ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 08:35
ރަސްފަންނުގައި ހަދާ ޓަވަރުތަކުގެ މަސައްކަތް ފެށުން ރައީސް އިފްތިތާހުކޮށްދެއްވަނީ
ރަސްފަންނުގައި ހަދާ ޓަވަރުތަކުގެ މަސައްކަތް ފެށުން ރައީސް އިފްތިތާހުކޮށްދެއްވަނީ
ރައީސް އޮފީސް
ބޯހިޔާވަހިކަން
ޓަވަރުތައް ފެނި ޔާމީނަށް ވޯޓު ދިނުމަކީ ޕްރިޔަންކާ އާއި ކައިވެނި ކުރެވޭނެ ކަމަށް ހީކުރުން ކަހަލަ ކަމެއް: ނިޒާރު
އެޕާޓްމަންޓެއްގެ އަގު އުޅޭނީ ހަތަރު މިލިއަން ރުފިޔާ އަށް ވުރެ މަތީގައި
ތިން ޓަވަރުގައި ހައުސިންގް ޔުނިޓްތައް އެޅުމަށް ހަމަޖެހިފައިވޭ
ގިނަ އެޕާޓްމަންޓްތައް މިހާރު ވެސް ވަނީ 99 އަހަރަށް ބޭރުގެ ފަރާތްތަކަށް ވިއްކާފައި

މާލޭގެ މާފަންނު ކޮޅު، "ރަސްފަންނު" ބީޗު ސަރަހައްދުގައި ހަދާ ޓަވަރުތައް ފެނި، އުފާވެ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމަކީ "ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިލްމެއް ބަލާފައި އޭނާއާ ކައިވެނިކުރެވޭނެ ކަމަށް ހީކުރުން ކަހަލަ ކަމެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ސިފަކުރައްވައިފިއެވެ.

އެ އިމާރާތްތައް ހުންނާނެ ގޮތުގެ ފޮޓޯއަކާ އެކު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެތަނުގެ އެޕާޓްމަންޓެއްގެ އަގު އުޅޭނީ ހަތަރު މިލިއަން ރުފިޔާ އަށް ކަމަށެވެ.

ރަސްފަންނު ކައިރީގައި އަޅާ 28 ބުރީގެ ފަސް ޓަވަރުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު އެ ތަނުގެ އެޕާޓްމަންޓްތައް މިހާރު ވަނީ މާކެޓަށް ހުޅުވާލާފައެވެ. އެޕާޓްމަންޓްގެ އަގުތައް އުޅެނީ ހަތަރު މިލިއަނަށް ވުރެ މަތީގައެވެ. އެނގިފައިވާ ގޮތުގައި އެ ޓަވަރުތަކުގެ ގިނަ އެޕާޓްމަންޓްތައް މިހާރު ވެސް ވަނީ ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ވިއްކާފައެވެ. 

އެ ޓަވަރުތަކުގެ މަސައްކަތް މިދިޔަ ހަފުތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. ރަސްފަންނު ސަރަހައްދުގައި އަޅާ 100 މީޓަރު އުސް ހަތަރު ޓަވަރުގެ ތެރެއިން އެއް ޓަވަރު ތަރައްގީ ކުރަނީ 228 ކޮޓަރިއާ އެކު ލަގްޒަރީ ހޮޓަލެއްގެ ގޮތުގައެވެ. އެ ހޮޓަލުގެ ބޮޑު މިނަކީ 8،600 އަކަފޫޓެވެ. އަނެއް ތިން ޓަވަރު ހާއްސަކޮށްފައި ވަނީ 533 އެޕާޓްމެންޓާ އެކު ރެޒިޑެންޝަލް ޑިވޮލަޕްމެންޓަށެވެ. އެއީ ދެ ކޮޓަރި އާއި ހަތަރު ކޮޓަރީގެ ލަގްޒަރީ އެޕާޓްމަންޓްތަކެކެވެ. ދެވަނަ ޓަވަރުގައި 10،000 އަކަފޫޓް ހިމެނޭއިރު ތިންވަނަ ޓަވަރު ތަރައްގީ ކުރަނީ 13،000 އަކަފޫޓުގެ ބިމެއްގައެވެ. 

ރެޒިޑެންޝަލް ޓަވަރުތަކުގެ 15 ޕަސެންޓްގައި ގުދުރަތީ ގަސް ހިމެނޭ ގޮތަށް ތަރައްގީކުރާ އިރު މިއީ ޒަމާނީ ފެންވަރުގެ ސްވިމިން ޕޫލްތަކާއި ކުޑަކުދިން ކުޅެން ހާއްސަ ސަރަހައްދުތަކުގެ އިތުރުން ބާބަކިއު އޭރިޔާއެއް ވެސް ހިމެނޭ ގޮތަށް ތަރައްގީކުރާ ޓަވަރުތަކެކެވެ. 

މީގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ބޮޑު ޝޮޕިން މޯލެއް ވެސް މިތަނުގައި ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓްގެ ޖުމްލައަގަކީ 220 މިލިއަން ޑޮލަރު (3.4 ބިލިއަން ރުފިޔާ) އެވެ. މިތަން އިމާރާތްކުރުމުގެ މަސައްކަތްކުރަނީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ވެސް ކުރާ ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަނުންނެވެ. އެއްބަސްވުމުގައިވާ ގޮތުން ތިން އަހަރާއި ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް