ކ. މާލެ
|
24 ޖުލައި 2018 | އަންގާރަ 13:11
މުހައްމަދު ޖަޒްލާން
މުހައްމަދު ޖަޒްލާން
ފޭސްބުކް
ނުރައްކާތެރި އެކްސިޑެންޓް
އެކްސިޑެންޓްގައި ޖަޒްލާނު މަރުވީ ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ކައްސާލުމާއި ގުޅިގެން: ޕޮލިސް
އުމުރުން 18 އަހަރުގެ ޒުވާނާ ނިސްބަތް ވަނީ ޅ. އޮޅުވެލިފުށްޓަށް
އޭނާ މަރުވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް
ފުލުހުން ވަނީ ސިސީޓީވީ ފޫޓޭޖް އާއްމުކޮށްފައި

މިމަހުގެ 20 ވަނަ ދުވަހު ހުޅުމާލެ ފިތުރޯނުމަގުގައި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މުހައްމަދު ޖަޒްލާން އެކްސިޑެންޓް ވީ އިތުރު އެއްވެސް މީހެއް ނުވަތަ ވެހިކަލެއް، އެ ސައިކަލްގައި ޖެހިގެން ނޫން ކަމަށާއި އެ ހާދިސާ ހިނގީ ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ކައްސާލުމާ ގުޅިގެން ކަމަށް ފުލުހުން ބުނެފި އެވެ.

ޖަޒްލާންގެ މަރުގެ ހާދިސާ ހިނގާދިޔަ ގޮތާއި ގުޅޭގޮތުން ބައެއް މީޑިއާތަކުގައި ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާތީ އަންގާރަ ދުވަހު ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ 20:43 ހާއިރު ހުޅުމާލެ ފިތުރޯނުމަގުގައި އޮތް ބޮޑު ބަމްޕަރު މަތިން ސައިކަލެއް ކަހާލައިގެން ވެއްޓި، ސައިކަލު ދުއްވަންއިން މީހާއަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު އެ ސަރަހައްދުގައި ވެހިކަލް ޗެކް ޕޮއިންޓެއްގައި ތިބި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. 

އެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ވަގުތުން އެ ސަރަހައްދަށް ގޮސް، އެ ސަރަހައްދުގައި އޮތް ޕިކަޕަކަށް އެމީހާ އަރުވައިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ޖަޒްލާން ނިޔާވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ ފުލުހުންގެ ތަހުގީގުންނާއި އަދި އެސަރަހައްދުގެ ސީސީޓީވީ ފޫޓޭޖަށް ބަލާއިރު، އެ ހާދިސާ ހިނގާފައިވަނީ ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި އައިސް ބަންޕަރުން އަރަން އުޅުމުގެ ތެރޭގައި ސައިކަލް ކޮންޓްރޯލް ނުވެގެން ކަހާލައިގެން ވެއްޓިގެން ކަމަށާއި، އެކަން ހިނގިއިރު އެ ސައިކަލްގައި އިނީ ޖަޒްލާން އެކަނިކަމަށެވެ. 

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ އެއްވެސް އުޅަނދަކުން އެސައިކަލްގައި ޖެހިގެން ނޫންކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ. 

ޖަޒްލާނަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއް ނޫން ކަމަށާއި، ލައިސަންސް ނެތި މީގެކުރިން 6 ފަހަރެއްގެ މަތިން ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމަށްވެސް ފުލުހުން ބުނެ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
24 ޖުލައި 2018 | އަންގާރަ 09:27
ޙާޅީ
ތިމާގެ ފަރިތަކަމުން ދުނިޔެ ދޫކޮއްފަ ދާންޖެހުނީ