ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 15:27
ދިގުރަށުން ފައިސަލްގެ ޓީމަށް މަރުޙަބާ ދަންނަވަނީ
ދިގުރަށުން ފައިސަލްގެ ޓީމަށް މަރުޙަބާ ދަންނަވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ފެންނަނީ ގައުމު އަތުން ބީވެގެންދާތަން، އެހެން ގައުމެއް ދަށުވެގެން އުޅޭކަށް ބޭނުމެއް ނޫން: ފައިސަލް
މިއީ ފައިސަލްގެ ތިންވަނަ ކެމްޕެއިން ދަތުރު
ދަތުރުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ

ރައީސް ޔާމީންގެ ސަރުކާރުން ކަންކުރައްވާ ގޮތުން، މިއަދު ފެނިގެން މިދަނީ މިގައުމު ދިވެހިގެން އަތުން ބީވެގެންދާ މަންޒަރު ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިންގ މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އދ. އަތޮޅު ދިގުރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުޙާތަބުކުރައްވައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ދިވެހި ރާއްޖޭގައި އިސްލާހަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ކޯލިޝަނެއްގެ ގޮތުގައި ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރަނީ ކީއްވެގެންތޯ ދިވެހި ރައްޔިތުން ސުވާލުއުފައްދައި ވިސްނާލަންޖެހޭ ކަމަށެވެ. މިއަދު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަތަރު ލީޑަރުން އެކުގައި މި މަސައްކަތް ކުރަނީ ދިވެހިގެން އަތުން ދިވެހި ގައުމު ބީވެގެންދާ މަންޒަރު ފެންނާތީ ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ ގާތްގަނޑަކަށް މުޅި ގައުމު އަތުން ބީވެގެންދާތަން. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބޭފުޅަކު ބޭނުމެއް ނުވާނެ، އަޅުގަނޑުމެންގެ މިނިވަންކަން ގެއްލިގެންދާކަށް. މި ގައުމުގައި އަޅުގަނޑުމެން އެހެން ގައުމެއްގެ ބައެއްގެ ދަށުގައި އުޅެންޖެހޭނެ ދުވަހަކީ ދިވެހި ރައްޔިތުން ދެކެން ބޭނުންވާ ދުވަހެއް ނޫން، ދިވެހި ރައްޔިތުން ގަބޫލުކުރާނެ ދުވަހެއް ނޫން" ދިގުރަށު ބަނދަރު ހިޔާގައި ހުންނަވާއިގެން ފައިސަލް ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

ރައީސް ޔާމީން ސަރުކާރުން ކަންކުރައްވާ އުސޫލަށް އިޝާރަތް ކުރައްވާ ވަހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ދިވެހި ރައްޔިތުން އެހެން ގައުމެއްގެ ދަށުވެގެން މަސައްކަތް ކުރައްވަން ބޭނުންވާ ކަމަށެވެ. މިއަދު ދިވެހި ރާއްޖޭގެ ރައްޔިތުން ތަހައްމަލް ކުރަމުންދަނީ ދިވެހި ތާރީޙުގައި ވެސް ދެކިފައިނުވާ ހިތާމަވެރި ދުވަސްތަކެއްކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ މިއަދު ރައްޔިތުންގެ މޫނު މަތިން ފެންނަ މާޔޫސްކަމަށް އުފާވެރިކަމެއް ހޯދަދެއްވާނެ ކަމަށެވެ.

ދިގުރަށުން ފައިސަލްގެ ޓީމަށް މަރުޙަބާ ދަންނަވަނީ

އާބާދީގައި ގާތްގަނޑަކަށް 650 މީހުން ދިރިއުޅެމުން އަންނަ ދިގުރަށަށް ފައިސަލް ވަޑައިގަތުމުން ގުޅިފައިވާ ސިޔާސީ ޕާޓީޓަކަށް ތާއިދުކުރައްވާ ރައްޔިތުން ވަނީ ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރަކީ ރައްޔިތުންގެ ތާއިދު ހޯދެއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އދ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރެކެވެ.

މި ދަތުރުގައި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒާއި، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ރައްޔިތުންގެ މަޖިލީހުގެ މަކުނަދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ދެ މެމްބަރުން ކަމަށްވާ އަދާމް އާޒިމާއި، މުހައްމަދު މަލީހު ބައިވެރިވަޑައިގަންނަވާކަން ފާހަގަކޮށްލެއެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި ހޯމަ ދުވަހު ފައިސަލް ވަޑައިގަންނަވާނީ މަންދޫ، ފެންފުށީ، ދިއްދޫ، ދިގުރަށަށެވެ. އަންގާރަ ދުވަހު ހަންޏާމީދޫ، އޮމަދޫ، މަހިބަދޫ، ކުނބުރުދޫ އަދި މާމިގިއްޔަށް ވަޑައިގަންނަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް