ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 21:44
މީގެ ކުރީގެ އިންތިޚާބެއްގައި ފޮޓޯ ޖެހި ލިސްޓް ވޯޓުފޮށި ކައިރީގައި ބާއްވާފައި
މީގެ ކުރީގެ އިންތިޚާބެއްގައި ފޮޓޯ ޖެހި ލިސްޓް ވޯޓުފޮށި ކައިރީގައި ބާއްވާފައި
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
ފޮޓޯ ޖެހި ލިސްޓް ވޯޓުފޮށި ކައިރީގައި ބާއްވާ ގޮތަށް ޤަވާޢިދު ގެޒެޓްކޮށްފި
ފޮޓޯ ޖެހި ލިސްޓް ނުބާއްވާނެކަމަށް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ބުނި
ރީ-ރަޖިސްޓަރ ކުރުމަށްފަހު ނެރޭ ވޯޓަރސް ލިސްޓުގައި އައިޑީ ކާޑު ނަމްބަރު ޖަހާ ގޮތަށް ޤަވާޢިދުވަނީ އިސްލާހުކޮށްފައި

ފޮޓޯ ޖެހި ވޯޓަރސް ލިސްޓު ވޯޓު ފޮށި ކައިރީގައި އޮންނަން ޖެހޭ ގޮތަށް ރިޔާސީ އިންތިޚާބާއި ބެހޭ ޤަވާޢިދު ގެޒެޓްކޮށްފިއެވެ.

ފޮޓޯ ޖެހި ވޯޓަރސް ލިސްޓް ވޯޓު ފޮށި ކައިރީގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ފޮޓޯ ޖެހި ލިސްޓް ނުބާއްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން އެތައް ފަހަރަކު ބުނުމަށްފަހުއެވެ. އަދި މޫނު ބުރުގާ އަޅާ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރުމަށް ކަމަށް ބުނެ، ވޯޓަރސް ލިސްޓުގައި ފޮޓޯ ނުޖަހަން އިލެކްޝަންސް ކޮމިޝަނުން އެތައް ފަހަރަކު ވާހަކަ ދައްކާފައިވާ އިރު، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް. އިން އެގޮތަށް ތާއީދު ކޮށް ވާހަކަ ދައްކާފައިވެއެވެ.

އެހެން ނަމަވެސް މިހާރު ގެޒެޓްކޮށްފައިވާ ރިޔާސީ އިންތިޚާބާއި ބެހޭ ޤަވާޢިދުގެ 30 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ވޯޓުލާ ކޮންމެ މަރުކަޒެއްގައި, ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވާ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓެއް އޮންނަން ވާނެކަމަށެވެ. އަދި އެލިސްޓުގައި ހިމެނޭ މީހުންގެ ފުރިހަމަ ނަމާއި، ޖިންސާއި، އަތޮޅާއި، ރަށާއި، އެޑްރެހާއި، އުފަން ތާރީޚާއި، އައިޑީ ކާޑް ނަމްބަރުގެ އިތުރުން ފޮޓޯ އެނގެން ހުންނަން ވާނެކަމަށް ޤަވާޢިދުގައި ވެއެވެ.

މީގެ އިތުރުން ރީ-ރަޖިސްޓަރ ކުރުމަށްފަހު ނެރޭ ވޯޓަރސް ލިސްޓުގައި އައިޑީ ކާޑު ނަމްބަރު ޖަހާ ގޮތަށް ޤަވާޢިދު ވަނީ އިސްލާހުކޮށްފައެވެ. ވޯޓަރސް ލިސްޓް އާއްމުކުރި އިރު އިލެކްޝަންސް ކޮމިޝަނުން އައިޑީ ކާޑު ނަމްބަރު ހިމަނާފައި ނުވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.  

އިންތިޚާބަށް ތައްޔާރުވަމުން އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ގިނަ ނިންމުންތަކެއް ދަނީ އެކި ގޮތްގޮތަށް ބަދަލުކުރަމުންނެވެ. އެގޮތުން މަދު ރިސޯޓުތަކެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމި ނިންމުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމުގައި އެހީތެރިވާނެ ފަރާތެއް ކަނޑައެޅުމާއި ވޯޓަރސް ލިސްޓާއި ބެހޭ ގޮތުން ގެނައި ބަދަލު ވެސް ފާހަގަކޮށްލެވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް