ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 08:55
އުނގޫފާރުގެ މަގެއް
އުނގޫފާރުގެ މަގެއް
ގޫގުލް
ރާއްޖޭގެ ތަރައްގީ
ރ. އަތޮޅުގައި ކުރިއަށްގެންދާ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްދޭ: އުނގޫފާރު ދާއިރާގެ ކައުންސިލަރު
އުނގޫފާރުގެ މަގުތަކުގައި ތާރު އެޅުމަށް ކުރަންޖެހޭ މަސައްކަތް ދަނީ ކުރަމުން
އުނގޫފާރުގެ ރީޖަނަލް ހޮސްޕިޓަލުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދޭނެ ޚިދުމަތްތައް ލިބުމަށް ބޭނުންވޭ

ރ.އަތޮޅުގައި ކުރިއަށްގެންދާ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އުނގޫފާރު ދާއިރާގެ ކައުންސިލަރު ޔޫސުފް ސަލީމު ވިދާޅުވެއްޖެއެވެ.

ދާއިރާގެ ވާހަކަ ޕްރޮގްރާމަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ޔޫސުފް ވިދާޅުވީ އުނގޫފާރު ދާއިރާގައި ހިމެނޭ ހުޅުދުއްފާރާއި، މާކުރަތުގައި ހިންގާ މަޝްރޫއުތައް ކުރިއަށްދާ ކަމަށާއި، ރައްޔިތުން ތިބީ ހިތްހަމަޖެހިގެން ކަމަށެވެ.

އެގޮތުން އުނގޫފާރުގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށް ދަނީ މަގުތަކަށް ފަސް އެޅުމާއި އެއްވަރު ކުރުމުގެ މަސައްކަތް ކަމަށް ޔޫސުފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަގުތަކުގެ ޕޭވްމަންޓް ހަދާ ނިމިފައިވާ ކަމަށާއި، މަގުތަކުގައި ވަރަށް އަވަހަށް ތާރު އަޅަން ފަށާނެ ކަމަށެވެ. އަދި ތާރު އެޅުމަށް ބޭނުންވާ ތަކެތި އެރަށަށް ގެނެސްފައިވާ ކަމަށް ޔޫސުފް ވިދާޅުވިއެވެ.

މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާތާ ދެއަހަރަށް ވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވައި ޔޫސުފް ވިދާޅުވީ ތަފާތު އެކި ސަބަބުތަކާއި ހުރެ މަގު ހެދުމުގެ މަސައްކަތް ހުއްޓުނު ނަމަވެސް މިހާރު ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އަދި އުންމީދު ކުރަނީ ކައިރި މުސްތަގުބަލެއްގައި މިމަޝްރޫއު ނިމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫސުފް ވިދާޅުވީ އަފްރާޝިމްގެ ހަނދާނުގައި ބިނާ ކުރާ މިސްކިތުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

ކުޅިވަރު ކުޅޭ ޒުވާނުންނަށް ޚާއްޞަކުރެވިގެން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި ޔޫސުފް ވިދާޅުވީ އުނގޫފާރުގެ ފުޓްސަލް ދަނޑު ބޭނުން ކުރަން ފަށާފައިވާ ކަމަށާއި، ހުޅުދުއްފާރުގެ ފުޓްސަލް ދަނޑުގެ މަސައްކަތް ވެސް ނިމެން ކައިރިވެފައިވާ ކަމަށެވެ. މީގެ އިތުރުން މިދެރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާކުރަތުގެ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުވާ ލައްވައި ވާހަކަދައްވަމުން ޔޫސުފް ވިދާޅުވީ އެރަށުގައި ޕަބަލިކް ވޯރކްސް ޔުނިޓެއް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށާއިފައިވާ ކަމަށެވެ. އަދި އެރަށުގައި އަޅަމުންދާ ފުޓްސަލް ދަނޑު ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ.

ޔޫސުފް ވިދާޅުވީ އުނގޫފާރު ދާއިރާގެ ރައްޔިތުން މިއަދު އެންމެ ބޭނުން ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ގިނަ ޚިދުމަތްތަކެއް ލިބިގެން ދިއުން ކަމަށެވެ. އެގޮތުން މާލެ ނުގޮސް ބޮޑެތި ބަލިތަކަށް ވެސް ޚިދުމަތް ލިބިގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ހޮސްޕިޓަލުން ލިބޭ ޚިދުމަތްތަކަށް ބަލާއިރު، ޑައެލިސިސް ހައްދަވާ ބޭފުޅުން. އެބޭފުޅުން އަތޮޅުގައި ތިއްބަވައިގެން ޑައެލިސިސް އެބަ ހެދޭ. އަޅުގަނޑު ބަލަނީ އެއީ ރައްޔިތުންނަށް ލިބިގެން ދިޔަ ލުޔެއް ކަމަށް. މާބަނޑު އަންހެނުން ސްކޭން ކުރުމުގެ ޚިދުމަތް ލިބޭ. ކުދި ކުދި އޮޕްރޭޝަން. ހަމުގެ ބައްޔަށް، ނާރަށް ކަށީގެ ބައްޔަށް ފަރުވާ. ޑޮކްޓަރުން ޗުއްޓީ ނަގައިގެން ދިޔައިމަ ޑޮކްޓަރު ނުލިބުނު ދަތިކަން. ޖާގަ ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކަށް އެބަ ޚިދުމަތްތައް ލިބޭ. މިހާރު ހޮސްޕިޓަލްގެ ޚިދުމަތް ފުޅާ ކުރުމުގެ ގޮތުން ޕްރައިވެޓް ރޫމްތަކެއް ހެދުމަށް ހަވާލުކޮށްފައި." ޔޫސުފް ވިދާޅުވިއެވެ.

އުނގޫފާރުގައި ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި ޔޫސުފް ވިދާޅުވީ އުނގޫފާރުގައި ބިން ހިއްކޭނެ ބޮޑު ސަރަހައްދެއް އެބައޮތް ކަމަށެވެ. އުއްމީދު ކުރަނީ ބިން ހިއްކުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދެވި ބިމުގެ ދަތިކަން ހައްލުވެގެން ދިއުން ކަމަށެވެ.

ޔޫސުފް ވިދާޅުވީ ރ. އަތޮޅުގައި ހިންގާ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށާއި، އެމަޝްރޫއުގެ ދަށުން ގިނަ އިތުރު ވަޒީފާތައް އުފެދިގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
28 ޖުލައި 2018 | ހޮނިހިރު 11:28
ކޮއިމަލާކަލޯ
ރަސްގެތީމަށް ނުކޮށްދޭ އެއްމެ ކަމެއްވެސް! ހުސް ބުޙުތާނު