ކ. މާލެ
|
29 ޖުލައި 2018 | އާދީއްތަ 13:59
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
އެމްއޭސީއެލް
އެމްއެމްއޭ ސަރވޭ
ބޭސްފަރުވާއަށް ދިވެހިން އެންމެ ގިނައިން ދަނީ އިންޑިއާއަށް، ޗުއްޓީއަށް ލަންކާއަށް: އެމްއެމްއޭގެ ސަރވޭ
ސަރވޭ ކުރި މުއްދަތުގައި 6943 މީހުން ރާއްޖެއިން ދަތުރުކޮށްފައިވޭ
ސަރވޭގައި ބައިވެރިވީ 4220 މީހުން
ސިއްހީ ހިދުމަތް ހޯދުމަށް 1889 މީހުން ރާއްޖެއިން ބޭރަށް ގޮސްފައިވޭ

ބޭސްފަރުވާއަށް އަދިވެސް އެންމެ ގިނަ ދިވެހިން ދާ ގައުމަކީ އިންޑިއާ ކަމަށާއި ޗުއްޓީ ހޭދަކުރުމަށް އެންމެ ގިނަ ދިވެހިން ދާ ގައުމަކީ ލަންކާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން 2017 ވަނަ އަހަރުކޮށްފައިވާ މޯލްޑިވިއަންސް ޓްރެވެލިންގ އެބްރޯޑް ސަރވޭގައި މުހިއްމު ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން 2017 ވަނަ އަހަރު 6943 ދިވެހިން ރާއްޖެއަށް ދަތުރުކޮށްފައިވާއިރު، ސަރވޭގެ މުއްދަތުގައި މީގެ ތެރެއިން 4220 މީހުންނާ ވަނީ ސަރވޭ ކުރެވިފައެވެ.

ސަރވޭ ކުރެވުނު މުއްދަތުގައި އެންމެ ގިނަ މީހުން ރާއްޖެއިން ބޭރަށް ގޮސްފައިވަނީ ސިއްހީ ހިދުމަތް ހޯދުމަށެވެ. އެގޮތުން 1889 މީހުން ސިއްހީ ހިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ގޮސްފައިވާ އިރު ޗުއްޓި ހޭދަކޮށްލުމަށް ރާއްޖެއިން ބޭރުގެ ގައުމުތަކަށް ގޮސްފައިވަނީ 1396 މީހުންނެވެ. އަދި ތައުލީމު ހާސިލް ކުރުމަށް 160 މީހުން ރާއްޖެއިން ބޭރަށް ގޮސްފައިވާ އިރު ވިޔަފާރީގެ ބޭނުންތަކުގައި 122 މީހުންވަނީ ސަރވޭގެ މުއްދަތުގައި ރާއްޖެއިން ބޭރަށް ގޮސްފައެވެ. އެހެނިހެން ބޭނުންތަކަށް 653 މީހުން ވަނީ ރާއްޖެއިން ބޭރަށް ސަރވޭ ކުރި މުއްދަތުގެ ތެރޭގައި ގޮސްފައެވެ.

 މީގެ އިތުރުން 2016 ވަނަ އަހަރު ޖުމްލަ 4488 މީހުން ސަރވޭގައި ބައިވެރިވި އިރު 2015 ވަނަ އަހަރު ސަރވޭގައި ބައިވެރިވެފައިވަނީ 3861 މީހުންނެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ ތެރެއިން 2015 ވަނަ އަހަރާ އަޅާ ބަލާއިރު ޗުއްޓީ ހޭދަކުރުމަށްދާ ދިވެހިން ވަނީ 18 ޕަސެންޓް އިތުރުވެފައެވެ. ސިއްހީ ހިދުމަތް ހޯދުމަށްދާ ދިވެހިންގެ އަދަދު 2016 ވަނަ އަހަރަށް ވުރެ 2017 ވަނަ އަހަރު މަދެވެ.

ސިއްހީ ހިދުމަތް ހޯދުމަށް 65 ޕަސެންޓް މިހުން ދަތުރުކޮށްފައިވަނީ އިންޑިއާ އަށެވެ. 26 ޕަސެންޓް މީހުން ލަންކާއަށް ދަތުރުކޮށްފައިވާ އިރު 6 ޕަސެންޓް މީހުން ސިއްހީ ހިދުމަތް ހޯދުމަށް ތައިލެންޑަށް ދަތުރުކޮށްފައިވެއެވެ. މީގެ އިތުރުން ސިންގަޕޫރާއި މެލޭޝިއާއަށްވެސް ބޭސްފަރުވާއަށް ދިވެހިން ދަތުރުކޮށްފައިވެއެވެ. ސިއްހީ ހިދުމަތް ހޯދުމަށް މެލޭޝިއާގައި އެވްރެޖްކޮށް 19 ދުވަސް ދިވެހިން ހޭދަކޮށްފައިވާ އިރު ސިންގަޕޫރުގައި 14 ދުވަސް ހޭދަކޮށްފައިވެއެވެ. އަދި އިންޑިއާގައި 13 ދުވަސް ސިއްހީ ހިދުމަތް ހޯދުމަށް ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން ސިއްހީ ހިދުމަތަށް އެންމެ ބޮޑު ހޭދަކޮށް ކޮށްފައިވަނީ ސިންގަޕޫރުގައެވެ. އެގޮތުން އެވްރެޖުކޮށް ދިވެހިން 2500 ޑޮލަރު ސިއްހީ ހިދުމަތް ހޯދުމަށް ސިންގަޕޫރުގައި ހަރަދުކުރެއެވެ. މެލޭޝިއާގައި އެވްރެޖުކޮށް 1320 ޑޮލަރު ހޭދަކުރާ އިރު ތައިލެންޑްގައި ހޭދަކުރަނީ 1359 ޑޮލަރެވެ. ސިއްހީ ހިދުމަތަށް އެންމެ ކުޑަ ހޭދައެއް ކޮށްފައިވަނީ ސްރީލަންކާގައެވެ. އެގޮތުން ހޭދަކޮށްފައިވަނީ ގާތްގަނޑަކަށް 500 ޑޮލަރެވެ. އިންޑިއާގައި އެވްރެޖުކޮށް ހޭދަކޮށްފައިވަނީ 687 ޑޮލަރެވެ.

ޗުއްޓީ ހޭދަކުރުމަށް އެންމެ ގިނަ ބަޔަކު ރާއްޖެއިން ގޮސްފައިވަނީ ލަންކާއަށެވެ. އެގޮތުން ސަރވޭގައި ބައިވެރިވި 40 ޕަސެންޓް މީހުން ޗުއްޓީ ހޭދަކުރުމަށް ގޮސްފައިވަނީ ލަންކާއަށެވެ. ދެވަނައަށް އެންމެ ގިނަ މީހުން  ޗުއްޓީ ހޭދަކުރުމަށް ގޮސްފައިވަނީ މެލޭޝިއާ އަށެވެ. އަދި ތިން ވަނަ އަށް ޗުއްޓީ ހޭދަ ކުރުމަށް އެންމެ ގިނަ ދިވަހިން އިހްތިޔާރުކޮށްފައިވާ މަންޒިލަކީ ތައިލެންޑެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް