ކ. މާލެ
|
28 ޖުލައި 2018 | ހޮނިހިރު 23:33
ތުޅާދޫ ޖަލްސާގައި ކަމާލުއްދީން ވާހަކަފުޅު ދައްކަވަނީ
ތުޅާދޫ ޖަލްސާގައި ކަމާލުއްދީން ވާހަކަފުޅު ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އިބޫ މަސްލަހަތު ހޯއްދަވާނީ އިދިކޮޅު މީހާއާ ވެސް މަޝްވަރާކޮށްގެން: ކަމާލުއްދީން
މޮޅުކަން ދައްކާލެވޭނީ ހަމައިސްކޮޅަށް ދެމިލައިގެން ކަމަށް ވިދާޅުވި
ފަރުދީ ފެންވަރެއްގައި މިނިވަންކަން ހޯދަންޖެހޭ ކަމަށް ވިދާޅުވި

ގައުމަށް މަސްލަހަތު ގެނައުމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) މަސައްކަތްޕުޅު ކުރައްވާނީ އިދިކޮޅު މީހާގެ އަޑު އަހައި މަޝްވަރާކޮށްގެން ކަމަށް, ރައީސް މައުމޫން ވެރިކަމުގައި ވަޒީރުކަން ކުރެއްވި އަބުދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން، ބ. ތުޅާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކަމާލުއްދީން ވިދާޅުވީ ގައުމަށް މަސްލަހަތު ގެނައުމަށް އިބޫ މަސައްކަތްޕުޅު ކުރައްވާނީ މަޑުމައިތިރި ކަމާއި ސުލްހަވެރިކަމާ އެކު ކަމަށެވެ. އެގޮތުން އިދިކޮޅު މީހާގެ އަޑު ވެސް އިބޫ އަޑު އައްސަވާނެ ކަމަށާއި އެކަން ކުރައްވާނީ ބުރަކަށީގައި ފިރުމާލައްވަމުން ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.

"އިބްރާހިމް މުހައްމަދު ސާލިހުގެ މިޒާޖުފުޅާއި ކަންކަން ގެންދަވާ ގޮތުން، އެ މަޑުމައިތިރި ކަމާއި އެ ސުލްހަވެރިކަމާ އެކު، އިދިކޮޅު މީހާއާ ވެސް ކުރިމަތިލައްވާނެ. އަދި އިދިކޮޅު މީހާގެ ވެސް ބުރަކަށީގައި ފިރުމާލައްވާފަ، އޭނާ އެ ބުނާ އެއްޗެއް ވެސް އަޑު އައްސަވާފަ، އޭނާއާ އެކީގައި މަޝްވަރާ ކުރައްވައިގެން، ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތް، ހޯއްދަވާނެ ކަމާމެދު އަޅުގަނޑު އެއްވެސް ޝައްކެއް ނެތް،" ކަމާލުއްދީން ވިދާޅުވިއެވެ.

ބ. ތުޅާދޫގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ/ ރާއްޖެއެމްވީ

ކަމާލުއްދީން ވިދާޅުވީ އިސްލާހީ މަސައްކަތުގެ އެންމެ މުހިއްމު ބަޔަކީ ފަރުދީ ފެންވަރެއްގައި މިނިވަންކަން ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގައި ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތައް ހޯދަން މަސައްކަތް ކުރަންޖެހޭނެ ކަމަށާއި އެކަން ކުރަން ޖެހޭނީ ހަމައިސްކޮޅަށް ދެމިލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ހަށިފޮޅާލާފަ ނުކުމެ، އަޅުގަނޑުމެންގެ ހުރި މޮޅުކަން، ރައްޔިތު މީހާގެ ހުރި މޮޅުކަން ދައްކާލާފަ، ރައީސް ނަޝީދު ވިދާޅުވާ އިބާރާތެއް އެއީ ހަމަ އިސްކޮޅަށް ދެމިލާފަ، އެ މީހާ ބޭނުންވާ ކަންތައް ކޮށްލެވޭނެ މަގު އަޅުގަނޑުމެންނަށް ފެނިގެން ނޫން ގޮތަކަށް އަޅުގަނޑުމެންގެ ހުރި މޮޅުކަން ރައްޔިތުންގެ ހުރި މޮޅުކަން ރައްޔިތުންނަށް ދައްކާ ދެވޭނެ އެއްވެސް ގޮތެއް ނެތް،" ކަމާލުއްދީން ވިދާޅުވިއެވެ.

ރައީސް މައުމޫންނަށް ތާއީދު ކުރައްވާ ބޭފުޅުންގެ ފަރާތްޕުޅުން ވާހަކަފުޅު ދައްކަވަމުން، ކަމާލުއްދީން ވިދާޅުވީ އިބޫއަކީ ގައުމަށް ހެޔޮ ބަދަލު ގެނެސްދެވޭނެ ބޭފުޅެއް ކަމަށާއި ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ކުރީގެ ނާއިބު ލީޑަރުކަން ކުރެއްވި ކަމާލުއްދީން ވަނީ، އެ ޕާޓީން ވަކިވެވަޑައިގެން، އިސްލާހީ މަސައްކަތުގައި ރައީސް މައުމޫންނަށް ތާއީދު ކުރައްވާ ބޭފުޅުންނާއެކު މަސައްކަތްޕުޅު ކުރައްވަން ފައްޓަވާފައެވެ. ރައީސް މައުމޫންގެ އިސްލާހީ މަސައްކަތަށް ދީފައިވާ ނަމަކީ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް