ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 21:01
ގުޅިފައިވާ ޕާޓީތަކުން މީޑިއާއަށް މައުލުމާތު ދެއްވަނީ
ގުޅިފައިވާ ޕާޓީތަކުން މީޑިއާއަށް މައުލުމާތު ދެއްވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ވޯޓު ފޮށި ނުބަހައްޓަން ރިސޯޓުތަކުން އީސީއަކަށް ނާންގާ: ޕާޓީތައް
ރިސޯޓުތަކަށް ޝަރީފު ރައްދު ކުރެއްވީ ބަދު ބަހެއް: ނިޔާޒު
ފޮށި ނުބަހައްޓަން ބުނި ރިސޯޓުތަކާ ވާހަކަ ދައްކަން އެދިފައިވޭ
ދެކޮޅު ހަދާ ރިސޯޓުތަކުގެ މައުލުމާތު އާންމު ކުރަން އެދުނު

ގިނަ ރިސޯޓްތަކުން ބޭނުންވަނީ ވޯޓު ފޮށި ނުބަހައްޓަން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވި ވާހަކަފުޅު ދޮގުކޮށް، އެފަދަ އެންގުމެއް އިލެކްޝަންސް ކޮމިޝަނަށް ރިސޯޓަކުން އަންގާފައި ނުވާ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.

އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ޕްރެސް ކޮންފްރެންސެއްގައި ވާހަކަ ދައްކަވަމުން، ޝަރީފު ވިދާޅުވެފައި ވަނީ މަދުވެގެން 100 ދިވެހިން އުޅޭ ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް މަޝްވަރާ ކުރި އިރު ފޮށި ބަހައްޓަން ބޭނުންނުވާ ކަމަށް 53 ޕަސެންޓު ރިސޯޓުން އަންގާފައިވާ ކަމަށެވެ.

އެ ވާހަކަތައް ދޮގުކުރައްވައި، އެމްޑީޕީގެ ޗެއާޕާސަން ނާއިބު އިދާރީ އަލީ ނިޔާޒު ވިދާޅުވީ އެއްވެސް ރިސޯޓަކުން ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަންގައި އެދިފައެއް ނެތް ކަމަށް އެ ކޮމިޝަންގެ އެތެރެއިން މައުލުމާތު ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އިލެކްޝަންސް ކޮމިޝަންގެ ތެރެއިން މައުލުމާތު ލިބޭ ގޮތުގައި އެއްވެސް ރިސޯޓަކުން ވޯޓު ފޮށި ނުބަހައްޓަން އެދިފައެއް ނެތް. އެހެން ވީމަ ކަނޑައެޅިގެން މީޑިއާގައި ވަރަށް ބޮޑަށް ޓުއަރިޒަމް އިންޑަސްޓްރީ އަދި ވަކިން ހާއްސަކޮށް ރިސޯޓު އޯނަރުންނަށް ޝަރީފު ރައްދު ކުރެއްވި ބަދު ބަހެއް،" އަލީ ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ 27 ރިސޯޓެއްގައި ވޯޓު ފޮށި ނުބަހައްޓަން، ރިސޯޓަކުން ބުނާ ނަމަ، އަލުން އެ ރިސޯޓުތަކާ ވާހަކަ ދައްކައި، އެ ރިސޯޓުތަކުގައި އުޅޭ ދިވެހިންނަށް ވޯޓުލެވޭނެ ގޮތަށް ވޯޓު ފޮށި އެތަންތަނުގައި ބެހެއްޓުމަށް އެދޭ ކަމަށެވެ.

ވޯޓު ފޮށި ބެހެއްޓުމަށް ދެކޮޅު ހަދާ ރިސޯޓުތަކުގެ މައުލޫމާތު ހާމަކުރުމަށް ޕާޓީތަކުން ދަނީ ގޮވާލަމުންނެވެ. ޕާޓީތަކުން ބުނެފައި ވަނީ ރިސޯޓުތަކުން ކުރާ ވިޔަފާރީގައި އިޖުތިމާއީ ޒިންމާ ބޮޑުވާނެ ކަމަށާއި ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން ޖެހޭނެ ކަމަށެވެ. ވޯޓު ފޮށިތައް ބެހެއްޓުމަށް ދެކޮޅު ހަދާ ރިސޯޓުތައް ހޯދުމަށް ފަހު އެ ރިސޯޓުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ނިޔާޒު ވިދާޅުވި ގޮތުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް އިސްވެ ހުންނަވައިގެން، އެ ކޮމިޝަންގެ މެމްބަރުންނަށް މަޖުބޫރުކޮށްގެން، ރީރަޖިސްޓްރޭޝަންގެ މަސައްކަތްތައް ސަރުކާރުގެ އޮފީސްތަކުގައި ދަނީ ކުރިއަށް ގެެންދަމުންނެވެ. އެ މައްސަލަ އޭސީސީއަށް ހުށަހަޅުއްވާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އޮޅުވާލައިގެން، ގަދަބާރުން ރީރަޖިސްޓްރޭޝަންގެ މަސައްކަތް ކުރާ ކުންފުނިތަކުގެ ވެރިންގެ ލިސްޓެއް ހާދާފައިވާ ކަމަށާއި އެ މީހުންގެ މައްސަލަތައް ވެސް ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅުއްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް