ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 10:47
ފައިސަލް މަންދޫގެ ކެމްޕޭން ޓީމާ ބައްދަލުކުރައްވަނީ
ފައިސަލް މަންދޫގެ ކެމްޕޭން ޓީމާ ބައްދަލުކުރައްވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
މަންދޫގެ ކެމްޕެއިން ޓީމާ ފައިސަލް ބައްދަލުކުރައްވައިފި
މިއީ ފައިސަލްގެ ތިންވަނަ ކެމްޕެއިން ދަތުރު
މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ކެމްޕެއިން ހަރަކާތައް ކުރިއަށް ގެންދާނެ ގޮތާ ގުޅގޮތުން
ދަތުރުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ

އދ. އަތޮޅު މަންދޫގެ ކެމްޕެއިން ޓީމާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންގ މޭޓް ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ ތާއިދު ހޯދުމަށް ގުޅިފައިވާ ޕާޓީތަކުން އދ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން، އެ އަތޮޅު މަންދޫއަށް ވަޑައިގެން އެރަށުގެ ކެމްޕެއިން ޓީމާ ފައިސަލް ބައްދަލުކުރެއްވީ ހޯމަ ދުވަހު ހެނދުނެވެ. ފައިސަލް އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން މަންދޫއަށް ވަޑައިގަތުމުން، އެރަށުން ވަނީ ހޫނު މަރުޙަބާއެއް ކިޔައިފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައި ވަނީ ކެމްޕެއިން ހަރަކާތައް ވަރުގަދަ ކުރެވޭނެ ގޮތްތަކާއި، ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުންނެވެ.

މި ދަތުރުގައި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒާއި، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ރައްޔިތުންގެ މަޖިލީހުގެ މަކުނަދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ދެ މެމްބަރުން ކަމަށްވާ އަދާމް އާޒިމާއި، މުހައްމަދު މަލީހު ބައިވެރިވަޑައިގަންނަވާކަން ފާހަގަކޮށްލެއެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި ހޯމަ ދުވަހު ފައިސަލް ވަޑައިގަންނަވާނީ މަންދޫ، ފެންފުށީ، ދިއްދޫ، ދިގުރަށަށެވެ. އަންގާރަ ދުވަހު ހަންޏާމީދޫ، އޮމަދޫ، މަހިބަދޫ، ކުނބުރުދޫ އަދި މާމިގިއްޔަށް ވަޑައިގަންނަވާނެއެވެ. ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ އުފަން ރަށް ކަމަށްވާ މާމިގިއްޔަށް ފައިސަލްގެ ޓީމް ޒިޔާރަތްކުރުމުން އެރަށުގެ ރައްޔިތުން ޙޫނު މަރުހަބާއެއް ކިޔާފައިވާކަން ފާހަގަކޮށްލެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް