ކ. މާލެ
|
26 ޖުލައި 2018 | ބުރާސްފަތި 14:36
ސުޕްރީމް ކޯޓުގެ މައްސަލަތައް ރިވިއު ކުރުމުގައި ޤާނޫނީ ހުރަހެއް ނެތް ކަމަށް އެކޯޓުގެ ހުކުމުގައި ވަނީ ބުނެފައި
ސުޕްރީމް ކޯޓުގެ މައްސަލަތައް ރިވިއު ކުރުމުގައި ޤާނޫނީ ހުރަހެއް ނެތް ކަމަށް އެކޯޓުގެ ހުކުމުގައި ވަނީ ބުނެފައި
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓުގެ ހުކުމްތައް ހަމަ އެކޯޓަށް ރިވިއު ކުރެވޭނެ: ސުޕްރީމް ކޯޓު
ނިންމުންތައް ރިވިއު ކުރުމަށް ހުރަހެއް ނެތް
ކުރިން އެފަދަ މައްސަލަތައް ބޭރުކުރީ އެބާރު ނެތިގެނެއް ނޫން
ސިޔާސީ ގިނަ ބޭފުޅުން ވަނީ މައްސަލަ ރިވިއުކޮށްދިނުމަށް އެދިފައި

ވަކި ޙާލަތެއްގައި ސުޕްރީމް ކޯޓުގެ ނިންމުންތައް ހަމަ އެކޯޓަށް ރިވިއު ކުރެވިދާނެ ކަމަށާއި އެކަމުގައި ޤާނޫނޫ ހުރަހެއް ނެތް ކަމަށް ބުދަ ދުވަހު ސުޕްރީމް ކޯޓުން ނިންމި، 1 ފެބުރުއަރީގެ އަމުރުގެ ބައިތައް ބާތިލްކުރަން ބަންޑާރަ ނާއިބުގެ އޮފީހުން ވެއްދި ދުސްތޫރީ މައްސަލާގައި ހުކުމުގައި ބުނެފިއެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި އެގޮތަށް ފާހަގަކޮށްފައި ވަނީ، ސުޕްރީމް ކޯޓުގެ 1 ފެބުރުއަރީގެ އަމުރުގައި އެ ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ކުރިން ކޮށްފައިވާ ހުކުމެއް ބާތިލްކޮށްފައި ވާތީ އެ ކޯޓުގެ ނިންމުންތައް އަލުން ރިވިއު ނުކުރެވޭނެ ކަމަށް ބުނެ ބަންޑާރަ ނާއިބުގެ އޮފީހުން ފާހަގަކުރި ނުކުތާތަކަށް އިޝާރާތްކޮށެވެ.

ބަންޑާރަ ނާއިބުގެ އޮފީހުގެ ފަރާތުން ވަކާލާތުކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމެއް އަލުން ރިވިއު ކުރެވޭނެ އުސޫލެއް ރާއްޖޭގައި ނެތް ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ "ސުޕްރީމް ކޯޓުގެ ނިހާއީ ނިންމުންތައް އެ ކޯޓުން އަލުން ރިވިއު ކުރުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތް" ކަމަށެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ފާހަގަކުރި ނުކުތާތަކަށް ބެލުމަށް ފަހު ޤާނޫނޫ އަސާސީއާ ޤާނޫނުތަކަށް ރިޢާއަތް ކުރުމަށް ފަހު ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ޝަރުއީ މަރުހަލާތައް އެތުރިފައިވާ ގޮތުން ދަށު ކޯޓެއްގެ ހުކުމް ރިވިއު ކުރެވޭނީ އެ އަށް ވުރެ މަތީ ކޯޓަކަށް ކަމަށެވެ.

އެގޮތުން އެންމެ މަތީ ކޯޓަކީ ސުޕްރީމް ކޯޓުކަން ފާޙަގަކޮށް އެކޯޓުގެ ނިންމުންތައް އެހެން ކޯޓަކަށް ރިވިއު ނުކުރެވުނު ނަމަވެސް ސުޕްރީމް ކޯޓުގެ ނިންމުމެއް އެ ކޯޓަށް ރިވިއު ނުކުރެވޭނެ ކަމަށް ބުނުމަކީ ސައްހަ ދުސްތޫރެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައެއް ނޫން ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނުގައި ބުނާ ބުނުމަކީ އެއްވެސް އިސްތިސްނާއެއް ނެތި ތަރުތީބު ކުރެވޭ އުސޫލެއް ނޫން ކަމަށް ވެސް ހުކުމުގައި ބުނެފައި ވެއެވެ.

"ސުޕްރީމް ކޯޓުން ބަލާ މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުން އަލުން ބަލައި މުރާޖަޢާކުރަންޖެހޭ ފަދަ ޖައުހަރީ ސަބަބެއް މައްސަލައިގައި ހިމެނޭ ޚަޞްމެއްގެ ފަރާތުން ހުށަހަޅައިފި ނަމަ، ނުވަތަ ސުޕްރީމް ކޯޓުގެ އިސްނެގުމަކަށް އެފަދަ މައްސަލަތައް އަލުން ބަލައި މުރާޖަޢާކުރުމުގެ ބާރު ޢަދްލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުން ސުޕްރީމް ކޯޓަށް ލިބިގެންވާކަމީ ޖަދަލެއް އޮތް ކަމެއް ނޫން،" ހުކުމުގައި ވެއެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ މީގެ ކުރިން އެ ކޯޓަށް ބައެއް މައްސަލަތައް ރިވިއު ކުރަން ހުށަހެޅި ނަމަވެސް އެ މައްސަލަތައް ރިވިއުނުކޮށް ބޭރުކުރީ އެ ބާރު ސުޕްރީމް ކޯޓަށް ނެތިގެން ނޫން ކަމަށް ވެސް ހުކުމްގައި ބުނެފައި ވެއެވެ.

ސުޕްރީމް ކޯޓުގެ ނިންމުންތައް މުރާޖަޢާކޮށްދިނުމަށް އެދި ޚަޞްމުންގެ ފަރާތުން މީގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ބަލާއިރު، އެފަދަ ހުށަހެޅުންތައް ސުޕްރީމް ކޯޓަށް ބަލައި ނުގަތުމަށް ނިންމާފައިވާ ނަމަ، އެ ނިންމުން ބިނާކޮށްފައިވާ އަސާސަކީ މުރާޖަޢާކުރަންޖެހޭ ފަދަ ޖައުހަރީ ސަބަބެއް ޚަޞްމުންނަށް ހުށަހެޅިފައި ނުވާތީ ކަމަށް ވެސް ހުކުމުގައިވެއެވެ.

މައްސަލައެއްގައި ހިމެނޭ ހަސްމަކު ދޮގު މައުލޫމާތެއް ދިންކަން ފަހުން އެނގޭ ހާލަތެއްގައި ނޫނީ މުހިންމު ލިޔުމެއް ފޮރުވިކަން އެނގޭ ހާލަތެއްގައި ފަދަ ހާލަތްތަކުގައި މައްސަލަ އަލުން ސުޕްރީމް ކޯޓުން ރިވިއު ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވެސް ހުކުމުގައިވެއެވެ.

އެފަދަ ހާލަތެއްގައި މައްސަލާގައި ހިމެނޭ ދެ ފަރާތުން ކުރެ ފަރާތަކަށް މައްސަލަ ރިވިއުކުރަން ހުށަހެޅޭނެ ކަމަށާއި ނުވަތަ ސުޕްރީމް ކޯޓަށް އަމިއްލައަށް އިސް ނަގައިގެން ވެސް އެފަދަ ހާލަތްތަކުގައި ހުކުމްތައް ރިވިއު ކުރެވޭނެ ކަމަށް ހުކުމުގައި ވެއެވެ.

ބުދަ ދުވަހު ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ސުޕްރީމް ކޯޓުގެ ނިންމުންތައް ރިވިއު ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާއިރު، ވަރަށް ގިނަ ސިޔާސީ ބޭފުޅުން ވަނީ އެ ބޭފުޅުންގެ މައްޗަށް އިއްވާފައިވާ ހުކުމްތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް ރިވިއުކޮށްދޭން އެދިފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް