ކ. މާލެ
|
24 ޖުލައި 2018 | އަންގާރަ 18:04
ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލުވާން އޭނާގެ މަންމައާ އެކު ނަގާފައިވާ ފޮޓޯއެއް
ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލުވާން އޭނާގެ މަންމައާ އެކު ނަގާފައިވާ ފޮޓޯއެއް
ގޫގުލް
ނޫސްވެރިޔާ ރިލްވާން
ރިލްވާން ވަގަށް ނެގި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ނިމިއްޖެ
ދައުވާ ލިބޭ މީހުން ދައުވާއަށް އިންކާރު ކުރޭ

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ނިމިއްޖެއެވެ.

ރިލްވާން ގަދަކަމުން 8 އޮގަސްޓް 2014 ގައި ފޮރުވި ކަމަށް ބުނެ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ވަނީ ހުލާސާ ބަޔާން ހުށައަޅާފައެވެ. މިއާ އެކު އަޑުއެހުން ނިންމާލައްވަމުން މި މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފު ވިދާޅުވީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި މައްސަލައިގައި ހުކުމް އިއްވުމަށް ޝަރީއަތް ތާވަލު ކުރާނެ ކަމަށެވެ.  

ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ވަނީ މި މައްސަލަ ސާބިތު ކުރުމަށް 29 ހެއްކެތް ހުށައަޅާފައިވާ ކަމަށް ފާހަގަ ކުރައްވާފައެވެ. މި ގޮތުން ހެކިބަސް ދިން މީހުންގެ ހެކިބަހުން ރިލްވާން ގެއްލުމުގެ ދުވަސް ކޮޅެއް ކުރިން މާލެ އިން ހުޅުމާލެއަށް ކާރެއް ގެންދިޔަ ކަމާއި އަދި ރިލްވާން ގެއްލުނު ފަހުން ރަތްކުލައިގެ ކާރެއް މާލެއަށް އަނބުރާ ގެންދިޔަ ކަން އެނގޭ ކަމަށް ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވިއެވެ. އަދި ރިލްވާން ގެއްލުނު ރޭ، ރިލްވާން ދިރިއުޅެމުންދިޔަ ފްލެޓް ކައިރިން މީހަކު ހަޅޭއްލެވި އަޑު އިވުނު ކަމަށް ބައެއް މީހުން ބުނިއިރު އެ ގަޑީގައި މީހަކު ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށާއި އަދި އެ ކާރު ދިޔަ ވަގުތު ވަޅިއެއް އެތަނަށް ވެއްޓިފައި އޮތް ކަމަށް ވެސް ބައެއް ހެކިން ބުނެފައިވާކަން ވަކީލާ ވިދާޅުވިއެވެ.

ހަމަ އެހެންމެ ރަތްކުލައިގެ ކާރެއް ރިލްވާން ދުއްވި ކަމާއި އަދި އެ ކާރުގެ ތެރެއިން ރިލްވާންގެ މަންމަގެ ޑީއެންއޭ ދިމާވާ އިސްތައްޓެއް ފެނިފައިވާ ކަން ވެސް ހުށަހަޅާފައިވާ ހެކިތަކުން އެނގޭނެ ކަމަށް ފާހަގަ ކުރައްވާފައި ވެއެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ކާރުން ފެނުން އިސްތަށީގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް ހުށައަޅާފައިނުވި ނަމަވެސް އެ ރިޕޯޓާ ގުޅޭ ލިޔުމެއް ސިޓީއަކުން ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ރިލްވާން އާއިލާގެ އެހެން މީހުންގެ ހެކިބަސް ނެގިއިރު އެމީހުން އެ ކާރަށް އަރާފައި ނުވާ ކަމަށް ބުނެފައި ވާތީ އެ ކާރަށް ރިލްވާން ނޫން މީހަކު އަރުވާފައިނުވާ ކަން އެނގޭ ކަމަށް ވެސް ދައުލަތުން ފާހަގަ ކުރެއްވިއެވެ.  

އާލިފް އާއި ނޫރައްދީންގެ ފަރާތުން ހުލާސާ ބަޔާން އިއްވަމުން އެމީހުންގެ ދިފާއީ ވަކީލު ނޫރުއް ސަލާމް އަބޫބަކުރު ވިދާޅުވީ ރިލްވާން ގެއްލުވާލި މައްސަލައަކީ ބަޔަކު ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި ވިދާޅުވީ ދެ ކުއްޖަކު ހޯދައި ދައުވާއެއް ކޮށްލުމަކީ އެ ޖަރީމާގައި ފަސްއަޅާ ފޮރުވޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި ރިލްވާން ވަގަށް ނެގި މައްސަލަ ފުލުހުން އެންމެ ރަނގަޅަށް ތަހްގީގު ކުރުމުގައި އިހްމާލުވެފައިވާ ކަމަށް ވެސް ނޫރުއް ސަލާމް ވިދާޅުވ އެވެ. އެ މައްސަލައިގައި ހަގީގަތް ހޯދުމުގައި ޕްރޮސެކިއުޓާ ޖެނަރަލް ވެސް އަމަލު ކުރައްވާފައިވާ ގޮތުން އެކަމުގެ ހަގީގަތް ހޯދުމަށް ވަރަށް ބޮޑަށް އިހްމާލުވެފައިވާކަން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.  

ނޫރުއްސަލާމް ވިދާޅުވީ އާލިފް ރައޫފު ދުއްވި ކާރުގައި ރިލްވާން ވަގަށް ނަގައިގެން ގެންދިޔަ ކަމަށް ބުނާއިރު އެރޭ ކާރު ބާއްވާފައި އޮތްތަނުގެ ސީސީޓީވީ ކެމެރާގެ ފޫޓެޖު ހޯދަދޭން އާލިފްގެ ފަރާތުން އެދުނު ނަމަވެސް އެކަން ފުލުހުން ކޮށްފައިނުވާ ކަމަށެވެ. އަދި ރިލްވާން ކާރަށް އަރުވައިގެން ދިޔަ ތަނުގައި ވަޅިއެއް އޮތް ކަމަށް ތަހްގީގު ކުރި ފުލުހުން ބުނާއިރު އެ ވަޅީގެ ފްރެންސިކް ރިޕޯޓެއް ވެސް ޝަރީއަތަށް ހުށައެޅިފައިނުވާ ކަމަށާއި އަދި ރިލްވާންގެ ކޮއްކޮ މޫސާ ރިލްވާންގެ ހެކިބަސް ނަގަން ޖެހޭކަން ވެސް ދައުލަތަށް އެނގުނީ ހެކި ހުށައެޅުމުގެ ގާނޫނީ ވަގުތު ހަމަވެގެން ގޮސް އެހެން މީހުންގެ ހެކިބަސް ނަގަން ފެށި ފަހުންކަން ވެސް ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ. ދައުލަތުން އަމަލު ކޮށްފައިވާ ގޮތުން ނޫރައްދީނާއި އާލިފު ފުލުހުންނަށް ދީފައިވާ ބަޔާނަށް ވެސް އިންކާރު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ

މީގެ އިތުރުން ވެސް އޭނާ ވިދާޅުވީ ރިލްވާން އަރުވައިގެން ގެންދިޔަ ކާރު ދިޔަ ތަނެއް ވެސް ހޯދަން ފުލުހުން މަސައްކަތް ކޮށްފައިނުވާއިރު ހެކިބަސް ދިން އެއްވެސް މީހަކު އާލިފާއި ނޫރައްދީން އެއްވެސް ކަމެއްގައި އުޅެނިކޮށް ފެނިފައިވާ ކަމަށް ބުނެފައިނުވާ ކަން އެނގޭތީ އެ މީހުންގެ މައްޗަށް މި ކުށް ސާބިތު ނުކުރެވޭނެ ކަމަށެވެ. އެރޭ ކާރަށް އަރުވައިގެން ގެންދިޔައީ ރިލްވާން ކަމަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި އެހެން ނަމަވެސް އެ ކާރުގެ ނަމްބަރު އެއްވެސް ހެކިވެރިޔަކު ބުނެފައި ނުވާކަން އެނގޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ރިލްވާން އަރުވައިގެން ގެންދިޔަ ކަމަށް ބުނާ ރަތްކުލައިގެ ކާރުގެ ރަޖިސްޓްރީ ވެސް ދައުލަތުން ހުށައަޅާފައިނުވާއިރު އެ ކާރުން ފެނުން އިސްތައްޓަކީ ކޮން އިރަކު އެ ކާރުން ފެނުން އިސްތައްޓެއް ކަމެއް ވެސް އެނގޭނެ ލިޔުމެއް ނެތް ކަމަށް ދިފާއުން ވަނީ ވިދާޅުވެފައެވެ. އަދި އެ ކާރުން ފެނުން އިސްތަށީގެ ޑީއެންއޭ ދިމާވޭތޯ ބެލުމަށް ރިލްވާންގެ އާއިލާގެ ހުރިހާ އެންމެންގެ ހެކިބަސް ނަގަން ހުށަހަޅާފައިނުވާއިރު އެ އިސްތަށީގެ ޑީއެންއާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ގެނައި ޕްރެންސިކް އެކްސްޕާޓްގެ ވާހަކަތަކާ މެދު ވެސް ދިފާއުން ސުވާލު އުފައްދާފައިވެއެވެ.

އެ ހުރިހާ ކަމަކާ އެކު އެކަށީގެންވާ ވަރަށް ވުރެ ބޮޑެތި ޝައްކުތަކެއް ހުރުމުން އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުނުވާނެ ކަމަށް ކަނޑައަޅައި ދޭން ނޫރުއްސަލާމް އެދިވަޑައިގެންނެވިއެވެ. ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެއެވެ. އެކަމަކު އޭނާ ރާއްޖޭގައި ނެތުމުން އޭނާގެ ބައި ކުރިއަކަށް ނުގެންދެއެވެ. އޭނާ ރާއްޖެ އިން ބޭރުގައި ހުއްޓާ މަރުވެފައިވާ ކަމަށް އޭނާގެ އާއިލާ އިން އެންގިޔަސް، ދައުލަތުން ބުނެފައިވާ ގޮތުގައި އޭނާ މަރުވިކަން ކަށަވަރެއް ނުވެއެވެ.  

ޗެއިން އޮފް ކަސްޓަޑީ ފޯމް ހުށަނާޅައި އެކަމާ ގުޅޭ އެހެން ލިޔުމެއް ސިޓީއަކުން ހުށައަޅާފައިވާ ކަމަށް ދައުލަތުން ބުނި ވާހަކައަށް ރައްދު ދެއްވާ ގާޒީ ވިދާޅުވީ އެ ސިޓީއެއް ކޯޓަށް ފޮނުވި ނަމަވެސް އެ ސިޓީ ޝަރީއަތައް ހުށައަޅާފައިނުވާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް