ކ. މާލެ
|
25 ޖުލައި 2018 | ބުދަ 21:44
ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި، ރަނިންގމޭޓް ފައިސަލް ނަސީމް ޑޯޓުޑޯ ހަރަކާތެއްގައި
ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި، ރަނިންގމޭޓް ފައިސަލް ނަސީމް ޑޯޓުޑޯ ހަރަކާތެއްގައި
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
އިބޫގެ ކެންޑިޑެސީ ފޯމް އިލެކްޝަންސްއަށް ހުށައެޅުން މާދަމާ
އިބޫ އާއި ފައިސަލްގެ ކެނޑިޑެސީ ފޯމް ހުށައެޅުއްވުން މާދަމާ ހެނދުނު 9:45 ގައި އެމްޑީޕީ އޮފީހުގެ ކުރިމަތިން ފެށޭނެ
އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައި
މީގެކުރިން އޮތްގޮތުންނަށް އަންނަ މަހުގެ 4 ވަނަ ދުވަހަށް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނެ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި، ރަނިންގމޭޓް ފައިސަލް ނަސީމްގެ ކެންޑިޑެސީ ފޯމް، މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާނެކަމަށް ޕާޓީތަކުން ބުނެފި އެވެ. 

އެމްޑީޕީން، މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އިބޫ އާއި ފައިސަލްގެ ކެންޑިޑެސީ ފޯމް ހުށައެޅުއްވުން މާދަމާ ހެނދުނު 9:45 ގައި އެމްޑީޕީ އޮފީހުގެ ކުރިމަތިން ފެށޭނެ ކަމަށެވެ. އަދި އެ ޕާޓީން ވަނީ ޤައުމީ މަޖިލީހުގެ މެމްބަރުންނަށާއި، ޕާޓީގެ އިސް ފަރާތްތަކަށް ދައުވަތު ވެސް ފޮނުވާފަ އެވެ. 

ކޮންމެ އިންތިހާބަކާއި ދިމާކޮށް، ކެންޑިޑެސީ ފޯމް ހުށައެޅުން އެމްޑީޕީ އިން ކުރިއަށް ގެންދަނީ ބޮޑު ހަރަކާތެއްގެ ގޮތުގައެވެ. އެގޮތުން 2013 ވަނަ އަހަރު ވެސް، އެ ޕާޓީގެ އޭރުގެ ރިޔާސީ ކެންޑިޑޭޓްގެ ކެންޑިޑެސީ ފޯމް ހުށައެޅުމުގެ ހަރަކާތް ފަށާފައި ވަނީ ހަމަ ޕާޓީ އޮފީހުގެ ކުރިމަތިންނެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެެންޑިޑޭޓްގެ ގޮތުގައި އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާފައި ވަނީ ނިމުނު ޖޫން މަހުގެ 30 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ކޮންގްރެސްގަ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން، އިބޫގެ ރަނިންގމޭޓަކަށް ފައިސަލް ނަސީމް އިންތިހާބް ކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގަ އެވެ. 

ގުޅިފައިވާ ހުރިހާ ޕާޓީއަކުން ވެސް ވަނީ އެ ޕާޓީތަކުގެ ތާއީދު އިބޫއަށާއި، ފައިސަލަށް އޮތްކަން ހާމަކޮށް، ކެމްޕޭން ފަށައިފަ އެވެ. އެގޮތުން ކެމްޕޭންގެ ހަރަކާތްތަކާއި، އެކި ބައްދަލުވުންތައް އަންނަނީ މިހާރު ވެސް ކުރިއަށް ގެންްދަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ. މީގެކުރިން އޮތްގޮތުންނަމަ އަންނަ މަހުގެ 4 ވަނަ ދުވަހަށް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް