ކ. މާލެ
|
25 ޖުލައި 2018 | ބުދަ 20:53
އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ:- އިންތިހާބާ ގުޅޭ މައްސަލަތަކެއް މިއަދު މީޑިޔާއާ ވަނީ ހިއްސާ ކުރައްވާފައި
އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ:- އިންތިހާބާ ގުޅޭ މައްސަލަތަކެއް މިއަދު މީޑިޔާއާ ވަނީ ހިއްސާ ކުރައްވާފައި
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރީ ރަޖިސްޓްރީ ކުރަން ޕީޕީއެމް ގެންގުޅޭ ފޯމާއި އީސީގެ ވެބްސައިޓްގައިވާ ފޯމާ ތަފާތު: މާރިޔާ
އިލެކްޝަނުން ބުނެފައި ވަނީ ދެ ފޯމް ވެސް ރަނގަޅު ކަމަށް
ޔާމިންގެ ކެމްޕެއިނަށް ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރާނެ ކަމަށް ބުނި މައްސަލަ ހުށައަޅަން ވަނީ ނިންމާފައި

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން ރީ ރަޖިސްޓްރީ ކުރުމަށް ޕީޕީއެމް އިން ބޭނުން ކުރަމުންދަނީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްގައި ވާ ފޯމް ނޫން ކަމަށް ގުޅިފައިވާ ކޯލިޝަނުން ނެރޭ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ރީ ރަޖިސްޓްރީ ކުރުމަށް ގެންގުޅޭ ފޯމާއި ޕީޕީއެމް އިން ރީ ރަޖިސްޓްރީ ކުރުމަށް ގެންގުޅޭ ފޯމް ތަފާތު ކަމަށެވެ.  

"ޕީޕީއެމްގެ ބޭފުޅުން  ގޭގެއަށް ވަޑައިގަންނަވާއިރު ހިތްޕަވައިގެން ވަޑައިގަންނަވާ ފޯމްގައި އިންނަނީ އެހެން ސުރުހީއެއް، ވޯޓުލާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓްރީ ވުމަށް. އަޅުގަނޑުމެން ތަންތަނަށް ދާއިރު މި ގެންގުޅެނީ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލް ސައިޓްގައި މި އިންނަ ފޯމް، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ ރަޖިސްޓްރީ ކުރުމަށް އޮންނަ ފޯމް،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެ ކަން އިލެކްޝަންސް ކޮމިޝަނުގެ ސަމާލު ކަމަށް ގެނައުމުން ޕީޕީއެމް އިން ގެންގުޅޭ ފޯމް ވެސް ރަނގަޅު ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

"އެކަމު އިލެކްޝަންސް ކޮމިޝަން މިނިވަން ނޫން ރައްޔިތުން ބުނެ އެމީހުންނާ މެދު ޝައްކާ ވަހުމުން ބަލަމުންދަނިކޮށް މި ގޮތަށް ދެ ފޯމެއްގައި ކަން ކުރެވޭނެ ގޮތް ހައްދަވައި، ނުވަތަ އެ ބޭފުޅުން ވެބްސައިޓްގައި އިންނަ ފޯމް ނޫން އެހެން ފޯމެއް ވެސް ޕީޕީއެމް އިން ގެންގުޅޭ ފޯމް ފުރުއްވާ ހުށައަޅުއްވައިފި ނަމަ ގަބޫލު ކުރާ ކަމަށް އަޅުގަނޑުމެނަށް މި ފެންނަނީ. އެ ލުއި އެ ބޭފުޅުންނަށް ދެއްވާތަން މި ފެންނަނީ. އެކަމު އަޅުގަނޑުމެނަށް އެ ނޫން ގޮތަކަށް ކަން ކުރެވުނު ނަމަ އެކަން ގަބޫލު ނުކުރާނެކަން އެންމެނަށް ވެސް ޔަގީންވޭ،" މާރިޔާ ވިދާޅުވިއެވެ.  

ހަމަ އެހެންމެ މާރިޔާ ވިދާޅުވީ ޕީޕީއެމް އިން ރީ ރަޖިސްޓްރީ ކުރުމަށް ފޯމް ފުރާއިރު ހެކިވެރިންގެ ބައި ފުރައިގެން ގެން ގޮސް ހަމަ އެކަނި ސޮއި ކޮށްލާ ކަމުގެ ޝަކުވާތައް ވެސް އާންމު ރައްޔިތުުންގެ ކިބައިން ލިބެމުންދާ ކަމަށެވެ.  

މީގެ އިތުރުން ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވާނީ ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ވެސް ބޭނުންކޮށްގެން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވާ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނުގެ އިތުރުން ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް ފަހު އަންގާރަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމުން މި ފަހަރު ކެމްޕެއިން ކުރާނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުޅި ސަރުކާރު ބޭނުން ކޮށްގެން ކަމަށެވެ. މާރިޔާ ވިދާޅުވީ އެކަމަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ދައުލަތުގެ އެއްވެސް އެއްޗެއް، އެއްވެސް މީހެއްގެ ފައިދާއަށް ބޭނުން ކުރުމަކީ ޖިނާއީ ކުށެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ރީ ރަޖިސްޓްރީ ކުރުމުގެ ކަންކަން ބެލުމަށް ސިފައިންގެ ކަޅުތުއްކަލާކޮއްޓަށް ވަޑައިގަންނަވަން ހަމަ ޖެހިފައިވާ ކަމުގެ ވާހަކަތަކެއް އިވޭ ކަމަށް ފާހަގަ ކުރައްވައި މާރިޔާ ވަނީ އެއީ އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާ ކަމެއްގެ ގޮތުގައި ތުހްމަތު ކުރައްވާފައެވެ.  

މާރިޔާ ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެންޑިޑެންސީ ފޯމް ވަރަށް އަވަހަށް އިލެކްޝަނަށް ހުށައެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ހަފްތާ ބަންދު ނިމުމުން އަތޮޅުތެރެއަށް އިބޫ ކެމްޕެއިނަށް ވަޑައިގަންނަވާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް