ކ. މާލެ
|
24 ޖުލައި 2018 | އަންގާރަ 11:22
ވިއްސާރަ ދުވަހެއްގައި އައްޑޫ މަގުމަތީ ފެންބޮޑު ވެފައި
ވިއްސާރަ ދުވަހެއްގައި އައްޑޫ މަގުމަތީ ފެންބޮޑު ވެފައި
ރާއްޖެ އެމްވީ
ރާއްޖޭގެ މޫސުން
ރާއްޖޭގެ އެންމެ ދެކުނުގެ ރަށްތަކަށް ޔެލޯ އެލާރޓް ނެރެފި
ޔެލޯ އެލާރޓް ނެރެފައިވަނީ ހުވަދޫ އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް
މިއަދު ހެނދުނު 10:15 އިން ފެށިގެން 15:00 ހަމައަށް ޔެލޯ އެލާރޓް ވަނީ ނެރެފައި
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުން އެކަށީގެން ވޭ

ރާއްޖޭގެ އެންމެ ދެކުނުގެ ރަށްތަކަށް ޔެލޯ އެލާރޓް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) ބުނީ ހުވަދޫ އަތޮޅާއި އައްޑޫ އަތޮޅުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައި ގަދަ ވާނެ ކަމަށް ލަފާކުރެވޭތީ އަންގާރަ ދުވަހުގެ 10:15 އިން ފެށިގެން ހަވީރު 15:00 އާހަމައަށް ޔެލޯ އެލާރޓް ނެރެފައިވާ ކަމަށެވެ.

މެޓް އޮފީހުން ބުނީ ދެކުނާއި މެދުތެރޭ އަތޮޅުތަކަށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވާ ކަމަށާއި، ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަަށެވެ. އަދި އަންގާރަ ދުވަހުގެ މެންދުރު ފަހު އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

 

ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެންހިސާބުތަކުގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. 

ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

 

މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ދިޔަވަރު ބޮޑުވާ ގަޑިތައް:

އުތުރުގެ ރަށްތަކަށް: 10:51

މެދުތެރޭގެ ރަށްތަކަށް: 11:32

ދެކުނުގެ ރަށްތަކަށް: 12:10

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް