ކ. މާލެ
|
25 ޖުލައި 2018 | ބުދަ 22:02
ީއިބޫ އާއި ފައިސަލް މަގުމަތީ ހިންގަވާފައި ވަޑައިގަންނަވަނީ:- ސުޕްރީމް ކޯޓުގެ އަމުރަކީ ކެމްޕެއިންގެ ފޯކަސް އަނބުރާލަން ކުރި ކަމެއް ކަމަށް އިބޫ ވިދާޅުވި
ީއިބޫ އާއި ފައިސަލް މަގުމަތީ ހިންގަވާފައި ވަޑައިގަންނަވަނީ:- ސުޕްރީމް ކޯޓުގެ އަމުރަކީ ކެމްޕެއިންގެ ފޯކަސް އަނބުރާލަން ކުރި ކަމެއް ކަމަށް އިބޫ ވިދާޅުވި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ސުޕްރީމް ކޯޓުން ނެރުނު ހުކުމުގެ މަގުސަދަކީ އަޅުގަނޑުމެންގެ ފޯކަސް އަނބުރާލުން، އޭގައި އާ ވާހަކައެއް ނެތް: އިބޫ
މެމްބަރުންގެ މައްސަލައިގައި ދާއިމީ އަމުރެއް ނެރެދޭން ސުޕްރީމް ކޯޓަށް ކެރިވަޑައެއް ނުގެންނެވި: އިބޫ
12 މެމްބަރުން މަޖިލީހަށް ވަނުމަށް އެއްވެސް ހުރަހެއް ނެތް: ފައިސަލް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ޖެހޭ ކަމަށް ބުނެ އެ ކޯޓުން ބުދަ ދުވަހު ނެރުނު ހުކުމުގައި އާ ވާހަކައެއް ނެތް ކަމަށާއި އެ ހުކުމުގެ ބޭނުމަކީ އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިންގެ ފޯކަސް އެހެން ދިމާލަކަށް އަނބުރާލުން ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.  

އިދިކޮޅު ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބޫ ވިދާޅުވީ މެމްބަރުންގެ ގޮނޑިއާމެދު ގޮތެއް ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް މީގެ ކުރިން ވެސް އިދިކޮޅު މެމްބަރުން ގެންދިޔައީ ވިދާޅުވަމުން ކަމަށެވެ.  

"މިއަދު ސުޕްރީމް ކޯޓުން ނެރުނު ހުކުމުގެ މައިގަނޑު އަސާސަކީ, މަގުސަދަކީ އަޅުގަނޑުމެން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރާ މަސައްކަތުގެ ފޯކަސް ގެއްލުވާލުން. އެނޫން އެއްވެސް ކަމެއް ނެތް މިއަކު. މި ހުކުމަކު ނެތް އާ ވާހަކައެއް ބުނެފައެއް. ކުރިން ވެސް ދެންނެވި ފަދައިން މީގައި ބުނެފައި އޮތް ވާހަކައަކީ. ބާރަ މެމްބަރުންގެ މައްސޫލިއްޔަތު އަދާކުރުމާ ބެހޭ ގޮތުން އަދި ތިމަންނަމެން ގޮތެއް ނުނިންމައޭ. ގޮތެއް ނިންމަންދެން އަޅުގަނޑުމެން މި ގަބޫލު ކުރަނީ އެ 12 މެމްބަރުންނަށް މައްސޫލިއްޔަތު އަދާކުރެވެން ޖެހޭނެ ކަމަށް،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ 12 މެމްބަރުންނަށް މަޖިލީހަށް ވަޑައިގަތް ޒިންމާ އަދާ ކުރެއްވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި މަޖިލީހަށް އެ މެމްބަރުން ވަނުމަށް ހުރަސްއެޅުމަށް ޢައިރު ގާނޫނީ އަމުރުކޮށް އެ އަމުރަށް ތަބާވާ ނަމަ އެެކަން ފަހުން ބަލާނެ ކަމަށެވެ. 

އިބޫ ވިދާޅުވީ ސުޕްރީމް ކޯޓު ވެސް އަދި އެހެނިހެން މުވައްސަސާތައް ވެސް އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އަދި މި ވަގުތު މެމްބަރުންގެ މައްސަލައިގައި ދާއިމީ އަމުރެއް ނެރުއްވަން ސުޕްރީމް ކޯޓުގެ މެމްބަރުންނަށް ވެސް ކެރިވަޑައިގަންނަވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރުން އަދި އިބޫގެ ރަނިންމޭޓް ފައިސަލް ވެސް ވިދާޅުވީ 60000 ރައްޔިތުންގެ އަޑު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަނޑުވާލާފައި އޮންނަތާ އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު މި ބާވާތުގެ މައްސަލަތަކުގައި އަވަސް ގޮތަކަށް ޝަރުއީ ދާއިރާއިން ގޮތެއް ނިމަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ހަމަ ސަލާމަތީ ހިދުމަތްތަކަށް ވެސް ގޮވާލަން ބޭނުންވަނީ އެއްވެސް ހާލެއްގައި ގާނޫނާ ހިލާފު، ޢައިރު ގާނޫނީ އަމުރުތަކަށް ތިޔަ ބޭފުޅުން ތަބާނުވާށޭ. އަޅުގަނޑުމެނަށް ފެނިފައެއް ނެތޭ އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ތަނެއް،" ފައިސަލް ވިދާޅުވިއެވެ.

ހަމަ އެހެންމެ މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ވިދާޅުވީ ބުދަ ދުވަހު ސުޕްރީމް ކޯޓުން މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ނިންމާފައި ވަނީ މީގެ ކުރިން ވެސް ނިންމާފައިވާ ފަދަ ނިންމުމެއް ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެއް ވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިނުވާއިރު އެ މެމްބަރުންނަށް މަޖިލީހަށް ވަނުމަށް އެއްވެސް ހުރަހެއް ނެތްކަން ކޯޓުން ވެސް ކަނޑައަޅައި ދޭން ޖެހޭ ކަމަށެވެ.  

"މެމްބަރުންނަކީ މެމްބަރުން ކަމުގައި ބަލަމުންދާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވީ. ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑު ނީވި ދަނީ. އަޅުގަނޑު އެދެނީ ވީހާ އަވަހަށް މަޖިލީހަށް މެމްބަރުންނަށް ވަދެވޭނެ ގޮތް ކޯޓުން ގޮތެއް ނިންމަދޭން،" އަނާރާ ވިދާޅުވިއެވެ.  

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ އެ ބޭފުޅުން މަޖިލީހަށް ވަޑައިގަންނަވާނެ ކަމަށާއި ސަލާމަތީ ބާރުތަކުން އެކަމަށް ހުރަސް ނޭޅުމަށް ގޮވާލައްވާ ކަމަށެވެ. ހަމަ އެހެންމެ އެ ފަރާތްތަކުގެ މައްސަލަތައް ފަހުން ބަލާ ތަހްގީގުކުރާނެ ކަމަށް އޭނާ ވެސް ވިދާޅުވިއެވެ.  

ހަމަ އެންމެ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މީގެ ކުރިން ނެރެފައިވާ އަމުރުތަކޭ އެއް ފަދައިން މި ފަހަރުގެ އަމުރުގައި ވެސް ރައްތުންގެ މަޖިލީހުގެ ގޮނޑި ނުގެއްލޭކަން ސުޕްރީމް ކޯޓުގެ އަމުރުން ސާފުވެގެން ހިނގައްޖެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް