ކ. މާލެ
|
24 ޖެނުއަރީ 2017 | އަންގާރަ 21:13
ޑރ ޝައިނީ ރައިސިނާގައި ވާހަކަ ދައްކަނީ
ޑރ ޝައިނީ ރައިސިނާގައި ވާހަކަ ދައްކަނީ
ރާއްޖެއެމްވީ
ތަރައްގީގެ މަޝްރޫއުތައް
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
ދެހާސް ސާދަ ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް 1.3 ބިލިއަން ރުފިޔާގައި
ދެހާސް ސޯޅަ ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި އެސްއީޒެޑުން ލިބޭނެ ކަމަށް ކަނޑައެޅި 1.5 ބިލިއަން ރުފިޔާ ލިބިފައެއް ނެތް
ދެހާސް ސޯޅަ ވަނަ އަަހަރު ނިމުނުއިރު ބަޖެޓް ޑެފިސިޓް އުޅެނީ 4.3 ބިލިއަން ރުފިޔާގައި

ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ އައިހެވެން މަޝްރޫއުގެ ދަށުން މިހާތަނަށް އެއްވެސް ޕްރޮޕޯސަލް ލިބިފައިނުވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ ދި ވަޔަރ އަށް ދީފައވާ އިންޓަރވިއުއެއްގައި ޑރ. ޝައިނީ ވިދާޅުވެފައިވަނީ އަދި މިހާތަނަށް އައިހެވެން މަޝްރޫއު އަށް އެއްވެސް ޕްރޮޕޯސަލެއް ލިބިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތުގެ ފީޒިބިލިޓީ ސްޓަޑީއެއް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި މަޝްރޫއުއަށް ޕްރޮޕޯސަލް އަދި ފަންޑިން ލިބިފައިނުވިޔަސް، ޑރ. ޝައިނީ ވިދާޅުވީ ގިނަ ގައުމުތަކަކުން ހައިހެވެން އަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ. 

އައިހެވެން މަޝްރޫއުއަކީ އިހަވަންދިއްފޮޅުގައި ހިންގާ ތަރައްގީގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ބަނދަރާއި އެއާޕޯޓާއި ބަންކަރިންގެ ހިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރަށް، ރިއަލް އެސްޓޭޓް މަސައްކަތްތައް ކުރުމަށް ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އައިހެވެންގެ މަޝްރޫއު އާއި ގުޅޭ ގޮތުން 2015 ވަނަ އަހަރު ޑރ ޝައިނީ ވިދާޅުވެފައިވަނީ އައިހެވެން މަޝްރޫއު ތަރައްގީ ކުރުމަށް ސައުދީ ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް މިއަދާ ހަމައަށްވެސް އެކަމުގެ އަމަލީ މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފައެއް ނުވެ އެވެ.

އައިއެހެވެން މަޝްރޫއުގެ ތެރެއިން އެއްވެސް ޕްރޮޕޯސަލެއް މިހާތަނަށް ލިބިފައިނުވާ އިރު ސްޕެޝަލް އިކޮނޮމިކް ޒޯން ( އެސްއީޒެޑްގެ ތެރެއިން) 2016 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަނޑައަޅާފައިވީ ނަމަވެސް އެ ،މަޝްރޫއުގެ ދަށުން އެ ފައިސާ ލިބިފައެއް ނުވެ އެވެ. އަދި އެސްއީޒެޑްގެ ތެރެއިން މިއަހަރުގެ ބަޖެޓުގައި ވަނީ 500 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަނޑައަޅާފަ އެވެ.

ސްރީ ލަންކާގެ މާލީ ހާލަތަށް ދީމާވެފައިވާ ދަތިކަން ކުރިމަތިވީ ވެސް ޗާއިނާ އިން ހިންގަންފެށި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން ކުރިމަތިވި ދަތިތަކަކާ ގުޅިގެން ކަމަށާއި ރާއްޖެވެސް އެފަދަ ދަރަނީގެ އަނދަވަޅަކަށް ވެއްޓިދާނެ ކަމާ މެދު ކަންބޮޑުނުވަންތޯ ދި ވަޔަރ އިން ސުވާލު ކުރުމުން ޑރ. ޝައިނީ ވިދާޅުވީ، ރާއްޖޭގެ ސަރުކާރުން އެކަމަށް ސަމާލުވާ ކަމަށާއި ރާއްޖެއިން އެއްވެސް ހާލެއްގައި ދަރަނީގެ އަނދަވަޅަނަށް ވެއްޓިދާނެ ކަމުގެ ބިރެއް ނެތް ކަމަށެވެ. އެގޮތުން މިއަހަރަށްވެސް ސަރުކާރުން އަރަނި ބަޖެޓެއް ހުށަހަޅާފައިވާ އިރު މިއަހަރުގެ ބަޖެޓްގެ ތެރެއިން ރާއްޖޭގެ ދަރަނި ހިފެހެއްޓިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ދަރަނީގެ މިންވަރު ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑު ތަން މައްޗަށް ގޮސްފަ އެވެ. އެގޮތުން،  2014 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް 1.3 ބިލިއަން ރުފިޔާގައި ހުރި އިރު 2016 ވަނަ ނިމުނު އިރު ބަޖެޓް ޑެފިސިޓް އުޅެނީ 4.3 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. މީގެ އިތުރުން ދައުލަތުން މިދިޔަ އަހަރުގެ ނިޔަލަށް ޖުމްލަ ދަރަނި 36.9 ބިލިއަން ރުފިޔާގައި ހުރި އިރު މި އަދަދު 2017 ވަނަ އަހަރު 41.6 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

- ކޮމެންޓް