ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 17:00
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ފޮޓޯޖެހި ލިސްޓް ބޭނުންކުރަނީ
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ފޮޓޯޖެހި ލިސްޓް ބޭނުންކުރަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ވޯޓާސް ލިސްޓްގައި ފޮޓޯ ޖަހަންޖެހޭ ގޮތަށް ޤަވާޢިދު ގެޒެޓްކުރެވުނީ އޮޅުމަކުން: އިލެކްޝަންސް
ގަވައިދު އިސްލާހްކޮށް، އަލުން ގެޒެޓްކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ
ޤަވާޢިދުގެ 30 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ވޯޓުލާ ކޮންމެ މަރުކަޒެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވާ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓެއް އޮންނަން ވާނެ ކަމަށް
ފޮޓޯ ނުޖަހާނެ ކަމަށް އިލެކްޝަންސް އިން ބުނީ މޫނު ބުރުގާ އަޅާ ފަރާތްތަކުގެ ހައްގު ހިމާޔަތްކުރުމަށް

ފޮޓޯ ޖެހި ލިސްޓް ވޯޓުފޮށި ކައިރީގައި ބާއްވާ ގޮތަށް ޤަވާއިދު ގެޒެޓްކުރެވުނީ އޮޅުމަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. 

ގެޒެޓްކޮށްފައިވާ ރިޔާސީ އިންތިޚާބާއި ބެހޭ ޤަވާޢިދުގެ 30 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ވޯޓުލާ ކޮންމެ މަރުކަޒެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވާ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓެއް އޮންނަން ވާނެ ކަމަށެވެ. އަދި އެލިސްޓުގައި ހިމެނޭ މީހުންގެ ފުރިހަމަ ނަމާއި، ޖިންސާއި، އަތޮޅާއި، ރަށާއި، އެޑްރެހާއި، އުފަން ތާރީޚާއި، އައިޑީ ކާޑް ނަމްބަރުގެ އިތުރުން ފޮޓޯ އެނގެން ހުންނަން ވާނެކަމަށް ޤަވާޢިދުގައިވެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ގަވައިދުގައި އެގޮތަށް ލިޔެ، އާންމުކުރެވުނީ ގެޖެޓްކުރުމުގައި އެރި އޮޅުމަކުން ކަމަށެވެ. އަދި ގަވައިދު އިސްލާހްކޮށް، އަލުން ގެޒެޓްކުރާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ. 

"އަޅުގަނޑުމެން ގަވާއިދު ފޮނުވަނީ ބަންޑާރަ ނާއިބުގެ އޮފީހަށް. ބަންޑާރަ ނާއިބުގެ އޮފީހުން ގެޖެޓްކުރުމަށް ފޮނުވާނީ ރައީސް އޮފީހަށް..... ވެދާނެ އެއީ ބަންޑާރަ ނާއިބުގެ އޮފީހުން އެރި އޮޅުމަކަށް ވެސް ނުވަތަ ރައީސް އޮފީހުން އެރި އޮޅުމަކަށް ވެސް."

ފޮޓޯ ޖެހި ވޯޓަރސް ލިސްޓް ވޯޓު ފޮށި ކައިރީގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައި، ގަވާއިދު ގެޖެޓްކުރީ، ވޯޓުލާ މަރުކަޒުތަކުގައި ބޭނުންކުރާ ލިސްޓްގައި ފޮޓޯ ނުޖަހާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އެތައް ފަހަރަކު ބުނުމަށް ފަހުއެވެ. އަދި މޫނު ބުރުގާ އަޅާ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރުމަށް ކަމަށް ބުނެ، ވޯޓަރސް ލިސްޓުގައި ފޮޓޯ ނުޖަހަން އިލެކްޝަންސް ކޮމިޝަނުން އެތައް ފަހަރަކު ވާހަކަ ދައްކާފައިވާ އިރު، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އިން އެގޮތަށް ތާޢީދުކޮށް ވާހަކަ ދައްކާފައި ވެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ފޮޓޯޖެހި ލިސްޓު ބޭނުން ނުކުރަން އުޅެނީ ވޯޓު އޮޅުވާލުމުގެ ބޭނުމުގައި ކަމަށެވެ. 

އިންތިޚާބަށް ތައްޔާރުވަމުން އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ގިނަ ނިންމުންތަކެއް ދަނީ އެކި ގޮތްގޮތަށް ބަދަލުކުރަމުންނެވެ. އެގޮތުން މަދު ރިސޯޓުތަކެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމި ނިންމުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމުގައި އެހީތެރިވާނެ ފަރާތެއް ކަނޑައެޅުމާއި ވޯޓަރސް ލިސްޓާ ބެހޭ ގޮތުން ގެނައި ބަދަލު ވެސް ފާހަގަކޮށްލެވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް