެސްދީފައިވާތީ އެމައްސަލަ ވަނީ ފެންމަތިވެފަ އެވެ. އަދި ސަރުކާރުގެ ކޮރަޕްޝަނާއި ހިޔާނާތުގެ އެތައް މައްސަލަތަކެއް ފެންމަތި ވެފައި ވެއެވެ.

- ކޮމެންޓް