ކ. މާލެ
|
25 ޖުލައި 2018 | ބުދަ 16:55
ޕީއެސްއެމް ބޯޑުގެ ބައެއް މެމްބަރުން: މަޖިލީހުގެ ރުހުމަކާއި ނުލައި ޕީއެސްއެމްގެ ބޯޑަށް މެމްބަރުން އައްޔަނުކުރެވޭ ގޮތަށް ޤާނޫނު ވަނީ އިސްލާހުކޮށްފައި
ޕީއެސްއެމް ބޯޑުގެ ބައެއް މެމްބަރުން: މަޖިލީހުގެ ރުހުމަކާއި ނުލައި ޕީއެސްއެމްގެ ބޯޑަށް މެމްބަރުން އައްޔަނުކުރެވޭ ގޮތަށް ޤާނޫނު ވަނީ އިސްލާހުކޮށްފައި
ރައީސް އޮފީސް
ޕަބްލިކް ސާރވިސް މީޑިއާ ގާނޫނު
ޕީއެސްއެމް ބޯޑަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސަށް ލިބިދޭ ގޮތަށް ފާސްކޮށްފި
މިބިލް ފާސްކުރީ ޒަރޫރީ ހާލަތުގެ ދަށުން
ވޯޓު ދެއްވީ 33 މެމްބަރުން
ފަސް ބިލަކަށް ވޯޓަށް އެހުމަށް ތާވަލްކުރި، އެކަމަކު އެހެން ބިލްތަކަށް ވޯޓަކަށް ނާހާ

ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ބޯޑަށް މެމްބަރުން އައްޔަން ކުރުމުގައި ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަން ނުޖެހޭ ގޮތަށް، ހުށަހެޅި އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އަދަދު މަދުކޮށް، މެންބަރުން އައްޔަން ކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ޕީއެސްއެމް ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ އިއްތިފާގުންނެވެ. 

ހޯމަ ދުވަހާއި އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެފައި ވަނީ ވޯޓަށް އެހުމަށް އެޖެންޑާ ކުރެވިފައި ވަނީ ވަރަށް މުހިއްމު ބިލްތަކެއް ކަމަށާއި އެ ފަދަ ބިލްތަކަށް ވޯޓަށް އަހާއިރު، ޖަލްސާގައި ވަކި އަދަދަކަށް މެމްބަރުން ތިބެންޖެހޭ ކަމަށާއި ނަމަވެސް އެ އަދަދަށް މެމްބަރުން ބައިވެރިވެފައި ނުވާ ކަމަށެވެ. އެހެންކަމުން މަސީހު ވަނީ އެބިލްތަކަށް ވޯޓަށް ނާހައި، ޖަލްސާ ނިންމާލާފައެވެ. 

ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކަންކަން މަޖިލީހުން ނިންމާއިރު، އެޖަލްސާގައި މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ތިބެންޖެހެ ވެ. މިހާރު ހިނގަމުންދާ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 85 މެމްބަރުންނެވެ. އެހެންކަމުން އެފަދަ ބިލަކަށް ވޯޓަށް އެހޭނީ 43 މެމްބަރުން ބައިވެރިވާ ޖަލްސާއެއްގައެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ފަސް ބިލަކަށް ވޯޓަށް އެހުމަށް ތާވަލް ކޮށްފައި ވާއިރު، ޒަރޫރީ ހާލަތެއް ކަމަށް ވިދާޅުވެ، ޕީއެސްއެމް ގާނޫނަށް އެކަނި ވޯޓަށް އެހުމަށް ފަހު ދެންހުރި ބިލްތަކަށް ވޯޓަށް ނާހާ ޖަލްސާ ވަނީ ނިންމާލާފައެެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު، މުހައްމަދު އިސްމާއިލް، ޕީއެސްއެމް ގާނޫނަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް ކުރީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީންނެވެ. އެ ކޮމެޓީން އެ ބިލު ދިރާސާ ކުރުމަށް ފަހު، ތަޅުމަށް ފޮނުވަން ފާސްކުރީ މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވި ސަރުކާރަށް ތާއިދުކުރާ މެމްބަރުންގެ ވޯޓުން އެކަންޏެވެ. ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ ބިލު ދިރާސާ ކުރަން ބޭއްވީ އެންމެ ދެ ބައްދަލުވުމެވެ.

މުހައްމަދު އިސްމާއިލް ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ ޕީއެސްއެމްގެ ގާނޫނަށް ގެންނަ އެ ބަދަލަށް އަމަލު ކުރަން ފެށުމާ އެކު، 10 ދުވަހުގެ ތެރޭގައި ބޯޑަށް މެމްބަރުން އައްޔަން ކުރަންޖެހޭނެ ކަމަށެވެ. އެ އިސްލާހުގައި ޕީއެސްއެމް ބޯޑުގައި މިހާރު ހިމެނޭ ހަތް މެމްބަރުންގެ ބޯޑު ވަނީ ފަސް މެމްބަރުންނަށް ދަށް ކުރުމަށް ވެސް ހުށަހަޅާފައެވެ.

އެ އިސްލާހު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމާ އެކު، ޕީއެސްއެމްގެ ބޯޑަށް އަލަން މެމްބަރުން އައްޔަން ކުރަންޖެހޭނެއެވެ. ޕީއެސްއެމް ބޯޑުގައި މިހާރު ހިމެނޭ ހަތް މެމްބަރުންނަކީ އެ ބޯޑުގެ ޗެއާމަން އިބްރާހިމް އުމަރު މަނިކާއި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއް ލަތީފާއި، ހއ. އިހަވަންދޫ ނޫފަރު މަހްމޫދު އަލީ އާއި، މ. ޕެޓީވިލާ އާމިނަތު ޝާޔަން ޝާހިދާއި، ތ. ވިލުފުށި ހުސްނުހީނާގެ އިބްރާހިމް ހިލްމީގެ އިތުރުން މއ. ޕެންޒީ މުހައްމަދު ޝާގިލެވެ.

އެ ހަތް މެމްބަރުން ޕީއެސްއެމްގެ ބޯޑަށް އައްޔަން ކުރީ މަޖިލީހަށް ހުށަހަޅައި، އިންޓަވިއު ކުރުމަށް ފަހު މަޖިލީހުގެ ތަޅުމުން ރުހުން ދިނުމަށް ފަހުގައެވެ.

ނަމަވެސް ޕީއެސްއެމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން އަލަަށް އެ ބޯޑަށް އައްޔަން ކުރާ މެމްބަރުންނަށް މަޖިލީހުން ރުހުން ހޯދާކަށް ނުޖެހެއެވެ. އެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ މަތިން، ދައުލަތުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން އައްޔަން ކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަންގެ ބޯޑުން ކަމަށް އިސްލާހުގައި ބުނެފައި ވެއެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުން، ޕީއެސްއެމްގެ ބޯޑަށް އައްޔަން ކުރާ މެމްބަރުންގެ ތެރެއިން މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަނޑައަޅާނީ ޕްރައިވަޓައިޒޭޝަން ބޯޑުންނެވެ. ނަމަވެސް ޕީއެސްއެމްގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަނޑައަޅާނީ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

އެ އިސްލާހުގައި ބުނެފައިވާ ގޮތުން ޕީއެސްއެމްގެ ބޯޑުގެ މެމްބަރުންގެ ދައުރަކީ ހަތަރު އަހަރު ދުވަހެވެ. ނަމަވެސް އެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ޕީއެސްއެމްގެ ބޯޑުގެ މެމްބަރުންގެ ދައުރުގެ މުއްދަތަކީ ހަތް އަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް