ކ. މާލެ
|
24 ޖުލައި 2018 | އަންގާރަ 18:19
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ގޫގުލް
ސިޔާސީ ޕާޓީ
ހަސީން އުފައްދަވަން ހުށައެޅުއްވި ޕާޓީއަށް ހުއްދައެއް ނުދިން
އީސީން ބުނީ މައްސަލަ އުޅެނީ ނަމުގައި ކަމަށް

މަޝްހޫރު ގާނޫނީ ވަކީލް އަބުދުﷲ ހަސީން އިސްވެ ހުންނަވައި އުފައްދަން މަސައްކަތްކުރި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޖަސްޓިސް ޕާޓީ އުފެއްދުމުގެ ހުއްދަ ނުދެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އަންގާރަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޖަސްޓިސް ޕާޓީ ގެ ނަމުގައި ޕާޓީއެއް އުފައްދަން ހުއްދަ އަށް އެދިފައި ވިޔަސް އެ ހުއްދަ ނުދޭކަމަށެވެ.

އެ ޕާޓީ އުފައްދަން ހުއްދަ ނުދިން ސަބަބާއި ގުޅޭ ގޮތުން ސުވާލުކުރުމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ، އެ ނަމުގައި ޕާޓީއެއް އުފައްދަން ހުއްދަ ދެވެން ނެތީ ކަމަށެވެ. އަދި ނަން ބަދަލުކޮށް އަލުން ހުށައެޅުމަށް އަންގާފައިވާނެކަމަށް އަކުރަމް ވިދާޅުވިއެވެ.

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޖަސްޓިސް ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދެވުމަށް ހަސީން އީސީއަށް ހުށައެޅުއްވީ، މިމަހުގެ 15 ވަނަ ދުވަހުއެވެ. މީގެ ހަފްތާއެއްގެ ކުރިން އެމްޑީޕީން ވަކިވެވަޑައިގެންނެވި ހަސީން ވިދާޅުވީ ސިޔާސީ އާ ޕާޓީއެއް އުފެއްދެވުމަށް ނިންމެވީ އެމްޑީޕީއާ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށެވެ.

މިހާތަނަށް ސިޔާސީ ދާއިރާގައި ހަމައެކަނި އެމްޑީޕީގެ ހަރާތްތަކުގެ އިސް ސަފުން ފެނިފައިވާ ހަސީން ވިދާޅުވީ މިއީ އެއްވެސް ސިޔާސީ ޕާޓީ އަކާއި އިދިކޮޅަށް ވެސް އަދި އެއްކޮޅަށް ވެސް އުފައްދާ ޕާޓީއެއް ނޫން ކަމަށެވެ.

ޕާޓީއެއް އުފެއްދުމުގެ މަގުސަދަކީ މަސައްކަތްތެރިންގެ ހައްގުތަކާއި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވެސް ސިޔާސީ ދެ ޕާޓީއެއް އުފައްދަން އީސީއަށް ހުށަހަޅި އެވެ. ނަމަވެސް ބައެއް ޝަރުތުތައް ފުރިހަމަ ނުވާ ކަމަށް ބުނެ އެ ދެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް އިން ދީފައެއް ނުވެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް