ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 16:31
މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
ޝާހިދުގެ އިލްތިމާސް އިލެކްޝަންސް އަށް: ޤާނޫނު އަސާސީގެ 170 ވަނަ މާއްދާ ބައްލަވާ!
މަސްއޫލިއްޔަތުތަކުން ރެކެން މަސައްކަތްކުރުމަކީ މަޤާމާ ހަވާލުވިއިރު ކުރި ހުވަޔާ ޚިލާފުކަމެއް
އެ ހުވަޔާ ޚިލާފުވެ، އެ ހައްޤުތަކަށް އަރައިގަތުމަކީ ކޮން ފަދަ ނުބައި އަމަލެއްކަން ދަންނަންވާނެ

ޤާނޫނު އަސާސީގެ 170 ވަނަ މާއްދާއަށް ފާރަވެރިވުމަށް އިލެކްޝަންސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ. 

ޤާނޫނު އަސާސީގެ 170 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި، އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެކަންތައްތަކަށް މަގުފަހިކުރުމާއި އަދި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓުތަކުގެ ކަންތައްތައް ހިނގަނީ އިންސާފުވެރިކަމާ އެކު، ބިރުވެރިކަމެއް، ބިރު ދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި، މިނިވަންކަމާ އެކު ރައްޔިތުންނަށް ވޯޓުލުމުގެ ހައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށް ކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ. 

ޝާހިދު ވިދާޅުވީ ޤާނޫނު އަސާސީގައި ސާފުކޮށް ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކުން ރެކެން މަސައްކަތްކުރުމަކީ މަޤާމާ ހަވާލުވިއިރު ކުރި ހުވަޔާއި ޚިލާފުކަމެއް ކަމަށެވެ. އަދި މަޤާމާ ހަވާލުވަމުން މެމްބަރުން ވަނީ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ޤާނޫނު އަސާސީއަށް ރައްކާތެރިވުމަށާއި، ދިވެހި ޤައުމަށް އިޚްލާސްތެރިވުމަށާއި، ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ޤާނޫނު އަސާސީ އާއި ޤާނޫނުގައިވާ ގޮތުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އަދާކުރުން މަތީ ދެމިހުރުމަށް މާތް ﷲ ގަންދީ ހުވާކޮށްފައި ކަމަށް ޝާހިިދު ފާހަގަކުރެއްވިއެވެ. 

މިފަދަ މަތިވެރި މަސްއޫލިއްޔަތުތަކާއި ހަވާލުވެ، އެންމެހާ ރައްޔިތުންގެ ބޮޑެތި ހައްޤުތަކެއް ރައްކާތެރިކުރުމަށް ހެއްދެވި ފަރާތް ގަންދީ ހުވައިކުރުމަށް ފަހު، އެހުވަޔާއި ޚިލާފުވެ، އެހައްޤުތަކަށް އަރައިގަތުމަކީ ކޮންފަދަ ނުބައި އަމަލެއްކަން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ދަންނަންވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. 

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ޝާހިދު ގޮވާލައްވާފައި މިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ސަރުކާރުން ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަމުންދާކަމަށް އިދިކޮޅު ޕާޓީތަކުންނާއި ބައިނަލްއަޤްވާމީ މުޖްތަމައުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. އަދި ރިޔާސީ އިންތިޚާބު މިނިވަން ނުވާނެ ކަމަށް އިންޑިއާ އާއި ވިލާތުގެ އިއްތިޙާދުން މިހާރު ވެސް ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް