ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 19:18
ފައިސަލް ވިލިމާލޭގައި ރައްޔިތުންގެ ބަޔަކާ ވާހަކަ ދައްކަވަނީ
ފައިސަލް ވިލިމާލޭގައި ރައްޔިތުންގެ ބަޔަކާ ވާހަކަ ދައްކަވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ފައިސަލް ވިލިމާލޭގެ ބައެއް ރައްޔިތުންގެ ގާތަށް
ބޯހިޔާވަހިކަމުގެ މައްސަލަތައް ވިލިމާލެއިން ވަރަށް ބޮޑަށް ފާހަގަ ކުރެވުނު: ފައިސަލް

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންގ މޭޓް، ފައިސަލް ނަސީމް ވިލިމާލެއަށް ވަޑައިގެން ބައެއް ރައްޔިތުންނާއި ބައްދަލު ކުރައްވައިފި އެވެ.

އާދިއްތަ ދުވަހުގެ މެންދުރު ފަހު ފައިސަލް ވިލިމާލެ ވަޑައިގެން ދޮރުން ދޮރަށް ހިންގަވައި ގިނަ ރައްޔިތުންނާ ވަނީ ބައްދަލު ކުރައްވާފަ އެވެ. އަދި އެކި މީސްމީހުންގެ ދިރިއުޅުއްވުގެ ހާލު އޮޅުންފިލުއްވާ އެމީހުންނަށް ދަތިވާ ބައެއް ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރެއްވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ ވިލިމާލޭގައި ހުރި ގިނަ މައްސަލަތަކެއް އެނގިގެން ހިނގައްޖެ ކަމަށާއި އެގޮތުން  ބޯހިޔާވެރިކަމުގެ މައްސަލަތައް ވިލިމާލެއިން .ފާހަގަ ކުރެއްވުނު ކަމަށެވެ. އެހެން ނަމަވެސް ވިލިމާލޭގައި ހުރި މައްސަލަތަކަށް ހައްލު ހޯދަދިނުމަށް ގުޅިފައިވާ ކޯލިޝަނުގެ ސަރުކާރެއްގައި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.  

ވިލިމާލޭގެ ގެއެއްގައި ތިބި އާންމުގެ ބަޔަކާ ފައިސަލް ބައްދަލު ކުރައްވަނީ؛- ގިނަ ގެތަކަށް ފައިސަލް ވަނީ ވަޑައިގެންފައި

ނުކުޅެދުންތެރިކަން ހުންނަ މީހުނަށް އެމީހުނަށް ބޭނުން މީހަކު ގޮވައިގެން ވޯޓުލާން ދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅޭ ގޮތުން ފައިސަލް އެކަން ހާސިލްވީ ގުޅިފައިވާ ޕާޓީތަކުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ކުރި މަސައްކަތުން ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ގައުމުގައި ހުރި ގޯސްތައް ފިލުވަން ލިބޭ ފުރުސަތެއް ކަމަށް ވެސް ފައިސަލް ފާހަގަ ކުރެއްވި އެވެ.  

މީގެ އިތުރުން ފައިސަލް ވަނީ ރީ-ރަޖިސްޓްރީ ކުރުމަށް ހުރިހާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލައްވާފަ އެވެ.

ވިލިމާލޭގައި ދިރިއުޅޭ ބައެއް މީހުން ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ ސަބަބުތަކާ ބެހޭ ގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކާފަ އެވެ. އޭގެ ތެރެއިން ރައީސް ޔާމިނަށް މީގެ ކުރިން ތާއިދު ކުރި ބައެއް މީހުން ބުނީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ޖަލު ހުކުމް އިއްވި ފަހުން ރައީސް ޔާމީނަށް ތާއިދު ކުރުން ހުއްޓާލާފައިވާ ކަމަށެވެ.

ފައިސަލް ވަނީ ކާށިދޫ އަދި ގާފަރަށް ވެސް ވަޑައިގެން އެރަށުގެ ބައެއް މީހުންނާ ބައްދަލު ކުރައްވާފަ އެވެ. އަދި މާލޭގައިވެސް އެކި ރަށްރަށުގެ ރައްޔިތުންނާ ފައިސަލް ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް