ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 14:45
މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު
މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު
ޕީޕަލް މެގަޒިން
ރައްޔިތުންގެ މަޖިލިސް
މެމްބަރުން ހަމަނުވެގެން ދެ ބިލް ފާސްކުރުން ފަސްކޮށްފި
ހާލަތުލްޟަރޫރާގެ ދަށުން މިމަހުގެ ތެރޭގައި ވަނީ ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނެސްފައި
ދެ ދުވަހު ވޯޓަށް އެހުމަށް އެޖެންޑާ ކުރުމަށްފަހު ތިން ވަނަ ދުވަހު ފާސް ކުރަނެ ކަމަށް ބެލެވޭ
ސަރުކަރަށް ވަނީ މަޖިލީހުގެ މެޖޯރިޓީ ގެއްލިފައި

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމަށް އެޖެންޑާ ކޮށްފައިވާ ކަންކަމަށް ވޯޓަށް އަހަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާތީ ވޯޓަށް ނާހާ ޖަލްސާ ނިންމާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު ޖަލްސާ ނިންމާ ލައްވަވަމުންވިދާޅުވީ ވޯޓަށް އެހުމަށް އެޖެންޑާ ކުރެވިފައިވަނީ ވަރަށް މުހިއްމު ބިލްތަކެއް ކަމަށާއި އެ ފަދަ ބިލްތަކަށް ވޯޓަށް އަހާއިރު، ޖަލްސާގައި ވަކި އަދަދަކަށް މެމްބަރުން ތިބެންޖެހޭ ކަމަށާއި ނަމަވެސް އެ އަދަދަށް މިޖަލްސާގައި މެމްބަރުން ބައިވެރިވެފައި ނުވާކަމަށެވެ. 

އެހެންކަމުން މަސީހު ވަނީ ހޯމަ ދުވަހުގެ ޖަލްސާގައި އެބިލްތަކަށް ވޯޓަށް ނާހައި، ޖަލްސާ ނިންމާލާފައެވެ. އަދި އަންގާރަ ދުވަހުގެ ޖަލްސާގައި އެ ބިލްތަކަށް ވޯޓަށް އެހުން އޮންނާނެ ކަމަށްވެސް މަސީހު ވަނީ އިއުލާނު ކުރައްވާފަ އެވެ. 

ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކަންކަން މަޖިލީހުން ނިންމާއިރު، އެޖަލްސާގައި މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން ތިބެންޖެހެ އެވެ. މިހާރު ހިނގަމުންދާ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 85 މެމްބަރުންނެވެ. އެހެންކަމުން އެފަދަ ބިލަކަށް ވޯޓަށް އެހޭނީ 43 މެމްބަރުން ބައިވެރިވާ ޖަލްސާއެއްގަ އެވެ.

މީގެ އެއް އަހަރުކުރިން ފެށިގެން ސަރުކާރަށް އޮތީ މަޖިލީހުގެ މެޖޯރިޓީ ގެއްލިފަ އެވެ. އެހެންކަމުން އެފަދަ ބިލްތައް މިހާރަކަށް އައިސް ފާސް ކުރަމުންދަނީ "ހާލަތުލްޟަރޫރާ"ގެ ދަށުން ކަމަށް ބުނެފަ އެވެ. 

މިމަހުގެ ތެރޭގައި މަޖިލީހުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހީމަށް  ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭގޮތަށް، ގާނޫނަށް އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހު ވެސް ފާސްކޮށްފައި ވަނީ "ހާލަތުލްޟަރޫރާ"ގެ ދަށުން ނެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ވޯޓަށް އެހުމަށް އެޖެންޑާ ކޮށްފައިވަނީ ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި، ޕަބްލިކް ސާރވިސް މީޑިއާގެ ގާނޫނަށް ހުށަހެޅި އިސްލާހުގެނައުމުގެ ބިލާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހަބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލެވެ.

ޕީއެސްއެމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ޕީއެސްއެމްގެ ބޯޑުގައި މިހާރު ހިމެނޭ ހަތް މެމްބަރުންގެ އަދަދު ފަހަކަށް ދަށްކޮށް، އެބިލް މަޖިލީހުން ފާސްކޮށް، އެބިލް ތަސްދީގު ކުރާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އަލުން ޕީއެސްއެމްގެ ބޯޑަށް މެމްބަރުން އައްޔަން ކުރުމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ މެމްބަރުކަމަށް ކުރިމަތިލާ ފަރާތްތަަކުން ދައްކަންޖެހޭ ފީ 5000ރ އިން 15000ރ އަށް ބޮޑު ކުރުމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް