ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 14:39
ޕޮލެންޑް ސަރުކާރުގެ އާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ އެޑަމް ބްރަކޮވުސްކީ
ޕޮލެންޑް ސަރުކާރުގެ އާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ އެޑަމް ބްރަކޮވުސްކީ
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފިސް
ޕޮލެންޑް ސަރުކާރުގެ ނޮން-ރެޒިޑެންޓް ސަފީރު ފަތްކޮޅު އަރުއްވައިފި
ފަތްކޮޅު އެރުވުން އޮތީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި

ޕޮލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ އެޑަމް ބްރަކޮވުސްކީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ހޯމަ ދުވަހު އަރުއްވައިފިއެވެ.

ހޯމަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޕޮލެންޑްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ ތަހުނިޔާ ދެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ޕޮލެންޑާ ދެމެދުގައި ދޭދޭގުޅުން ޤާއިމުކުރެވުނުތާ 34 އަހަރުވެފައިވާކަން ފާހަގަކުރައްވައި، އާ ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި ޕޮލެންޑާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާވަނީ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ޕޮލެންޑްގެ އާ ސަފީރާ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ ޤުދުރަތީގޮތުން ކުޑަ ޤައުމެއްކަމަށާއި، ކަނޑުގެ ލޮނުގަނޑުބޮޑުވުމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރެއްވިއެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖޭގެ ތަރައްޤީއަށް މި ސަރުކާރުން ގެންގުޅުއްވާ ވަރުގަދަ އިޤްތިޞާދީ އެޖެންޑާގެ ދަށުން ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ޕޮލެންޑްގެ ސަފީރާ ޙިއްޞާކުރައްވައި، ރާއްޖޭގެ ސިޔާސީ މަސްރަހުގެ މަޢުލޫމާތު ވެސް ޙިއްޞާކުރައްވާފައެވެ.

ޕޮލެންޑްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ޕޮލެންޑުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރުގެ ގޮތުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، އެމަނިކުފާނު ވަނީ ދެޤައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް