ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 20:05
ވެލާނާގެ- ޑީއެންއާރު ހުންނަނީ ވެލާނާގޭގައި
ވެލާނާގެ- ޑީއެންއާރު ހުންނަނީ ވެލާނާގޭގައި
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
މައުލޫމާތު ބަދަލުވާ މީހުންގެ އައިޑީ ކާޑް ހައްދައި ދިނުން ހުއްޓާލައިފި
ކާޑު ހަދައިދިނުން މެދުކަނޑައިލީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ވޯޓާސް ލިސްޓް އީސީއަށް ފޮނުވާފައި ވާތީ ކަމަށް ބުނޭ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި ހިމެނޭ މައުލޫމާތު ބަދަލުވުމުން އަލުން އައިޑީކާޑު ހައްދައި ދިނުން ވަގުތީ ގޮތުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރ.) އިން މެދުކަނޑާލައިފިއެވެ.

އެ ޑިޕާޓްމަންޓުން ހޯމަ ދުވަހު ނެރުނު އިއުލާނެއްގައި ބުނީ، މައުލޫމާތު ބަދަލުވުމުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ދިނުން ހޯމަ ދުވަހުން ފެށިގެން މެދުކަނޑާލީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ވޯޓާސް ލިސްޓް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައި ވާތީ ކަމަށެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހި އެއްވެސް ރައްޔިތަކަށް ވޯޓުލުމުގެ ހައްގު ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި ކަމަށް ވެސް އެ ޑިޕާޓްމަންޓުން ހާމަކުރިއެވެ.

މައުލޫމާތު ބަދަލުވުމުން އައިޑީކާޑް ހެއްދުން ހުއްޓާލިކަން ހޯމަދުވަހު ޑީއެންއާރް އިން ހާމަކުރިި އިރު އިއްޔެ ޑީއެންއާރް އިން ބުނީ، ދަފްތަރުގައި ޖެހުމަށް ފަހު، އައިޑީ ކާޑްގައިވާ މައުލޫމާތު ބަދަލުކޮށްގެން ވޯޓްލުމުގެ ފުރުސަތު ގެއްލިއްޖެ ނަމަ އެކަމުގެ ޒިންމާ ނުނަގާނެ ކަމަށެވެ.
މާލޭގެ ދަފްތަރުގައި އަލުން ރަޖިސްޓްރީވާން ހުޅުވާލުމާއި ގުޅިގެން މާލޭގެ ދަފްތަރަށް އެޑްރެސް ބަދަލުކުރުމަށް ފަހު ބައެއް ފަރާތްތަކުން އަންނަނީ އައިޑީކާޑް ބަދަލުކުރުމަށް ހުށަހަޅަމުންނެވެ. އަދި ކުރިއަށް އޮތީ ރިޔާސީ އިންތިހާބު ކަމަށް ވާތީ، މި މުއްދަތުގައި އައިޑީކާޑްގެ މައުލޫމާތު ބަދަލު ކުރަން ފޯމް ހުށަހަޅައި، ވޯޓް ނުލެވޭ ހާލަތެއްގައި އެކަމުގެ ޒިންމާ ޑީއެންއާރުން ނުނަގާނެ ކަމަށް އެއްބަސްވެ އިގުރާރުވާން ވެސް ޖެހެއެވެ.
ހައުސިން މިނިސްޓްރީ އިން ބުނެފައި ވަނީ، ދަފްތަރުގައި ޖެހުނު ނަމަވެސް، ރިޔާސީ އިންތިހާބުގެ ކުރިން އާ އައިޑީކާޑް ހައްދަން ނުޖެހޭނެ ކަމަށެވެ. އަދި އަލަށް ދަފްތަރުގައި ޖެހޭ މީހުންނަށް މިނިސްޓްރީ އިން ދޭ ސްލިޕެއް މެދުވެރިކޮށް ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ފޯމް ލެވޭނެ ކަމަށް ވެސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ވޯޓާޒް ލިސްޓް ފައިނަލް ކުރުމަށް ފަހު ރީ-ރަޖިސްޓްރޭޝަނަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

ރިޔާސީ އިންތިހާބު ނިމުމުން ކުރިޔެކޭ ވެސް އެއްފަދައިން މައުލޫމާތު ބަދަލުކޮށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދޭނެ ކަމަށް ޑީއެންއާރު އިން ބުންޏެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް