ކ. މާލެ
|
25 ޖުލައި 2018 | ބުދަ 08:26
ކުނޫޒުގައި ޖަލުގެ ގޮޅިއެއްހެން ހަދާފައިވާ ތަނުގައި ގާސިމް އިބްރާހިމް އިށީންދެވަޑައިގެން: ގާސިމް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި
ކުނޫޒުގައި ޖަލުގެ ގޮޅިއެއްހެން ހަދާފައިވާ ތަނުގައި ގާސިމް އިބްރާހިމް އިށީންދެވަޑައިގެން: ގާސިމް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި
ޓްވިޓަރ
ގާސިމް އިބުރާހިމް
ރައީސް ޔާމީނަކީ އިންސާނިއްޔަތުކަމުގެ ވިސްނުން ވެސް ހުރި މީހެއް ނޫން: ގާސިމް
ރައީސް ޔާމިނަށް 20 އިންސައްތަ ވެސް ތާއީދު ނެތް

ރައީސް އަބްދުﷲ ޔާމީނަކީ އިންސާނިޔަތުކަމުގެ ވިސްނުމެއް ވެސް ހުރި މީހެއް ނޫން ކަމަށް ވިދާޅުވެ އެމަނިކުފާނަށް ގާސިމް އިބްރާހިމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ކޯލިޝަނުގެ ކެންޑިޑޭޓްގެ ރަނިންގމޭޓަކަށް ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް ހަމަޖެއްސުމަށް ކައުންސިލްއިން ފާސްކޮށްފައި ވާތީ ރަނިންގމޭޓްގެ ޓިކެޓް ހަވާލު ކުރުމަށް ބޭއްވި ރަސްމިޔާތުގައި ގާސިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމިން ވަނީ އެތައް ބައިވަރު "މުޖްރިމު އަމަލުތަކެއް" ހިންގާފައި ކަމަށެވެ.

"ރައީސް ޔާމިން އޭ ކިޔާ ހިތްވެސް ނުވޭ، އެނާ ވަނީ ބޮޑެތި މުޖުރިމް އަމަލުތަކެއް ހިންގާފައި،" ގާސިމް ވިދާޅުވި އެވެ. 

ގާސިމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް އެހީތެރިވި މީހުންނަށް އެމަނިކުފާނުގެ ފަރާތުން ލިބުނީ އަނިޔާ ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވެރިވީ އެމަނިކުފާނު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންނަށް ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ އާއިލާއަށް އަނިޔާވެރިވުމުގެ އިތުރުން އެމީހުންގެ މުދަލަށް ވެސް "އަރައިގެންފައި"ވާ ކަމަށް ގާސިމް ވިދާޅުވި އެވެ.    

އެމްއެމްޕީއާރުސީ އަށް ލިބުނު ފައިސާ ގުނީ ރައީސް ޔާމިންގެ ގެކޮޅުގައި ކަމަށް ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ވިދާޅުވި ވާހަކައަށް އިޝަރާތް ކުރައްވައި ގާސިމް ވިދާޅުވީ އެ މައްސަލަ ތަހްގީގު ކުރާނެ ބަޔަކު ނެތުމުން ހައިރާންވެ ލައްވާ ކަމަށެވެ. އަދި މިނިވަން މުވައްސަސާތައް އޮތީ ވާވެފައި ކަމަށާއި މި ހާލަތަށް ދިއުމުން ގައުމުގެ ކަންކަން ހަމައަށް އެޅުވުމުގެ ޒިންމާ އޮތީ އެމްއެންޑީއެފްގެ އަތްމަތީގައި ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. 

ގާސިމް ވިދާޅުވީ ކޯޓުގައި ހިނގަމުންދަނީ ޝަރީއަތްތަކެއް ނޫން ކަމަށާއި ހިތަށް އެރި މީހަކު ގެންގޮސް ޖަލަށް ލަނީ ކަމަށެވެ. އަދި އެކަން ކުރާ މީހުން އެކަން ކުރަނީ ވަޒީފާގެ ބިރަށް އަނބިދަރިންނަށް ކާނުދެވިދާނެ ތީ ކަމަށް ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ އެމީހުންނަށް ޖެހިފައި ތިބީ "ކޮން ސިހުރެއް ތޯ" ސުވާލު އުފެދޭ ކަމަށެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ކޯލިޝަނުގެ ކެންޑިޑޭޓަށް 80 އިންސައްތައަށް ވުރެ ގިނަ ރައްޔިތުން ތާއީދު ކުރައްވާ ކަމަށާއި ސަރުކާރަށް ތާއިދު ކުރާ 20 އިންސައްތަ މީހުންވެސް ނެތް ކަމަށެވެ.  

ސަރުކާރުން ބޭނުން ވަނީ ރީ ރަޖިސްޓްރީ އޮޅުވާލަން ކަމަށާއި އެނޫން ގޮތަކަށް ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ ރައީސް ޔާމީނަކީ އިންތިހާބަށް ވަޑައިގަންނަވަން ޖެހިލުންވެވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހަށް ވެސް އެމަނިކުފާނު ދެ ފަހަރަކަށް އިންތިހާބަކާ ނުލައި ވަޑައިގެން ކަމަށާއި އެމަނިކުފާނާ ވާދަ ކުރައްވާ ބޭފުޅަކަށް ފައިސާ ދީގެން ނަން ނަގުވާ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ގާސިމް ވަނީ ހިތްވަރާ އެކު މަސައްކަތްކޮށްގެން އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
25 ޖުލައި 2018 | ބުދަ 05:33
ޑިމޮކްރަސީ
މިޤަވްމުގެ ރައީސްކަމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ޤާސިމް
25 ޖުލައި 2018 | ބުދަ 05:33
ޑިމޮކްރަސީ
މިޤަވްމުގެ ރައީސްކަމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ޤާސިމް