ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 19:24
މުޒާހަރާ ރޫޅާލުމަށް އެސްއޯ ފުލުހުން މަސައްކަތް ކުރަނީ
މުޒާހަރާ ރޫޅާލުމަށް އެސްއޯ ފުލުހުން މަސައްކަތް ކުރަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ކުރި މުޒާހަރާ ރޫޅާލައިފި
މުޒާހަރާގައި ތިން މީހަކު ހުއްޓުވި، ފަހުން ވަނީ ދޫކޮށްލާފައި
ރޫޅާލީ މުޒާހަރާ ފެށިތާ ގަޑިއެއްހާއިރު ފަހުން
ޑިމާންޑަކީ އީސީގެ މެމްބަރުން އިސްތިއުފާ ދިނުން

މިނިވަން އިންސާފުވެރި އިންތިހާބަކަށް ގޮވާލައި، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރިމަތީގައި ކުރި މުޒާހަރާ ފުލުހުން ރޫޅާލައިފިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުންނާ އެކު، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރިމަތީގައި މުޒާހަރާ ފެށީ ހޯމަ ދުވަހުގެ މެންދުރުފަހުއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި އެ ކޮމިޝަންގެ މެމްބަރުންގެ އިސްތިއުފާއަށް ގޮވާލައި ކުރި މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފުލުހުން ފެށީ ސުލްހަވެރިކަމާ އެކު މުޒާހަރާގެ ބައިވެރިން އަޑު އުފުލަމުން ދަނިކޮށެވެ.

އީސީގެ ކުރިމައްޗަށް އެއްވި މީހުން، ޑިމާންޑުކޮށްފައި ވަނީ އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްޓަކައި ޝަރީފު އިސްތިއުފާ ދެއްވުމަށެވެ. އަދި އިންތިހާބާ ގުޅިގެން ކެމްޕެއިން ކުރުމަށް ހުރިހާ ޕާޓީތަކަށް ވެސް ހަމަހަމަ ފުރުސަތު ދިނުމަށާއި އޮޅުވާލުމުގެ ތެރެއިން އިންތިހާބުގެ ކަންކަން ކުރިއަށް ނުގެންދިއުމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ކުރިމަތީގައި ކުރިއަށް ދިޔަ މުޒާހަރާ-- ފޮޓޯ/ މުހައްމަދު ޝަރުހާން

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ކުރި މުޒާހަރާ ފުލުހުން ރޫޅާލާފައި ވަނީ މުޒާހަރަ ކުރަން ފެށިތާ ގަޑިއެއްހާ އިރު ވެސް ނުވަނީއެވެ. އަޑުގަދަ ކުރާއިން އިންޒާރު ދިނުމަށްފަހު މުޒާހަރާގެ ބައިވެރިން، އިލެކްޝަންސް ކޮމިޝަން ހުންނަ ސަރަހައްދުން ދުރަށް ޖައްސަން ފުލުހުން މަސައްކަތް ފެށި ވަގުތުގައި ވެސް މުޒާހަރާގެ ބައިވެރިންގެ އަޑުއުފުލުންތަކަށް ބަދަލެއް ނާދެއެވެ.

ރާއްޖެޓީވީ. އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުޒާހަރާގެ ތެރޭގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނާއިބު ލީޑަރު ރޮޒައިނާ އާދަމް ވަނީ އިންތިހާބާއި ގުޅިގެން އޮތް ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އޭނާ ވިދާޅުވި ގޮތުގައި ގިނަ ބަޔަކަށް ވޯޓުލުމަށް ހުރި ފުރުސަތުތައް އިލެކްޝަންސް ކޮމިޝަނުން ފަހިކޮށް ދޭންޖެހޭނެއެވެ.

މުޒާހަރާ ކުރިއަށްދިޔަ ވަގުތު، އެ ސަރަހައްދަށް ގުޅިފައިވާ ޕާޓީތަކުގެ ލީޑާޝިޕްގެ އިސް ބޭފުޅުން ވެސް ވަޑައިގެން، މުޒާހަރާގެ ބައިވެރިންނާއެކު އަޑުއުފުލާފައިވެއެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ޑިމާންޑުތަކާ އެކު، ޕާޓީޓަކުން އިންތިހާބާ ގުޅިގެން އޮތް ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައެވެ.

ގުޅިފައިވާ ޕާޓީތަކުން ކުރިއަށް ގެންދިޔަ މުޒާހަރާ-- ފޮޓޯ/ މުހައްމަދު ޝަރުހާން

މުޒާހަރާ ރޫޅާލައި، މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ދުރަށް ޖައްސައި، ފުލުހުންނަށް މަގުމަތި "ސާފު" ކުރެވުނީ މުޒަހަރާ ކުރަން ފެށިތާ ގަޑިއެއްހާއިރު ފަހުންނެވެ. އިލެކްޝަންސް ކޮމިޝަނުގެ ކުރިމަތީގައި ގުޅިފައިވާ ޕާޓީތަކުން ކުރި މުޒާހަރާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މުހައްމަދު ނިހާދާއި އަދާލަތު ޕާޓީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަދި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ މެމްބަރު ތޫބާ ރަޝީދުގެ އިތުރުން އެމްޑީޕީ ޒުވާނުން ހިތްވަރުގެ މެމްބަރު އަހުމަދު މައިމޫން މުހައްމަދު ވަނީ ހުއްޓުވާފައެވެ.

އެ މީހުން ހުއްޓުވައި، އެހެން ސަރަހައްދަކަށް ގެންދިއުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ ދޫކޮށްލާފައެވެ.

މުޒާހަރާ ނިންމާލަމުން ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ނާއިބު އިދާރީ އަލީ ނިޔާޒު ވަނީ ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމުގެ އިޝާރާތެއްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
23 ޖުލައި 2018 | ހޯމަ 11:24
ހައްހަާ
ހީވަނީ މުޒާހަރާގަ ފުލުހުން މާގިނަހެން.