ކ. މާލެ
|
24 ޖެނުއަރީ 2017 | އަންގާރަ 14:32
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
މުހައްމަދު ޝަރުހާން
ކައުންސިލް އިންތިހާބު
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
މައްސަލަ ފަސްކުރީ ދައުލަތުން އެދިގެން

ކައުންސިލް އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލް ކުރުމާ ގުޅިގެން އެމްޑީޕީއިން ހައި ކޯޓަށް ހުށައަޅި ދުސްތޫރީ މައްސަލަ މިއަދަށް ތާވަލް ކުރުމަށް ފަހު ފަސްކޮށްފިއެވެ.

 

ހައިކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކެންޑިޑޭޓުންނާ ގުޅޭ ގޮތުން އެމްޑީޕީން ހުށަހެޅި ދުސްތޫރީ މައްސަލަ ފަސްކުރީ ދައުލަތުން އެދިގެން ކަމަށެވެ. އެގޮތުން މައްސަލަ ފަސްކޮށްދިނުމަށް ދައުލަތުން އެދިފައި ވަނީ ތައްޔާރުވުމަށް އިތުރު ވަގުތު ބޭނުން ވާތީ ކަމަށް ހައިކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

 

ހައިކޯޓުގެ އޮފިޝަލް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެންޑިޑޭސީ ބާތިލް ކުރި މައްސަލައިގެ އަޑުއެހުން ދެން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށެވެ.

 

އެމްޑީޕީން ބުނީ ކައުންސިލް އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމާ އެކު އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމުތައް ބަލައިގަނެ ކެންޑިޑެސީ ގަބޫލުކުރުމަށް ފަހު، އެ ނިންމުން ބާތިލްކޮށް އެޕްރީލް 8 ގައި އޮންނަ އިންތިހާބަަށް އެ ކެންޑިޑޭޓުން އަލުން ކުރިމަތިލާން ޖެހޭ ގޮތަށް ހެދީ ސިވިލް ކޯޓުގެ ހުކުމާއި އިންތިހާބާ ބެހޭ ގާނޫނާ ވެސް ހިލާފަށް ކަމަށެވެ. އެހެންވެ އެމްޑީޕީން ހައި ކޯޓުގައި އެދުނީ އީސީގެ އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މީގެ އިތުރުން މައްސަލާގައި ބުނެފައި ވަނީ މައްސަލައާ ގުޅޭ ގޮތުން ވަކި ގޮތެއް ނިމެންދެން، އެމްޑީޕީ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން އީސީގެ މައްޗަށް އަމުރެއް ނެރެދޭން ވެސް އެމްޑީޕީން އެދިފައިވެ އެވެ.

 

ކައުންސިލްތަކުގެ އިންތިހާބު މިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، 900 އަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ކެންޑިޑެސީ ގަބޫލުކުރުމަށް ފަހު އީސީން ވަނީ އެ ނިންމުން ބާތިލްކޮށްފަ އެވެ. އެއީ، އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

 

ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައި އޮތް ކައުންސިލް އިންތިހާބް ދެ މަސް ދުވަސް ފަސްކުރީ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ، އަދި މިހާރު ކައުންސިލް އިންތިހާބް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އެޕްރީލް މަހުގެ އަށް ވަނަ ދުވަހުއެވެ.

- ކޮމެންޓް