ކ. މާލެ
|
28 ޖުލައި 2018 | ހޮނިހިރު 10:57
ޑރ. ޝަހީމް ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދާންދޫ ޖަގަހަ ހުޅުއްވައިދެއްވާއިރު ވާތްފަރާތުގައި އަގީލް ހުއްޓިލައިގެން
ޑރ. ޝަހީމް ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދާންދޫ ޖަގަހަ ހުޅުއްވައިދެއްވާއިރު ވާތްފަރާތުގައި އަގީލް ހުއްޓިލައިގެން
ޓްވިޓަރ
ރިޔާސީ އިންތިހާބު 2018
ރިޔާސީ އިންތިޚާބުގެ ފޯކަލް ޕޮއިންޓަށް ކަނޑައަޅާ މީހުން ޕީޕީއެމްގެ ހަރަކާތްތަކުގައި!
އީސީން ދާންދޫ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި އައްޔަންކޮށްފައި ހުރި އަގީލް ޕީޕީއެމް ހަރަކާތްތަކުގައި
ބައެއް އެހެން ފޮށިތަކަށް ވެސް ޕީޕީއެމްގެ އެކްޓިވިސްޓުން ހަމަޖައްސާފައިވޭ
ފޯކަލް ޕޮއިންޓްތަކަށް ޕީޕީއެމް އޮފީސް މެދުވެރިކޮށް މީހުންގެ މައުލޫމާތު ފޮނުވި ކަމުގެ އަޑުތައް ވަނީ ފެތުރިފައި

ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ރަށްރަށް ފޯކަލް ޕޮއިންޓްގެ ގޮތުގައި ކަނޑައަޅާ ފަރާތްތައް ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވާ މައްސަލަ ފެންމަތިވެއްޖެއެވެ. 

އީސީގެ ފަރާތުން ފޮށިތައް ކައިރީގައި ތިބޭ މީހުން ކަނޑައެޅުމަށް މައުލޫމާތުތައް ފޮނުވާފައި ވަނީ ޕީޕީއެމް އޮފީސް މެެދުވެރިކޮށް ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށް ގއ. ދާންދޫ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި އައްޔަންކޮށްފައި ހުރި މުހައްމަދު އަގީލް ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފޮޓޯތަކެއް ވަނީ އާންމުވެފައެވެ. 

ނަމަވެސް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަގީލް ބުނީ އެއްވެސް ވަރަކަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވާ ކަަމާށާއި، ވަކި ޕާޓީއަކަށް ތާއީދު ވެސް ނުކުރާ ކަމަށެވެ. އެންމެފަހުން ދާންދޫގައި ހުޅުވި ޕީޕީއެމް ޖަގަހައިގައި އިސްކޮށް ހަރަކާތްތެރިވަންތޯ ސުވާލުކުރުމުން އަގީލް ބުނީ އެޖަގަހައަކީ އޭނާގެ ކޮއްކޮ ދިރިއުޅެމުން އަންނަ ގޭގައި ހުޅުވި ޖަގަހައެއް ކަމަށާއި، އެގެއަށް ވެދަނުކުމެ ހަދާތީ އެމަންޒަރު އާންމުންނަށް ފެންނާނެ ކަމަށެވެ. 

"އަޅުގަނޑުމީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މީހެއް ނޫން. އެއްވެސް ސިޔާސީ ޕާޓީއެއްގައި މަސައްކަތް ނުކުރަން. ވަކި ޕާޓީއަކަށް ތާއީދެއް ނުކުރަން. ދެން ކޮއްކޮމެންގޭގައި ހުންނާނެ ޕީޕީއެމް ޖަގަހައެއް. ދެން އެގެއަށް ވަދެ ހަދަން. ކޮއްކޮ ގެއަށް ވީމަ ވަންނަނީ. ޕީޕީއެމްގެ ޖަގަހައަކަށް ނޫން ދަނީ،" އަގީލް ބުންޏެވެ. 

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވާ ކަމަށް އަގީލް ބުނި ނަމަވެސް ރައީސް އަބްދުﷲ ޔާމިންގެ ރަނިން މޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދާންދޫއަށް ވަޑައިގެން އެރަށުގެ ޕީޕީއެމް ޖަގަހަ ހުޅުވައިދެއްވި އިރު  އެތަނުގައި ވެސް އިސްކޮށް އަގީލް ހަރަކާތްތެރިވި މަންޒަރު ފޮޓޯތަކުން ފެނިގެންދެއެވެ.  

ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބުކުރެއްވުމަށް ސަރުކާރުގެ މުވައްޒަފުންނާއި ވަސީލަތްތައް ވެސް ބޭނުންކުރައްވާނެ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތު ދިން އެރަށުގެ މީހަކު ބުނީ ރިޔާސީ އިންތިޚާބުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި އައްޔަންކުރީ އިންސާފުވެރިކޮށް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. 

މައުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މަގާމުގައި ހުރި އަގީލް އަކީ މީގެ ކުރިން ވެސް ޕީޕީއެމްގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ.

މިމައްސަލައާ ގުޅިގެން ރައްޖޭއެމްވީން ދެންނެވި ސުވާލަކަށް ދާންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފޯކަލް ޕޮއެންޓަށް އައްޔަންކޮށްފައި ހުރި މީހާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފޮޓޯތައް ސޯޝަން މީޑިއާގައި ދައުރުވާ ކަމަށާއި، ރަށުގެ ބައެއް ރައްޔިތުން ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅު ކުރަމުން އަންނަ ކަމަށެވެ.

އިސްމާއިލް ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވަން ކުރަންޖެހޭ މަސައްކަތްތައް ކައުންސިލުން ކުރާނެ ކަމަށާއި، ކައުންސިލުން ރައްޔިތުންގެ ކަންބޮޑުވުންތައް އަހާނެ ކަމަށެވެ.

އީސީން ބުނެފައި ވަނީ މި ފަހަރުގެ އިންތިޚާބުގައި ފޮށިތައް ކައިރީގައި ހަރަކާތްތެރިވާނީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ފަރާތްތަކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް