ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 16:02
ސ. މަރަދޫ، ޝޮމްރޮކް އައިމިނަތު ޝާހީ: ދައުވާ އުފުލާފައި ވަނީ 2013 ވަނަ އަހަރު
ސ. މަރަދޫ، ޝޮމްރޮކް އައިމިނަތު ޝާހީ: ދައުވާ އުފުލާފައި ވަނީ 2013 ވަނަ އަހަރު
ސަން
މަރުގެ މައްސަލަތައް
ތުއްތު ދަރިފުޅު މަރާލި ކަމުގެ ދައުވާ ލިބޭ ދެމަފިރިއަކު ގޭ ބަންދަށް ދޫކޮށްލަން އަމުރުކޮށްފި
އެ މީހުންގެ ދައުވާއަށް ހަ އަހަރު ވަނީ ވެފައި
ގޭ ބަންދަށް ދޫކޮށްލުމަށް ދައުލަތުން އިއުތިރާޒެއް ނުކުރި
ދަރިފުޅު މަރާލި ހާދިސާއަކީ 2012ގައި ހިނގި ކަމެއް

އައްޑޫ ސިޓީ މަރަދޫފޭދޫގައި ވިހެއުމަށްފަހު އަމިއްލަ ދަރިފުޅު މަރާލި ކަމުގެ ދައުވާ ލިބޭ ދެމަފިރިއަކު ގޭ ބަންދަށް ބަދަލު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މީގެ ހަ އަހަރު ކުރިން ހިނގި އެ ހާދިސާއާ ގުޅިގެން ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާ ލިބޭ ސ. މަރަދޫ، ޝޮމްރޮކް އައިމިނަތު ޝާހީ އާލަމާއި އޭނާގެ ފިރިމީހާ ސ. މަރަދޫފޭދޫ، ފިނިފެންމާގޭ އިބްރާހިމް ވިސާމު ގޭ ބަންދަށް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ހޯމަ ދުވަހު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައެވެ.

އެ ދެ މީހުން ދޫކޮށްލަން އަމުރު ކުރުމުގެ ކުރިން، ގާޒީ ވަނީ އެކަމާ ގުޅޭ ގޮތުން ދައުލަތުގެ އިއުތިރާޒެއް އޮތްތޯ ބެލުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލުން އަރިހުން އަހާފައެވެ. ރައްދުގައި ޕީޖީގެ ވަކީލުން ވިދާޅުވީ އެ މީހުން ބަންދުން ދޫކޮށްލުމަށް މީގެ ކުރިން ދައުލަތުން އިންކާރުކޮށްފައި ވާނެ ކަމަށާއި ސަބަބަކީ އެ މީހުން ބަންދުން ދޫކޮށްލައިފިނަމަ، ހެކިންނަށް ނުފޫޒު ފޯރުވަފާނެތީ ކަމަށެވެ. ނަމަވެސް ހެކިންގެ ހެކި ބަސް ނަގާފައިވާތީ، އެ މީހުން ގޭބަންދަށް ދޫކޮށްލިޔަސް އިއުތިރާޒެއް ނެތް ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

ޝާހީ އާއި ވިސާމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ އެ ދެމަފިރިން ކައިވެނިކޮށްގެން އަންހެންމީހާ ވިހޭ ތުއްތުކުއްޖާ ގަސްދުގައި މަރާލުމަށް އެދެމަފިރިން މަސައްކަތްކޮށް ކުއްޖާ ވިހޭ ދުވަހުގެ ރޭ ސ. މަރަދޫފޭދޫ އަތިރިމަތީގައި ވަޅުލާފައިވާ ކަމަށާއި، ތުއްތު ކުއްޖާއަށް ލިބުނު ޒަހަމްތަކާ އެކު އެދެމަފިރިންގެ އިހުމާލުން މަރުވެފައިވާތީ ގަސްދުގައި މީހަކު މަރާލިކަމުގެ ކުށުގެ ދައުވާ އުފުލާ ކަމަށެވެ. ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ އައިމިނަތު ޝާހީ ކައިވެނިކޮށްގެން ބަލިވެއިން ދުވަސްތަކާއި ވިހެއުމަށްފަހުވެސް ކުއްޖާ ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށާ، ބަލިވެއިނދެ ދަރިވައްޓާލުމުގެ ނިޔަތުގައި ދަރިވައްޓާލަން ބޭނުންކުރާ ޒާތުގެ ބޭހެއް ބޭނުންކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން، އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ދައުވާ އުފުލާފައި، ޝަރީއަތް ފަށާފައި ވަނީ 2013 ވަނަ އަހަރުގެ މެއި މަހުއެވެ. އެ ދައުވާއަށް ހަ އަހަރު ފުރިގެންދާއިރު، ދަށު ކޯޓުގެ މަރުހަލާގައި ވެސް އެ މައްސަލަ ދަނީ ދިގުދެމިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް