ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 16:55
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ހުރިހާ ރިސޯޓެއްގައި ވެސް ވޯޓު ފޮށި ހުންނަންޖެހޭނެ: ރައީސް ނަޝީދު
ރާއްޖޭގެ ރިސޯޓް ހަދާފައި ހުންނަނީ ބަންޑާރަ ބިމުގައި
ކޮންމެ އިރެއްގައި ވެސް އެ ތަންތަނުގައި ދައުލަތުގެ މަސައްކަތްކުރެވޭނެ

ހުރިހާ ރިސޯޓެއްގައި ވެސް ވޯޓު ފޮށި ހުންނަންޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރިސޯޓުތަކުގައިި ވޯޓު ފޮށި ބެހެއްޓުމަށް ރިސޯޓްތަކުގެ މެނޭޖްމެންޓުން ބޭނުންނުވާ ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނުން ބަހަނާތައް ދައްކަމުންގެންދަނިކޮށް ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ރިސޯޓް ހަދާފައި ހުންނަނީ ބަންޑާރަ ބިމުގައި ކަމަށެވެ. އަދި ކޮންމެ އިރެއްގައި ވެސް އެ ތަންތަނުގައި ދައުލަތުގެ މަސައްކަތްކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ބަހަނާދެއްކުން ހުއްޓާލައި، ހުރިހާ ރިސޯޓެއްގައި ވެސް ވޯޓު ފޮށި ހުންނަންޖެހޭނެ ކަމަށެވެ. 

ރައީސް ނަޝީދު އެފަދައިން ވިދާޅުވިއިރު، ވޯޓު ފޮށިތައް ބެހެއްޓުމަށް ދެކޮޅު ހަދާ ރިސޯޓުތައް ހޯދުމަށް ފަހު އެ ރިސޯޓުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކުރީގެ ބަންޑާރަ ނާއިބު ހުސްނުއް ސުއޫދު ވެސް ވަނީ ގޮވާލައްވާފައެވެ. 

އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އިއުލާން ކުރީ އެންމެ ހަތް ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމަށެވެ. ނަމަވެސް ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން އީސީން ވަނީ 100 މީހުނަށް ވުރެ ގިނަ މީހުން މަސައްކަތް ކުރާ ކޮންމެ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަން އިއުލާން ކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދީއްތަ ދުވަހު ވިދާޅުވީ ގިނަ ރިސޯޓުތަކުން އެދެނީ ވޯޓުފޮށި ނުބެހެއްޓުމަށް ކަމަށެވެ. ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ ބޭނުންވެއްޖެ ނަމަ އެރިސޯޓްތައް ހާމަކުރައްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް